އިހަވަންދޫ ވަރަށް ތަފާތު، އިބޫ ވިދާޅުވީ މިކަން ވެއްޖެ ކަމަށް

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހއ. އިހަވަންދު އަށް މިއަދު ވަޑައިގަތުމުން، އެ ރަށުގެ ސަޕޯޓަރުން އޭނާ އަށް ދެންނެވި ތަފާތު މަރުހަބާއާ އެކު، އިންތިޚާބު ކާމިޔާބުކޮށް "މިކަން މިއޮތީ ނިމިފައި" ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ މި ރަށަށް އިބޫ އާއި އިއްތިހާދުގެ ޓީމު މިއަދު ހަވީރު ވަޑައިގެންނެވިއިރު، ރަށުގެ ބަނދަރު އެއްކޮޅުން އަނެއް ކޮޅަށް ވަނީ އިއްތިހާދުގައި ހިމެނޭ ޕާޓީގެ ކުލަތަކުން ޒީނަތްތެރި ކޮށްފަ އެވެ.

އިބޫ، އިހަވަންދުއަށް ފައިބައިވަޑައިގެންނެވި ސިޑިއާ ދިމާލުގައި ހަރުކޮށްފައި ހުރީ ދޮރެކެވެ. "ޖަޒީރާ އިހަވަންދޫއަށް މަރުހަބާ" ލިޔެފައިވާ އެ ދޮރުގައި އިބޫ ޓަކި ޖައްސާލެއްވުމާ އެކު، އެ ދޮރު ހުޅުވީ ދޮރުވާނުންގެ ގޮތުގައި ފޭލި އަނދެގެން ތިބި ދެ ފިރިހެނެކެވެ.

އެ ދޮރުން އިބޫ ރަށަށް އަރައި ވަޑައިގެންނެވިއިރު، ސަލާމް ކުރެއްވުމަށް ދިގު ކިޔޫއެއް ހަދާފައި އޮތެވެ. ދެ ޖިންސުގެ އެކި ފުރައިގެ މީހުންނެވެ. ގިނައިން ތިބީ އަންހެނުންނެވެ. އާބާދީގައި 3،000 އެއްހާ މީހުން ދިރިއުޅޭ އިހަވަންދު އަކީ މަސްވެރި ރަށަކަށް ވާއިރު ރަށުގައި މިވަގުތު ގިނައިން ތިބީ އަންހެނުންނާއި ދުވަސްވީ ފިރިހެންނުންނެވެ.

އިބޫ އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

ރީނދޫ ކުލައިގެ ހަވީރީ ހެދުންތަކުގައި ތިބި މީހުންގެ ކިޔޫ މި ރަށުގެ ބަނދަރުން ފެށިގެން ގޮސް ރަށު ތެރޭގައި ހުޅުވާފައިވާ އެމްޑީޕީ ހަރުގެއާ ހަމައަށް އޮތެވެ. އެ ހުރިހާ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށް އިބޫ ވަނީ ބައިގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަ ކުރައްވައިފަ އެވެ.

ސަލާމް ކުރައްވަމުން ގެންދެވިއިރު، ސަފުގެ ފަސް ހިސާބެއްގައި އިދިކޮޅު ކޯލިޝަންގެ ވައުދުތައް ތަމްސީލެއްގެ ސިފައިގައި ދައްކާލަމުން ދިޔަ އެވެ. އެ އިން އެއް ސްޓޯލެއްގައި ދަނޑުވެރިއަކު މިރުސް ގަހެއް ހިފައިގެން އިނެވެ. އިބޫ ވަނީ އެ ގަހުން މިރުސް ބިނދެ ދަނޑުވެރިޔާ އަށް ފައިސާ ދީފަ އެވެ. އަދި ދިވެހި ވަންތަ މަސައްކަތްތެރި ކަމާއި ފުރިހަމަ ސިއްހީ ނިޒާމެއް ލިބިފައިވާކަން ދައްކުވައިދޭ ސްޓޯލްތައް ވެސް ހުއްޓެވެ. އެ ތަމްސީލްތައް ރޭވުމުގައި އިސްކޮށް އުޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ކޮމޭޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

އިބޫ އިހަވަންދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެއްނެވުން-- ފޮޓޯ: އެމްޑީޕީ

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބް ކުރައްވައި އުފަލުން ހުންނެވި އިބޫ ވިދާޅުވީ "މި ރަށް މި އޮތީ 23 ސެޕްޓެމްބަރަށް ފައްކާވެފައި" ކަމަށެވެ. މި ރަށުން ބޮޑު އަޣުލަބިއްޔަތެއް ލިބޭނެކަން ޔަގީން ވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް، ފަރުވާ ކުޑަނުކޮށް މަސައްކަތް ކުރެއްވުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.

"ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއް މުހިންމު. ސިޔާސީ ކަންކަމުގައި ވަރަށް އަވަހަށް ބަދަލުތައް އާދޭ. ތޭވީސް ސެޕްޓެމްބަރުގައި ތިބޭފުޅުން ނުކުންނަވައި ވޯޓު ދެއްވާ،" އިހަވަންދޫގެ އިދިކޮޅު ސަޕޯޓަރުންނަށް އިބޫ ވިދާޅުވި އެވެ.

ކޯލިޝަންގެ ވެރިކަމެއްގައި މި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިބޫ ވަނީ މިއަދު ވައުދުވެވަޑައިގެންފަ އެވެ.

އިހަވަންދު އަށް އިބޫ ވެވަޑައިގެންނެވި ވައުދުތައް:

• ގޯތި ދޫކުރުމަށް ބިން ހިއްކުން. • ސިނާއީ މަސައްކަތްތަކަށް ހިއްކި ބިމުން ޖާގަ ދިނުން. • އޮޑި އެހެލާ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުން. • ބަނދަރު ހަދައިދިނުން. • މަސް ގަންނާނެ އިންތިޒާމް ހަމަޖައްސާނަން. • އައިސް ޕްލާންޓް ބޮޑުކޮށް ކެޕޭސިޓީ ބޮޑު ކުރުން. • ތަފާތު ކުޅިވަރުތައް ކުޅެވޭނެ ދަނޑުތަކެއް ހެދުން. • ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން. • ވަސީލަތާއި ޑޮކްޓަރުން ދިނުން. • މަގުތަކުގައި ތާރު އެޅުން. • ރަށުގައި ތިބެގެން މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހަމަޖައްސައިދިނުން.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކޮށް، ޕީޕީއެމްގައި ކުރިން އުޅުނު މި ރަށުގެ ބައެއް ހިދުމަތްތެރިންނާއި ވިޔަފާރިވެރިން ވަނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިބޫ އަށް ތާއީދު ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

އިބޫ އިހަވަންދު އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ.--- ފޮޓޯ: އެމްޑީޕީ

އިހަވަންދޫގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އިބޫ މި ރަށުން ފުރާވަޑައިގަތުމަށް ބަނދަރަށް ވަޑައިގެންނެވުމުން ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެ އިބޫއަށް ތާއީދުކޮށް އަޑު އުފުއްލާފައި ވެ އެވެ. އެ މީހުން އިބޫ އަށް ދިން ޔަގީން ކަމަކީ ރިޔާސީ އިންތިޚާބުގައި އެ ރަށުގެ 81 ޕަސެންޓް، ވޯޓު އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމެވެ.