ވަޒީފާގެ ޔަގީންކަން ހޯދަން މިއީ ރަނުގެ ފުރުސަތެއް، އޭގެ ބޭނުން ހިފާ: ފައިސަލް

ވަޒީފާގެ ޔަގީން ކަން އޮތީ މި ސަރުކާރަށް ނޫނެކޭ ބުނެގެން ކަމަށް ވިދާޅުވެ ލިބިފައިވާ މި ފުރުސަތުގެ ބޭނުން ހިފުމަށް އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ގޮވާލައްވައިފި އެވެ.


މިރޭ މާފަންނުގައި އިދިކޮޅު ކޯލިޝަންގެ ޖަގަހައެއް ހުޅުވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ އިސްލާހީ ހަރަކާތުގައި މަސައްކަތް ކުރާތީ އެއްވެސް ހައްގަކާ ނުލައި، މީހުން ވަޒީފާ އިން ވަކިކޮށް ނުވަތަ ވަޒީފާ އެހެން ތަންތަނަށް ސަރުކާރުން ބަދަލު ކުރަމުންދާ ކަމަށެވެ. އެ ކަންކަމަށް ފަސް ޖެހުމެއް ނެތި، އިސްލާހީ މަސައްކަތުގައި ބައެއް މީހުން މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ މީހުންގެ ކިބައިން ހިތްވަރު ލިބިގަންނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ވަކި ގޮތަކަށް ކަންތައްތަކެއް ކުރާކަށް ލާޒިމެއް ނުކުރެވޭނެ. މަޖުބޫރުން މަސައްކަތް ކުރުވުމަކީ ގާނޫނު އަސާސީން އެއްގޮތަކަށް ވެސް ހުއްދަ ކުރާ ކަމެއް ނޫން." ފައިސަލް ވިދާޅުވި އެވެ،

ފައިސަލް ވިދާޅުވި ގޮތުގައި ވަޒީފާ ގެއްލިދާނެ ކަމަށް ނުވަތަ ވަޒީފާ ބަދަލުކޮށްފާނެ ކަމުގެ ބިރަށް ފަސްޖެހުމުގެ ބަދަލުގައި ވަޒީފާގެ ޔަގީން ކަން ލިބެން އޮތީ މި ސަރުކާރަށް ނޫނެކޭ ބުނެގެންނެވެ. މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ މިހާރު މި އޮތީ އެ ފުރުސަތު ލިބިފައި ކަމަށާއި އޭގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. އަދި ނުހައްގުން ވަޒީފާ ބަދަލުކޮށް ނުވަތަ ވަކިކޮށްފައިވާ ފަރާތްތަކަށް އިދިކޮޅު ކޯލިޝަންގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އޭގެ ބަދަލު ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖެހިލުންވެ އަޅުގަނޑުމެން ގޭގައި މަޑުކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ކޮންމެ މީހަކު ވެސް މިއަދު ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފަން އެބަޖެހޭ. ދިވެހި ޒުވާނުންނަށް ވަޒީފާގެ ޔަގީންކަން ލިބެން އޮތީ، ވަޒީފާގެ މާހައުލު ރައްކާތެރިކޮށް، ހިމޭން މާހައުލަކަށް ހެދެން އޮތީ މިއަދު މި ދައްކާ ބިރުތަކާއި ފޯރުވާ ނުފޫޒުތަކަށް ސީދާ އިދިކޮޅު ހަދައިގެން،" ފައިސަލް ވިދާޅުވި އެވެ.

"ފަސް އަހަރުން އެއް ފަހަރު ލިބޭ ފުރުސަތަކީ ވަރަށް މަދު ފުރުސަތެއް. އަޅުގަނޑުމެންގެ ގައުމުގެ މިސްރާބު އަޅުގަނޑުމެން ބޭނުންވާ ދިމާލަކަށް ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ގޮތެއް ނިންމަން އަޅުގަނޑުމެންނަށް ލިބޭ ފުރުސަތު މިއީ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެމްޕެއިނަށް ހުރަސް އެޅުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުން ވެސް އެނގިގެންދަނީ ސަރުކާރު ބަލިވަމުންދާ ކަން ކަމަށެވެ. ހުރަސް އެޅުމުގެ ގޮތުން އެކި ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިޔަސް، އިދިކޮޅު ކޯލިޝަނުން ކުރާނީ ރީތި ކެމްޕެއިނެއް ކަމަށާއި އިންތިޚާބު ކާމިޔާބު ކުރާނީ ވެސް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބާ ހަމައަށް ވެސް އަޅުގަނޑުމެން ދައްކަމުން ދާނީ ރީތި މިސާލެއް. ރީތި ގޮތުގައި ބާރަށް މަސައްކަތް ކުރަމުން ގޮސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިޚާބު ކާމިޔާބު ކުރާނީ،" ފައިސަލް ވިދާޅުވި އެވެ.