ރައީސް ޔާމީނަށް 2018 ދިނުމަށް ކަމަރު ބަންނަން ޖެހޭ: ނިހާން

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، މި އަހަރުން ފެށިގެން 2023 އާ ހަމައަށް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ދިނުމަށް ކަމަރު ބަންނަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަން ކުރާ ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ކަންކޮޅުތަކަށް ތަރައްގީ ގެނެސްދެނީ ތަފާތު ކުރުމެއް ނެތި ކަމަށެވެ.

މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖާއި ހުޅުމާލޭގައި އަޅަމުން އަންނަ 7000 ހައުސިން ޔުނިޓުން މިސާލު ނަންގަވައި ނިހާން ވިދާޅުވީ ގައުމު ތަރައްގީ ކުރަން ރައީސް ޔާމީނަށް އިތުރު ފަސް އަހަރުގެ ދައުރެއް ދޭން ރައްޔިތުން ތިބީ އެއްބަސްވެ، ވޯޓު ދޭން ތައްޔާރަށް ކަމަށެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.

އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ނިހާން ވިދާޅުވީ ހަމްދަރުދީ ހޯދުމުގެ ބޭނުމުގައި އެމްޑީޕީގެ ޖަގަހަ ރޯކޮށްލުމާ ހަމައަށް، އެ ޕާޓީގެ ތެރޭގައި މީގެކުރިން ވިސްނުން ގެންގުޅުނު ކަމަށެވެ. އެކަމަކު، މި ސަރުކާރުގެ އިސް ބޭފުޅުންގެ މެދުގައި ވަގު ބަދުނާމު އަޅުވައި އަނިޔާވެރިކަމުގެ ވާހަކަ ދައްކައި، ރައްޔިތުން މަގު ފުރެއްދުމަށް މަސައްކަތް ކުރަނީ ޒަމާނުއްސުރެ، ގެންގުޅޭ ތަރުތީބުގެ ދަށުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވައި، ނިހާން ރައްޔިތުންނާ އެއްސެވި ސުވާލަކީ އެއީ ވެސް އަނިޔާތޯ އެވެ.

"އަނިޔާއެއްތޯ މި ބްރިޖު މިއީ؟ އަނިޔާއެއްތޯ މި މަގު މިއީ؟ އަނިޔާއެއްތޯ މިހިރަ ސްކޫލްތައް މިއީ؟ ނުދެއްކޭނެ މިއެއް. އެހެންވީމަ އަޅުގަނޑުމެން 23 ސެޕްޓެމްބަރުގައި އަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން އެންމެ ހެނދުނާ ނުކުމެ އެއް ނަންބަރު ކެންޑިޑޭޓަށް ވޯޓު ދީ ނިންމަން،" ރިޔާސީ އިންތިޚާބުގައި އެއް ނަންބަރު ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.

ހުޅުމާލޭގައި ވެރިކަން ކުރާ ޕީޕީއެމުން ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. -

ނަޝީދުގެ އޮތީ އިސްލާމް ދީނާ ދުރު ފިކުރެއް ކަމަށް ވިދާޅުވެ، ނިހާން ވިދާޅުވީ 2018 އިން ފެށިގެން 2023 އާ ހަމައަށް ރައީސް ޔާމީނަށް ވެރިކަން ދިނުމަށް ކަމަރު ބަންނަން ޖެހޭ ކަމަށެވެ.

"ބާރަށް ބަންނަވާ. ވަރަށް ރަނގަޅަށް ބާރަށް ބަނދެގެން ތިއްބަވާތި،" ނިހާން ވިދާޅުވި އެވެ.

ހުޅުމާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ވަޒީރުންގެ މަޖިލިހާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންގެ އިތުރުން، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ އާންމުންތަކެއް ބައިވެރިވި އެވެ.