އިދިކޮޅު ޖަލްސާއަކަށް ހުއްދަ ދޭކަށް ދެނެއް ނުކުރޭނެ: އަލީ ޒާހިރު

އިދިކޮޅު ޕާޓީތަކުން މާލޭގެ އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ފެނި، އިތުރު ޖަލްސާއަކަށް ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ސިޔާސީ ހަރަކާތެއް ހިންގަން، ތިން އަހަރަށް ފަހު ބިމެއް ދޫކުރުމުން، ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ. އެއީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިޔާސީ ހަރަކާތަކަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއްވި ޖަލްސާ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.

އެ ޖަލްސާގައި ބައިވެރިވި އަދަދާ ގުޅުވައި، އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ހަރަކާތަކަށް ޖާގަ ނުދީ ހިފެހެއްޓީ އެހާ ގިނަ އަދަދެއްގެ މީހުން ނުކުންނާނެ ކަން އެނގޭތީ ކަމަށެވެ.

"ދެން ސިވިލް ސާވަންޓުންނަށް ބިރުދައްކާފައި މި ބުނަނީ، ޒުވާނުންނެއް ނެތޭ،" އިދިކޮޅު ޖަލްސާ އަށް ޒުވާނުން ނުނިކުތުމުން، ރަށްތަކުން މީހުން ގެންދިޔަ ކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަލީ ޒާހިރު ވިދާޅުވި އެވެ.

ރޭގެ ޖަލްސާ އަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ޖަލްސާ އަށް ނުކުންނަން ޒުވާނުން ބޭނުން ނުވި ކަމަށެވެ. ޒުވާނުން ތިބީ، އެމަނިކުފާނާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ދައްކަވަމުންދާ ބިރަށް ބެލުމެއް ނެތި ހުރިހާ އުމުރެއްގެ މީހުން ވެސް އިދިކޮޅު ޕާޓީތަކާ އެކު ނުކުންނަން ފަށައިފި އެވެ. އެހެންކަމުން އިތުރަކަށް "އަސްލެއް ނުފޮރުވޭނެ" ކަމަށް ވެސް ވިދާޅުވި އެވެ.

އިދިކޮޅު ތިން ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން ޖަމާވެގެން ބޭއްވި ޖަލްސާ އަކީ މެއި، 1، 2015 ގައި ބޭއްވި އެއްވުމަށް ފަހު މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ. އެއްވެ އުޅުމުގެ ގާނޫނަށް ބަދަލު ގެނެސް ސިޔާސީ ހަރާކާތްތަކަށް ހުރަސްއަޅަން ފެށީ، އެ އެއްވުމަށް ފަހު އެވެ.

މިކަމާ ގުޅުވައި އިދިކޮޅުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި، ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އަބަދު މުޒާހަރާކޮށް، އުނދަގޫތަކެއްގެ ތެރޭގައި އުޅެން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްގީއާ އެކު އަމާން މާހައުލެއްގައި ދިރިއުޅުން ވޭތުކުރަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެ އެވެ.