ޒުވާނުންގެ ފައިގައި ޓެގް އެޅުވުމުގެ ބޭނުމެއް މިހާރަކު ނެތް: ހޯމް މިނިސްޓަރު

ޒުވާނުން ޒިންމާދާރުވެ، އަމިއްލަ ފައިމައްޗަށް ތެދުވެއްޖެ ކަމަށާއި އެހެންވެ، އެ މީހުންގެ ފައިގައި ޓެގު އެޅުވުމުގެ ބޭނުން ކެނޑިއްޖެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.


ޕީއެސްއެމުން ރޭ ގެނެސްދިން، "ތަރައްގީ އާ ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލެ ތެރޭގައި ބިރުވެރިކަން އުފައްދަމުން ދިޔަ އެތައް ކުދިންނެއް މިހާރު ރަނގަޅުވެ، ގައުމުގެ ތަރައްގީގެ ހިއްސާދާރުންނަށް ވެފައިވާ ކަމަށެވެ. އަދި އެ މީހުން މެދުވެރިކޮށް، މިއަދު ޖަރީމާ ހިންގަން އުޅޭ ބަޔަކަށް އެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށީ 2016 ވަނަ އަހަރު އެވެ. މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ އަމުރުގެ ދަށުން 10 މީހެއްގެ ފައިގައި ޓެގު އެޅުވުމަށް މިދިޔަ އަހަރު ހައި ކޯޓުން އަމުރުކުރި ނަމަވެސް، އެ އަމުރު ތަންފީޒު ކުރީ އަށް މީހުންގެ މައްޗަށެވެ.

އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު އިސްތިއުފާ ދެއްވުމާ އެކު ހެން، އެކަން މިހާރު ވަނީ ހުއްޓިފަ އެވެ.

ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް މެދުވެރިކޮށް، ފުލުހުންގެ އިދާރާގައި ހުންނަ ސިސްޓަމަކަށް އެ މީހުން އުޅޭނޫޅޭ ގޮތް ބެލެ އެވެ.

ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ "ޒުވާނުން"ގެ ފައިގައި ޓެގް އަޅުވައި، ޖަލުގައި ބަންދު ކުރަން ޖެހޭ ކަމަށް، ރައީސް އަބްދުﷲ ޔާމީނާއި މި ސަރުކާރުން ވެސް ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބުން، ޒުވާނުންގެ އުފެއްދުންތެރިކަން ގެއްލި، ގައުމާ މެދު ވިސްނުމުން ބަރީއަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އޭގެ ސަބަބުން] ޒުވާނުން މި ޖެހެނީ ބައެއްގެ އަޅުވެތިކަމަށް ދާން. އެކަމަކު ޒުވާނުން މިހާރު މި ތިބީ، އަމިއްލަ ފައިމައްޗަށް ތެދުވެ، ޒިންމާދާރުވެފައި،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޒުވާނުންގެ ސިކުނޑިތަކަށް ކުރިން ބަޔަކު ސަވާރުވެ، މުޖުތަމައަށް ގިނަކޮށް، މަސްތުވާތަކެއްޗާއި މާރާމާރީގެ ތެރެއަށް ދިޔުމަށް ދޫކޮށްލި ނަމަވެސް، އެ މީހުންނަށް މިހާރު ޒުވާނުންގެ ސިކުނޑިތަކަށް ސަވާރު ނުވެވޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ މިންނެތް މަސައްކަތްޕުޅުން، އެ މީހުން މިހާރު ގައުމުގެ ތަރައްގީގެ ބައިވެރިންނަށް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ޓެގް އެޅުވުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، މި ފަހަކަށް އައިސްް މާލޭގައި ހިންގާ މާރާމާރީގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު 31ގައި، 19 އަހަރުގެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވާ އިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހަތް މީހެއްގެ ގަޔަށް ވަޅި ހަރާފައި ވެ އެވެ.