ފުރަތަމަ ފްލެޓް ގަންނަ އިރު ޓެކްސް އިސްތިސްނާވާ އިސްލާހު ކޮމެޓީން ފާސްކޮށްފި

ފުރަތަމަ ފަހަރަށް މީހަކު ފްލެޓެއް ގަންނަ އިރު ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން ފާސްކޮށްފި އެވެ.


ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ ހަފުތާގައި ބޭއްވި ކޮމެޓީ ޖަލްސާގައި މި އިސްލާހު ފާސްކުރިއިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މި އިސްލާހު ފާސްކުރަން ފެނޭތޯ، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ބިމާ ބެހޭ ގާނޫނުގެ ދަށުން އެއްމެދު އިމާރާތެއްގެ ފްލެޓު ވިއްކާ ހާލަތުގައި އެއީ އަލަށް މީހަކު ގަންނަ ފްލެޓެއް ނަމަ، ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭ ގޮތް ހެދުމަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ފްލެޓެއް ވިއްކުމުގެ މުއާމަލާތެއްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ވެފައި ތިބި މީހުންނަށެވެ. އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ މީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިމެއް އޮތުމަކީ އިސްތިސްނާގެ މަންފާ އެމީހަކަށް ލިބެން އޮތް ހުރަހެއް ކަމަކަށް ނުބެލެވޭނެ އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ސަލީމް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަން ކަމަށާއި މި އިސްލާހުގެ ސަބަބުން އެތައް ބަޔަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.