އިބޫ، ހަތަރު ލީޑަރުން ރަމްޒީކޮށް "މިނިވަންކޮށްފި"!

ވެރިކަމުގެ ފުރަތަމަ ދުވަހު، އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން މިނިވަން ކުރައްވަން، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވެވުމުގެ ގޮތުން، ށ. ފޯކައިދޫގައި އެ ލީޑަރުން ރަމްޒީކޮށް މިނިވަންކުރައްވައިފި އެވެ.


ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ޖަލު ހުކުމް އިއްވައި ސިޔާސީ ހަރަކާތްތަކުން އެއްފަރާތް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ކުރައްވާނެ އެއް ކަމަކީ އެ ހަތަރު ލީޑަރުން މިނިވަންކުރުން ކަމަށް އިބޫ ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އިދިކޮޅު ހަރަކާތުގެ އިސް ހަތަރު ލީޑަރުން: އެ ބޭފުޅުންނަށް ހުކުމް އިއްވާފައި ވަނީ ނުހައްގުން ކަމަށް އިބޫ ވިދާޅުވި.

އިންތިޚާބުގެ ކެމްޕޭނަށް ށ. ފޯކައިދު އަށް އިބޫ މިއަދު ވަޑައިގަތްއިރު ގޮޅިއެއްގެ ގޮތަށް ހަދާފައިވާ ތަނެއްގެ ތެރޭގައި ހަތަރު މީހަކު ތިއްބެވެ. އެ މީހުން ތިބީ މައުމޫނާއި ނަޝީދާއި ގާސިމާއި އިމްރާންގެ ފޮޓޯ މޫނުގައި އައްސައިގެންނެވެ. އިބޫ، ފޯކައިދު އަށް ވަޑައިގަތްއިރު މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ސަލާމްކުރައްވަން ފެއްޓެވުމުން ސަޕޯޓަރުން އެދުނީ، އެ ގޮޅީގައި ތިބީ އިދިކޮޅު ހަތަރު ލީޑަރުން ކަމަށް ބައްލަވައި، ރަމްޒީކޮށް އެ މީހުން މިނިވަން ކޮށްދެއްވުމަށެވެ.

އިބޫ، ރަމްޒީގޮތެއްގައި ލީޑަރުން މިނިވަން ކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އިބޫ އެ ގޮޅި ކައިރަށް ވަޑައިގެން، ދޮރު ހުޅުއްވާލެއްވުމާ އެކު އެ މީހުން ގޮޅިން ނުކުމެ އެވެ. އެއާއެކު، އިބޫ އަށް މަރުހަބާ ކިޔައި އެންމެން އެއްފަހަރާ އަތްޖަހައި އުފާފާޅުކުރެ އެވެ.

ރައީސް ޔާމީނާ ދެކޮޅަށް އިދިކޮޅު ހަތަރު ލީޑަރުން އިއްތިހާދުވެފައިވާއިރު، ރިޔާސީ ކެންޑިޑޭޓަކަށް ހަމަޖެއްސުމުގެ ކުރިން ވެސް އެ ލީޑަރުންގެ ފަރާތްޕުޅުން އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ އިބޫ އެވެ. މި މަސައްކަތުގެ ތެރޭގައި، މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަތުމުން އިބޫ ވެސް ޖަލަށް ލި އެވެ.

ނަޝީދަށް ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ. މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

ގާސިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގަ އެވެ. އިމްރާނަށް ޓެރަރިޒަމްގެ ހުކުމް އިއްވީ، މެއި، 1، 2015 ގައި ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމުގައި އޭނާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.