ދަންޖެހުނު ނޭޕާލް އަންހެނެއްގެ މަރުގައި ޝައްކުތަކެއް، ފުލުހުން ތަހުގީގު ކުރަނީ

މާލޭގެ ގެއެއްގައި މަސައްކަތް ކުރަން އުޅުނު ނޭޕާލްގެ ޒުވާން އަންހެނަކު ދަންޖެހިގެން މަރުވި ގޮތާ މެދު ޝައްކުތަކެއް އުފެދިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.


ފުލުސް އޮފީހުން މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު މަރުވި އެ އަންހެން މީހާގެ ހަށިގަނޑު މި ވަގުތު ބާއްވާފައި އޮތީ މޯޗަރީގައި ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި، ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މ. ޔާގޫތު ގޯޅީގައި ހުންނަ އެ ގޭގައި އަންހެން މީހާ މަރުވި ގޮތާ މެދު، ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ގޭގެ ވެރިފަރާތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އުމުރުން 25 އަހަރުގެ އެ އަންހެން މީހާ ރާއްޖޭގައި ވަޅުލުމަށެވެ. އެކަމަކު ނޭޕާލް އެމްބަސީން އެކަމަށް ދެކޮޅު ހެދުމުން، ހަށިގަނޑު އެ ގައުމަށް ފޮނުވާލަން ނިންމީ ކަމަށް އެނގިފައި ވެ އެވެ.

ނޭޕާލް އަންހެން މީހާ ދަންޖެހިގެން މަރުވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނުން ފިޔަވައި، އިތުރު މައުލޫމާތެއް އެތަނަކުން ނުދެ އެވެ.