ފައިސަލް މެލޭޝިއާގައި ދިވެހިންނާއެކު

މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން އިދިކޮޅު ކޯލިޝަންގެ ރަނިން މޭޓް ފައިސަލް ނަސީމް މިއަދު މެލޭޝިއާއަށް ވަޑައިގެންފި އެވެ.


ކިޔެވުމާއި ވަޒީފާތަކުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއަށް ކުރައްވާ އެ ދަތުރުގައި ފައިސަލާ އެކު ކޯލިޝަން ޕާޓީތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެބޭފުޅުން މިއަދު ހެނދުނު މެލޭޝިއާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނެވެ.

މިއަދު ހަވީރު، ކުއާލަމްޕޫރުގެ ޕާކް ރޯޔަލް ހޮޓަލުގައި ދިވެހި ޒުވާނުންނާއެކު ކޯލިޝަންގެ ވެރިން ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ކޯލިޝަންގެ ވެރިކަމާ ގުޅޭގޮތުން ޒުވާނުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފައިސަލް މެލޭޝިއާއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން-- ފޮޓޯ: ސާއިމް މޫސާ

އެ ހޮޓަލުގައި މިރޭގެ ފަރިއްކޮޅާއެކު އޮތީ ދިވެހިންނާއި ރަނިން މޭޓް ފައިސަލް ބައްދަލު ކުރެއްވުމެވެ. އެ ބައްދަލު ކުރެއްވުމުގައި ފައިސަލްގެ އިތުރުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިނާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަ ދައްކަވާނެ އެވެ.

އެއް ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ފައިސަލް އާއި ކޯލިޝަންގެ ބޭފުޅުން މާދަމާ މާލެ ވަޑައިގަންނަވާނެ އެވެ.

ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިންޕޫރަށް ވަޑައިގެން މެލޭޝިއާ އާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާ އަކީ ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. މެލޭޝިއާގެ ވެރިރަށް ކުއާލަމްޕޫރުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.