ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީގެ ނައިބު ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މި މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމްގެ އުފަން ރަށް ފުވައްމުލަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވަޑައިގެންފި އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ޔާމީން ހަވީރު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ފުވައްމުލަކު އެއާޕޯޓް ސަރަހައްދަށް ޖަމާވެ، "ރައީސް ޔާމީން 2018" ގޮވަމުން ގެންދިޔަ އެވެ. ރައީސްގެ މި ދަތުރުފުޅަކީ މި ސަރުކާރުން ސިޓީއެއްގެ ދަރަޖަ ދިން ފަހުން ފުވައްމުލަކަށް އެ މަނިކުފާނު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ޔާމީން ފުވައްމުލަކަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރައްވާ ހަތަރު މެމްބަރުންގެ ތެރެއިން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގައި ހުންނެވީ މަޖިލީހުގެ ރައީސް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2014 ގައި ބޭއްވިއިރު، ފުވައްމުލަކު ދާއިރާގެ ތިން ގޮނޑި ޕީޕީއެމަށް ލިބުނު ނަމަވެސް އަލީ ޝާހާއި މުހައްމަދު ފަޒާދު ވަނީ އިދިކޮޅާ ގުޅުމުން ޕީޕީއެމުން ވަކިކޮށްފަ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި، ސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުން އޮންނާނެ އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ފްލެޓް އަދި ނޭޗާ ޕާކާއި އެއްގަމުތޮށި ހެދުމަށް ހިންގި މަޝްރޫޢުގެ ނިމުން ފާހަގަ ކުރުން އޮންނާނެ އެވެ. މި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުން އޮންނާނީ މިރެ އެވެ.

ރައީސް ފުވައްމުލަކަށް ވަޑައިގެންފައި މިވަނީ އިއްޔެ އައްޑު އަށް ވަޑައިގަތުމަށް ފަހު، އައްޑޫގެ އެކި އަވަށްތަކުގައި ހިންގި މަޝްރޫއުތަކުގެ ނިމުން މިއަދު ފާހަގަކޮށް ނިންމަވައިލެއްވުމަށް ފަހު އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރެއްވުމަށް މިދިޔަ މަހުގެ ތެރޭގައި ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ފުވައްމުލަކަށް ވަޑައިގެން ސަޕޯޓް ހޯއްދަވަން ތަފާތު ހަރަކާތްތައް ހިންގަވާފައިވެ އެވެ.