ވަކި ކޮޅަކަށް ނުޖެހި ވެރިކަން ކުރާނަން: އިބޫ

މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ވަކި ފަރާތަކަށް ބުރަވެވަޑައިނުގެން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޅ. ނައިފަރުގައި މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ކޯލިޝަނުން ނައިފަރުގައި ބޭއްވި ބޮޑު ޖަލްސާގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތީ، ޅ. އަތޮޅުގެ ރައްޔިތުން އޭނާ އަށް ކުރި އިތުބާރުގެ ސަބަބުން ކަމަށެވެ. އިބޫ ވަނީ އެކަމަށްޓަކައި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިބޫ ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ކޮންމެ ޕާޓީއެއްގެ ވެސް މެމްބަރުންގެ ކެކުޅުމަކީ ރާއްޖެއަށް ދިމާވެފައި އޮތް ދަތި ހާލެވެ. އެގޮތުން، އިންސާފު ގެއްލި، ވައްކަމާއި ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރުން ރައްޔިތުން ގޮވަނީ މިކަންކަން އިސްލާހު ކުރަން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު ކޯލިޝަނުން ނުކުމެ ތިބީ ސިޔާސީ މަސައްކަތެއް ކުރަން ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"ތިޔަބޭފުޅުންގެ ކެންޑިޑޭޓެއްގެ ގޮތުގައި ބަހައްޓަވައި ދެއްވީ ގައުމީ މަސައްކަތެއް ކުރަން. ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކަށް އިސް ކަން ނުދީ ހަމަހަމަކޮށް، އަޅުގަނޑާ ހަވާލުކުރާ މަސައްކަތް ކުރަމުން ގެންދާނަން،" ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން 25 އަހަރު ކުރެއްވި އިބޫ ވިދާޅުވި އެވެ.

މަޖިލިހުގައި ޅ. އަތޮޅު 15 އަހަރު، ހިންނަވަރު ދާއިރާ 10 އަހަރު ތަމްސީލް ކުރެއްވި އިބޫ ވިދާޅުވީ ނައިފަރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި އޮންނަން ބޭނުންވާ ކަމަށެވެ. ފަހުރުވެރި ދަރިންތަކެއް އުފެދުނު ނައިފަރު އޮތީ 21 ގަރުނުގައި އޮންނަންވީ ހިސާބެއްގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ދިވެހި އެ ދަރިން ގައުމަށް ކޮށްދިން ކަންކަމުގެ ބަދަލު ލިބިފައި ނުވިނަމަވެސް، އިދިކޮޅު ވެރިކަމެއްގައި ނައިފަރު ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން އިބޫ ދެއްވި އެވެ. އަދި ނައިފަރަށް ބޭނުންވާ ހިއްސާ އިދިކޮޅު ވެރިކަމެއްގައި ލިބޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ނައިފަރަށް ބޯހިޔާވަހިކަމާއި ގޯތި ނުހެދި ތިބި މީހުން ދިރިއުޅެމުންދާކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ރޯހައުސްތަކެއް އަޅުއްވާނެ ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ބޭނުންވާ މީހުންނަށް ގޯތި ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ބޭނުންވާ މީހުންނަށް ބިން ހިއްކަން ޖެހިއްނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ނައިފަރުގެ މަގުތަކުގައި ތާރު އަޅުއްވައި ދެއްވުމަށް އިބޫ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ނައިފަރުގައި ބޭއްވި ޖަލްސާގައި ޅ. އޮޅުވެލިފުށީގައި ތިބި ތިން ކައުންސިލަރުން ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ވެސް އެމްޑީޕީއާ ގުޅުނެވެ.

ރިޔާސީ އިންތިހާބަށް އަށް ދުވަހަށް ވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ ހުރިހާ ރައްޔިތުން ވެސް މަސައްކަތް ކުރަންވީ އިދިކޮޅު ކޯލިޝަނަށް އިތުރަށް ތާއީދު ހޯދުމަށެވެ. އަދި ކޮންމެ ރަށަކުން ފެންނަނީ އުފާވެރި މަންޒަރުތަކެއް ކަމަށާއި ރައްޔިތުން ބަދަލު ގެންނަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.