ރައީސް ޔާމީން އެމަނިކުފާނުގެ ކެބިނެޓާ ބައްދަލު ކުރައްވަނީ: ކެބިނެޓް ވަޒީރުންގެ ތެރެއިން އިރުތިޝާމް އާދަމާއި (ކ) މުނައްވަރާއި (މ) ޒެނީޝާއަށް (ވ) ރުހުން ދޭން މަޖިލީހުން ވަނީ ފާސްކޮށްފައި. --ފޮޓޯ ރައީސް އޮފީސް
08 އޯގަސްޓް 2016 - 14:15
ފަސް ވަޒީރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރުހުން ލިބުނު ފަސް ވަޒީރުންނަކީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ޖެންޑަ އެންޑް ފެމިލީ މިނިސްޓަރު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.
މީގެ ތެރެއިން މުނައްވަރަށާއި އާސިމަށް 67 ވޯޓު ލިބިވަޑައިގެންނެވިއިރު، ނާޒިމަށް 65 ވޯޓު ލިބިވަޑައިގެންނެވި އެވެ. ޒެނީޝާ އަށް 68 ވޯޓު ލިބިވަޑައިގެންނެވިއިރު، އިރުތިޝާމަށް ލިބިވަޑައިގެންނެވީ 66 ވޯޓެވެ. މިނިސްޓަރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރައީސް ޔާމީން އެމަނިކުފާނުގެ ކެބިނެޓާ ބައްދަލު ކުރައްވަނީ. ފަސް ވަޒީރަކަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި. --ފޮޓޯ ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މުނައްވަރު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ. ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއަކަށެވެ. ޒެނީޝާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ. އިރުތިޝާމް އޭގެ ކުރިން ހުންނެވީ ހެލްތު މިނިސްޓަރަކަށެވެ. އަދި އާސިމް އެންމެ ފަހުން ހުންނެވީ ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.
ފަސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ވަޒީރުންނަށް ކޮމެޓީން ރުހުން ލިބުނީ އެމްޑީޕީ މެމްބަރުންގެ ތާއީދާއެކު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓަށް ގެންނެވި ބަދަލުތަކުގައި މިނިސްޓަރެއްގެ މަގާމު ހުސްވެގެން، ބޭފުޅަކު އައްޔަން ކުރެއްވީ ހޯމް މިނިސްޓްރީއަށާއި ފޮރިން މިނިސްޓްރީއަށް އެކަންޏެވެ. ހޯމް މިނިސްޓަރު ކަމުން އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ކަމުން ދުންޔާ މައުމޫން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy