މަޖިލީހުގެ ޒިންމާތަކަށް ފުރުސަތު ނުދިނުމަކީ ސަރުކާރަށް ނޫނެކޭ ބުނަން ފުދޭ ސަބަބެއް: ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުން މަޖިލީހުގެ ޒިންމާތަކަށް ފުރުސަތު ނުލިބި އޮތް އޮތުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ވެސް މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ސަބަބެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.


ރ. މީދުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާތީ އެ އަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވީ އަމީތަކީ މަޖިލީހުގެ ތެރެއިން ގިނަ ގޮތްގޮތުން އެ ދާއިިރާ އަށް ކުރިއެރުން ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަމީތުގެ އިތުރުން މަޖިލީހުގެ 11 މެމްބަރަކު އޭރު އިދިކޮޅާ ގުޅިވަޑައިގަތުމަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވީ އެކަންކަން އެގޮތަށް ހިނގަން ޖެހުނީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ ކަންކަން ހިނގަމުން ދިޔަ ގޮތުން ކަމަށާއި އެ މެމްބަރުންނަށް ފުރުސަތު ނުލިބި، މަޖިލީހުގެ ޒިންމާތައް އަދާ ނުކުރެވި އޮތުމަކީ މި ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސްގެ ކަންތައްތައް ކެތް ނުކުރެވޭ ދަރަޖަ އަށް ގޮސްގެން، ރައްޔިތުން ބޭނުންވާ ގޮތަށް މަޖިލިސް ތެރެއިން ފެނިގެން ދިއުމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ 60،000 ހާސް ރައްޔިތުންގެ ހައްގު ގެއްލިގެން ދިޔަ ތަން،" ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅާ ގުޅުނު 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި، ފައިސަލް ވިދާޅުވި އެވެ.

"މަޖިލީހުގެ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ނުދިނުމަކީ އެއީ ހަމައެކަނި އެކަމަށްޓަކައި އެކަނި ވިސްނާފައި ވެސް މި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނަންޖެހޭ ސަބަބެއް." އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ ގަދަ ބާރުން ހުރިހާ ކަމެއް ކުރަމުން ދިޔަ ދުވަސްތައް ކަމަށާއި އެއީ ކުރިން ދުވަހަކު ވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ނުތަނަވަސް ދުވަސްތަކެއް ކަމަށެވެ. އިދިކޮޅު ހުރިހާ ލީޑަރުންގެ ތިބީ ޖަލުގައި ކަން ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ ރައްޔިތުން ބަދަލު ގެންނަން ނުކުމެ ތިބީ އަނިޔާވެރިކަން ނިންމައި، އިންސާފު ގެނައުމަށް ކަމަށެވެ. އަދި ބަޔަކާ މެދު ބޭ އިންސާފުން ކަންކަން ކުރަމުން ދިއުމަކީ ހިިތާމަ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މުހައްމަދު ނަޝީދު މުޅި ރާއްޖޭގެ ޑިމޮކްރަސީ ފައްކާ ކުރުމަށްޓަކައި، އިންސާނީ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރުމަށްޓަކައި ކޮން ފަދަ މަސައްކަތެއްތޯ ކުރެއްވީ؟. ކޮބައިތޯ އެމަނިކުފާނު؟. ފުރުސަތު އެބައޮތްތޯ؟. ފުރުސަތު ތިމަންނަ އަމިއްލަ އަށް ބަންދު ކޮށްލެއްވީ ކަމަށް އިހަށް ރޭ ވިދާޅުވީ." ރައީސް އަބްދުﷲ ޔާމީނަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ފައިސަލް ވިދާޅުވި އެވެ.

އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު މަރާލީ މީދޫ ޒުވާނެއް ކަމަށްވާ މުހައްމަދު އަނަސްގެ މަރަށް އަހަރެއް ވީއިރު ވެސް އިންސާފު ނުލިބި އޮތް މައްސަލައާ ގުޅިގެން ފައިސަލް ވިދާޅުވީ ނުހައްގުން މަރާލެވި، އިންސާފު ނުލިބި ހުރި އެތައް އާއިލާތަކެއް އެބަތިބި ކަމަށާއި މި ސަރުކާރުގެ ހެޔޮ ނިޔަތެއް މިކަމުގައި އެބައޮތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މިފަދަ އާއިލާތަކަށް އިންސާފު ގާއިމް ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަނީ އިރާދަ ކުރެއްވިއްޔާ އިންސާފުން ކަންތައްތައް ކުރާނަމޭ. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ދިވެހި އެންމެހައި ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރި ކަމާ އެކު ދިރިއުޅެވޭނެ ފަދަ މާހައުލެއް ޔަގީން ކުރުމަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖެއަށް ތަރައްގީ ގެންނަ ނަމަ ތަރައްގީ ގެންނަން ޖެހޭނީ ރާއްޖޭގެ އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި ހަމަހަމަ ކަމާ އެކު އެވެ. އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެއްވެސް ރަށެއް ތަރައްގީ ގެނައުމުގައި ތަފާތު ނުކުރާނެ ކަމަށާއި ސިޔާސީ ފިކުރު އޮތީ ކޮން ގޮތަކަށްތޯ ނުބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރަށުގައި ހުންނަ މެމްބަރު ވަކި ޕާޓީއެއް ތަމްސީލު ކުރައްވާތީވެ އެކަމަށް ބަލާފައި ނުވަތަ ކައުންސިލްގެ މެޖޯރިޓީ ވަކި ޕާޓީއަކަށް އޮންނާތީ އަޅުގަނޑުމެން އެރަށެއް ތަފާތެއް ނުކުރާނަން." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިސްލާހީ މަސައްކަތުގައި ނުކުންނަ، ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު އެކި ގޮތްގޮތުން ދައްކަމުންދާ ކަމަށާއި އެކަމަކު އެކަންކަމަށް ފަސް ނުޖެހުމަށް ގޮވާލައްވާ ކަމަށެވެ. ފަސްޖެހިއްޖެ ނަމަ ގައުމު ފަހުން އަނބުރާ ނުލިބިދާނެ ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ނުހައްގުން ގެއްލޭ ވަޒީފާތައް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އަނބުރާ އިޔާދަ ކޮށްދޭން ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރައްވައިފަ އެވެ.

މީގެ އިތުރުން، މީދޫގައި ސިއްހީ ޚިދުމަތުގެ ފެންވަރުގެ މަތި ކުރުމަށާއި އެ ރަށް ކައިރީގައި ހުރި ރިސޯޓްތަކަށް އަމާޒު ކޮށްގެން ޓޫރިޒަމް ދާއިރާގެ ހޮސްޕިޓާލިޓީ ޓްރެއިނިން ސެންޓަރެއް މީދޫގައި ގާއިމް ކުރާނެ ކަމަށް ވެސް ފައިސަލް މިރޭ ވައުދުވެ ވަޑައިގަތެވެ.