ޕީޕީއެމްގެ ބޮޑު ޖަލްސާ އަށް އައްޑޫ މީހުން ގެންނަނީ ޗާޓަރު ބޮޑު ފްލައިޓްތަކުގައި

ޕީޕީއެމްގެ ރަސްމީ 'ސައިޒް' ދައްކައިލުމަށް މާދަމާ ރޭ މާލޭގައި ބާއްވާ ބިޔަ ޖަލްސާ އަށް އެ ޕާޓީގެ އައްޑޫ ސަޕޯޓަރުން ގެނައުމަށް ޓަކައި މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާބޯޓު ޗާޓަރުކޮށްފި އެވެ.


މޯލްޑިވިއަންގެ އޭ320 ގެ މަތިންދާބޯޓުން އައްޑޫ ސަަޕޯޓަރުންނާ އެކު ދެ ދަތުރު ބާއްވާއިރު، ފުރަތަމަ ދަތުރު މިއަދު ހެނދުނު ވަނީ ބާއްވައިފަ އެވެ. ޕީޕީއެމްގެ ސަޕޯޓަރުން ގޮވައިގެން ދެވަނަ މަތިންދާބޯޓު މާލެ ދާނީ މިއަދުގެ މެންދުރު ފަހެވެ.

ހެނދުނު މާލެއަށް ދިޔަ މަތިންދާބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި، އައްޑޫގައި މަސައްކަތް ކުރާ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީފަންތީގެ ބައެއް މުވައްޒަފުން ހިމެނެ އެވެ.

މީގެ ކުރިން ވެސް، ޕީޕީއެމުން މާލޭގައި ބޭއްވި ޖަލްސާއަކަށް މަތިންދާބޯޓު ޗާޓަރުކޮށްގެން އައްޑޫން މީހުން މާލެ ގެންގޮސްފައި ވެ އެވެ.

ޕީޕީއެމްގެ ބޮޑު ޖަލްސާ ކުރިން ބާއްވަން ހަމަޖައްސާފައި އޮތީ މިރެ އެވެ. އެކަމަކު، ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާ އަށް އަންނަން ބޭނުންވާއިރު ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވުމުން މާދަމާ ރެ އަށް ފަސްކުރީ ކަމަށް އެ ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.

"ލިބެން ހުރި ހުރިހާ އުޅަނދެއް ހޯދައިގެން ވެސް މި އުޅެނީ އަތޮޅުތަކުން އަންނަން ތިބި ބޭފުޅުންގެ ޓްރާންސްޕޯޓް ހަަމަނުޖެއްސިގެން މާދަމާ އަށް،" ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެފައިވެ އވެ.

ބޮޑު ޖަލްސާއެއް ޕީޕީއެމުން މާލޭގައި ބާއްވަން ނިންމާފައި ވަނީ ދާދިފަހުން އިދިކޮޅު އިއްތިހާދުން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާތީ، ޕީޕީއެމުން ވަނީ އެ ޕާޓީގެ އަސްލު ސައިޒު ދައްކައިލާނެ ކަމަށް ބުނެފަ އެވެ.