އިދިކޮޅުގެ މެނިފެސްޓޯ އޮތީ އެމްޑީޕީން ބޭނުންވާ ގޮތަށް: ނިހާން

އަންނަ އާދިއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަމަލު ކުރަން އިދިކޮޅު ކޯލިޝަނުން އެކުލަވާލާފައިވާ މެނިފެސްޓޯ އޮތީ، ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވުރެ އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށް ޕީޕީއެމުން ބުނެފި އެވެ.


އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވީ މެނިފެސްޓޯގައި، ދީނަށް ލޯބިކުރާ ޒުވާނުން ހިތް އުފާވާ ގޮތަށް ކަންކަން ހިމެނުމަށް އެމްޑީޕީން މަސައްކަތް ކުރާ ކަމަށާއި އެކަމަކު އެ ބައިތައް ހިމަނާފައިވަނީ ވެސް އަދާލަތު ޕާޓީން އެކުލަވާލި މެނިފެސްޓޯގައި ހުރި ދީނީ ކަންކަމާ ގުޅޭ ބައިތައް ވަރަށް ބޮޑަށް އުނިކޮށްގެން ކަމަށެވެ. އަދި އެ މެނިފެސްޓޯއަށް ޖުމްލަކޮށް ބަލާއިރު، އެމްޑީޕީން ބޭނުންވާ ކަންތައްތައް ފިޔަވައި އެހެން ޕާޓީތަކުން ބޭނުންވާ ގޮތް ހިމަނާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދީނީ ބައިތައް ހިމަނަން އެމްޑީޕީން މަސައްކަތް ކޮށްފައިވަނީ ވެސް، އެކަން އެގޮތަށް ކޮށްގެން ނޫނީ ވޯޓު ނުލިބޭނެކަން ޔަގީންވާތީ. އެކަމަކު އެވަރުން ވެސް އަދާލަތު ޕާޓީގެ މެނިފެސްޓޯގައި ހިމެނި ދީނީ ބައިތަކެއް އެޔަކު ނެތް،" ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ބަޔަކަށް އޮޅިގެން ދޭ ވޯޓަކުން" އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް އެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލެއް ނޯންނާނެ ކަމަށެވެ. އެއީ ނިހާން ވިދާޅުވި ގޮތުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ނައިބަކަށް، ޖޭޕީގެ މީހަކު ހުރުން ލާޒިމް ކުރާ އެއްވެސް ގާނޫނެއް ނޯންނާނެތީ އެވެ.

"އެކަމުގައި އޮންނާނީ ހަމައެކަނި ކޮންޓްރެކްޓެއް. އެކަމަކު ކޯޓަށް ގޮސްގެން، އެ ކޮންޓްރެކްޓް ރަޖިސްޓްރީކޮށްގެން، ވިޔަފާރި މުދާ ބަހާގޮތަށް [ސަރުކާރު] ބަހާނަމަ، އެމްޑީޕީން ނިކުމެ ތިބީ ރިޔާސީ ކެންޑިޑޭޓަކު ދައްކައިގެން ވެރިކަން ކުރާކަށް ނޫން،" ނިހާން ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ސިފަ ކުރެއްވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ "ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުންނަ މީހާ" އެވެ. އެ ކޭކު ހަތަރު ފަޅިއަށް ފަޅާލައި، ކޭކު ފޮތި ހިފައިގެން ޕާޓީގެ އިސް މީހުން ދާނީ ގެއަށް ކަަމަށާއި އެއިން އާއްމު މެމްބަރުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއްމުންނަށް ފައިދާ ވާނެ ކަންކަމެއް، އެހެން ގުޅިގެން އުފައްދާ ސަރުކާރަކަށް ނުކުރެވޭނެ އެވެ. އަދި އެކަން ޕާޓީތަކުން އަމިއްލައަށް ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެމްޑީޕީގެ ރަނިންމޭޓެއްގެ ގޮތުގައި، ޖޭޕީގެ ބޭފުޅަކު ނިކުމެގެން އެ ބޭފުޅަކު ކުރާނެ ކަމެއް ނޯންނާނެ ކަމަށާއި އެ ސަރުކާރުގައި އެމްޑީޕީއާ އެކު އެންމެ ގާތްކޮށް ވެސް އުޅޭނީ އަދާލަތު ޕާޓީގެ ވިސްނުން ކަމަށެވެ.

"ޖޭޕީއަށް ބަލާއިރު [ވެރިކަން ލިބުމުން] ގާސިމް އިބްރާހިމް އެދިވަޑައިގަންނަވާ ގޮތަށް ފުރަތަމަ ވެސް ކަންތައްތައް ކުރަން ޖެހޭނީ. އޭނާއަށް ލިބިވަޑައިގަންނަވަން ޖެހޭ ރިސޯޓުތަކާއި ފަޅުތައް އެ ބޭފުޅާގެ ފަޅިއަށް އެޅުއްވުމަށް ފަހު ދެން މަސައްކަތް ކުރައްވާނީ ކޯޓުތަކުގައި ހުރި ގާސިމްގެ ރިސޯޓުތަކުގެ މައްސަލަތައް ލުއި ކުރެއްވުމަށް. ރައްޔިތުންނަށް ލިބޭނެ އެއްޗެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރި ނަމަވެސް ދީނުގެ ތަރަހައިގެ ތެރޭގައި އެމްޑީޕީއަށް ކަންކަން ކުރެވޭނެކަމަށް، އެ ޕާޓީން ފާޅުގައި ނުބުނާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ މިދިޔަ ހަފުތާގެ ތެރޭގައި ނެރެފައިވާއިރު، އޭގައި ގުޅިފައިވާ ހުރިހާ ޕާޓީތަކުން ހުށަހަޅާފައިވާ ގިނަ ކަންކަން ހުއްޓެވެ. އެކަމަކު އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދިޔަ، ބަރުލަމާނީ ނިޒާމުގެ ވާހަކައެއް އެއަކު ނެތެވެ.