ރައީސް ޔާމީންގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް: ޑރ. ޝަހީމް

މީހެއްގެ ހެޔޮކަން ކަނޑައެޅުމުގައި ބަލާނީ އެ މީހެއްގެ ވަށައިގެންވާ މީހުންނަށް ކަމަށާއި އެގޮތަށް ވިސްނައިފި ނަމަ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެން ވަނީ އިސްލާމީ ގައުމުތައް ކަމަށް، އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.


ދަރުބާރުގޭގައި ބޭއްވި، އިލްމުވެރިންނާއި މުފައްކިރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ދީނީ ގޮތުން މި ސަރުކާރުން އަބަދު ވެސް ރަހުމަތްތެރިކަމާއި ގުޅުން ބަދަހިކޮށްފައި ވަނީ އިސްލާމީ އުއްމަތާ ކަމަށެވެ. އަދި ފަލަސްތީނު ފަދަ އިސްލާމީ ގައުމުތަކުގެ ހައްގުގައި ރައީސް ޔާމީންގެ ސަރުކާރުން ވަކާލާތު ކުރަމުން އަންނައިރު މިއީ ކުރީގެ ސަރުކާރުތަކުން ފެނުނު މަންޒަރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާކިސްތާނުން އައިސް މެޑިކަލް ކޮލެޖް ހަދަނީ. ކުވައިތުން އެއާޕޯޓަށް ފަންޑު ކުރަނީ. އަބޫދާބީ އާއި ސައުދީ އަރަބިއްޔާއިން އެއާޕޯޓަށް ފަންޑު ކުރަނީ. މިފަދަ ކަންކަމުގައި އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ސަރުކާރަށް ލިބޭ،" ސަރުކާރަށް ތާއީދު ކުރައްވާ ގިނަ އިލްމުވެރިންތަކެއް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ޝަހީމް ވިދާޅުވި އެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި، ސަރުކާރަށް ތާއީދު ކުރައްވާ ބައެއް އިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވަނީ

އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާފައިވާ ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމް ވިދާޅުވީ ރައީސް ޔާމީން، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާއިރު، އިދިކޮޅު އިއްތިހާދުން އުޅެނީ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ވެރިކަން ނޫނީ އެހެން ވެރިކަމެއް ދަމަހައްޓަން މިހާ ގިނަ އިލްމުވެރިން މީގެ ކުރިން މަސައްކަތް ނުކުރައްވާ ކަމަށާއި އޭގެ ފަހަތުގައި ސަބަބުތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މީގެ އެތައް އަހަރެއް ކުރިއްސުރެ ރާއްޖޭގައި އޮތް އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް މަސައްކަތް ކުރެވޭނީ މި ފަދަ ގޮތަކަށެވެ.

"މިއީ، ވެރިކަމާ ތޮޅެގެން ކުރެވޭނެ ކަންކަމެއް ނޫން. އިސްލާމީ އާލިމުންނާއި މުފައްކިރުންނަށް، ރާއްޖޭގައި އޮތް އިސްލާމީ ޝަހުސިއްޔަތު ހިމާޔަތް ކުރެވޭނީ ރާއްޖޭގައި ހަމަޖެހޭ ވެރިކަމެއް އޮވެގެން. ވަރުގަދަ ވެރިއެއް ހުރެގެން، އެ ވެރިކަމުގެ ހިޔަލުގައި،" ޝަހީމް ވިދާޅުވި އެވެ.

އިސްތިއުމާރީ ބާރުތަކުން، ރައީސް ޔާމީން "ހިސޯރު" ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރަނިންމޭޓަކަށް އޭނާ ކުރިމަތިލެއްވީ މަގާމުގެ ދަހިވެތިކަމުގެ ބަދަލުގައި، އެ ފިޔަވަޅު ނާޅައިފި ނަމަ، "ރައީސް އެކަނިވެވަޑައިގެން، އިސްތިއުމާރީ ބާރުތަކާ ކުރިމަތިލާ ތަން ދުށުމަކީ ލަދުގަންނަން ޖެހޭނެ ކަމަކަށް ވާތީ" ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް ކޮރަޕްޝަނާއި އެހެން ކަންކަން، ނަސޭހަތްދީގެން ރަނގަޅު ކުރެވިދާނެ ކަމަށާއި އެކަމުގައި، ހުރިހާ އިލްމުވެރިން އެއް ސަފަކަށް އަރާވަޑައިގެން އެހީތެރިވާން ޖެހޭ ކަމަށެވެ.

"އިންތިހާބުގެ ފަހުން އެންމެން މަޝްވަރާ ކުރަންވީ ރާއްޖޭގައި ހުރި ކަންކަން ރަނގަޅު ކުރުމަށް. ރައީސަށް ލަފާ ދޭންވީ އިލްމުވެރިންނާއި ހެޔޮ ލަފާ މީހުން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރައީސް ޔާމީނާއި މި ސަރުކާރުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެކަމަކު، ރާއްޖޭގައި އޮތް ހަމަޖެހުމާއި އުމްރާނީ ތަރައްގީ ފަހަތަށް ޖައްސައި، ތަފާތު މިޒާޖުތަކެއް ހުރި ބައެއްގެ މައްޗަށް ވެރިކަން ފުރޮޅާލައިގެން އެ ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.