"ގައުމީ ޓީމު" ހޮވި، ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިމޭނެ: އަމީން

ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނަކީ މި އިންތިޚާބުގެ "ގައުމީ ޓީމު" ކަމަށާއި އާދީއްތަ ދުވަހު އޮންނަ އިިންތިހާބުގައި އެ ޓީމު ހޯދާ ކާމިޔާބީއާ އެކު ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތުގައި ނިމުމުގެ ސިއްކަ ޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.


ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އިދިކޮޅު ޕާޓީތަކުން މި ރަށުގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ މި އިންތިޚާބުގައި ފެންނާނެ ތާރީޚީ އެއް ބަދަލަކީ، ރާއްޖޭގެ އަތޮޅުތަކުން ރައީސަކާއި ނައިބު ރައީސަކު އިންތިޚާބުވުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޅ. ހިންނަވަރަށް އަދި ރަނިން މޭޓު ފައިސަލް ނަސީމް ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ވާހަކަ އެވެ.

އެ ބަދަލާއެކު، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ، އަމީން ވިދާޅުވި ގޮތުގައި، ވެރިކަން ދޫކޮށްލައްވައި ގެއަށް ވަޑައިގަންނަވާށެވެ.

"ސެޕްޓެމްބަރު، 23 އަކީ މަނިކުފާނުގެ ސިޔާސީ ހަޔާތުގެ އެންމެ ފަހު ދުވަސް،" ދެ ހާސް ތޭރައިގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެމްޕޭން ކޮށްދެއްވުމުގައި އިސްކޮށް އުޅުއްވި އަމީން ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި އަމީން ވާހަކަ ދައްކަވަނީ. --ފޮޓޯ/އެމްޑީޕީ

އަމީން ވިދާޅުވީ "ގައުމީ ޓީމު" ކަނޑައެޅިފައި އޮއްވައި، ގައުމު ދެކެ ލޯބިވާ އެއްވެސް މީހަކު އެ ޓީމު ބަލިވާން ނޭދޭނެ ކަމަށެވެ. އަންނަ އާދީއްތަ ދުވަހުގެ ވޯޓުގައި ގައުމީ ޓީމު ހޯދާ ކާމިޔާބީގައި ހުރިހާ ރައްޔިތުން ހިއްސާވުމަށް އަމީން އެދިވަޑައިގަތެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވެރިކަމުގައި ރައްޔިތުންގެ އުއްމީދުތައް ވެއްޔާ މޮޑެވިއްޖެ އެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނެވި ސިޔާސީ ލީޑަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ ސިޔާސީ ލީޑަރުން އެއް ފަޅި އަށް އަރާވާޑައިގަތް ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ އިއްތިހާދު ސިފަކޮށްދެނީ "މުޅި ރާއްޖެ" ކަމަށެވެ. ފިކުރު ތަފާތު ވިއަސް ގައުމު ރަނގަޅު މިސްރާބަށް ގެންދެވުމުގައި ކޮންމެ ލީޑަރެއްގެ ވެސް ހިއްސާ އެހާމެ ބޮޑު ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ރާއްޖެ ތަރައްގީ ވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އޭގެ ރާހަތެއް ރައްޔިތުންނަކަށް ނުކުރެ އެވެ. ރައްޔިތުން ތިބީ އަދިވެސް އަސާސީ ޚިދުމަތްތައް ނުލިބި ކަމަށް ވެސް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ/އެމްޑީޕީ

އޭގެ ބަދަލުގައި އާއްމުވީ، ސިއްހީ ހިދުމަތަށް ސަލާން ޖެހުމާއި އަނިޔާވެރި ކަމަށާއި ބޭއިންސާފު ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަސް އަހަރު އޭނާ ސިފަ ކުރައްވާ ގޮތް ކިޔައިދެއްވި އެވެ.

"ފަސް އަހަރު ނިމުނު އިރު ޓެކްސް އިތުރުވެއްޖެ، ކުލި ބޮޑުވެއްޖެ، ހަނޑޫ ހަކުރު، ފުށް އަގު ބޮޑުވެއްޖެ، ކަރަންޓް އަގު، ކުނި އުކާލުން އަގު ބޮޑުވެއްޖެ، ޚިދުމަތްތަކުން ނަގާ ފީ އަގުބޮޑުވެއްޖެ، އުދުހޭ ބޯޓުގެ ޓިކެޓް އަގު ބޮޑުވެއްޖެ، ދަރަނި އިތުރުވެއްޖެ، މީހުން މެރުން އިތުރުވެއްޖެ އަދުލު އިންސާފު، މުށު ތެރެ އަށް ލައިފި، ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައިފި،" އަމީން ވިދާޅުވި އެވެ.

"ބޮޑު ފަނޑިޔާރު ގޭގެ ޓިނު ނައްޓައިފި، ކައުންސިލްތައް ވާކޮށްފި، ލާމަރުކަޒީ ނިޒާމު ގަޑުބަޑުކޮށްފި، ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔަކަށް ވެއްޖެ، މިނިވަން މުއައްސަސާތަކަކީ މަނިކުފާނުގެ އަޅުންނަށް ވެއްޖެ، އެކުވެރި ގައުމުތަކާ ގުޅުން ކަނޑާލައިފި، ކޮންމެ ކަމެއް ވަރިހަމަވެއްޖެ."

މިކަންކަމާ އެކު، އަމީން ވިދާޅުވި ގޮތުގައި، އިތުރު ފުރުސަތެއް ރައީސް ޔާމީނަށް ދޭކަށް ރައްޔިތުން ބޭނުމެއް ނުވެ އެވެ. އެހެންވެ ރައްޔިތުން ތިބީ ގޮތް ނިންމައިގެން ކަމަށް ވެސް ވިދާޅުވި އެވެ.