ފުޅަދޫ ބަނދަރު ހެދުން 24 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އަށް

ބ. ފުޅަދޫ ބަނދަރު ހެދުމާއި ފަޅު ފުން ކުރުމުގެ މަސައްކަތް 24 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ހިލްމީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ފުޅަދޫ ބަނދަރު ހަދާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި ޓޫރިޒަމާ ގުޅުން ހުރި ސީއެސްއާރުގެ ޕްރޮޖެކްޓެއް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފުޅަދުއަކީ ލަފައިފުރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެއް ކަމަށެވެ. އެހެންވެ އާބާދީ ކުޑަ ކަމުގައި ވިއަސް އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި، ފިޝަރީޒް މިނިސްޓަރު ޝައިނީ ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި ބަނދަރު ހަދަމުން އަންނަކަން މިނިސްޓަރު ވިދާޅުވި އެވެ.

އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ހަވާލުކުރި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު ވިދާޅުވީ މުއްދަތުގެ ތެރޭގައި އެ މަޝްރޫއު ކުރި އަށް ގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި، ފުޅަދު އަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ވެސް ފުޅާވަމުން އަންނައިރު ފުޅަދޫގައި ބަނދަރު ހެދުމުން އެކަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ވެސް އެކަމުގެ މަންފާ ކުރާނެ ކަމަށް ވިދާޅުވި އެވެ،