ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވަނީ އަނިޔާވެރިކޮށް ކަމަށް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވިދާޅުވުމުން ޕީޕީއެމުން އެކަމަނާ އަށް ވަރަށް ބޮޑަށް މިއަދު ފާޑުކިޔައިފި އެވެ.

ހައްޔަރު ކޮށްފައިވާ ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަންވެ، ގައުމު އަނިޔާވެރިކަމުން ސަލާމަތް ވާނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވޯޓު ދީގެން ކަމަށާއި އެހެންވެ އެކަން އެގޮތަށް ކޮށްދިނުމަށް ނަސްރީނާ މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަސްރީނާގެ އެ މެސެޖާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ނަސްރީނާގެ ފިރިކަލުން މައުމޫން 30 އަހަރު ވެރިކަން ކުރެއްވިއިރު އާދައިގެ ކުދި ކަންކަމުގައި ވެސް އާންމުންނަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު މައުމޫން އެމްޑީޕީއާ އެކު ބައިއަތު ހިފާފައިވާއިރު، އެ ޕާޓީގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ބައެއް ކަންކަން ނިހާން ފާހަގަކުރެއްވި އެވެ.

"ޖަލުތަކުގެ ތޭރިތަކުގައި ގާނޫނުއަސާސީގެ ކޮޕީއެއް ނެގީތީވެ ގެންގޮސް ހަތް މަސް، އަށް މަސް، ނުވަ މަސް، 12 މަސް 18 މަސް، 24 މަސް ހޭދަ ކުރަންޖެހުނު ކިތައް އާއިލާތޯ [މައުމޫންގެ ވެރިކަމުގައި] ތިބީ،" މައުމޫންގެ ވެރިކަން ސިފަ ކުރައްވަމުން ނިހާން ވިދާޅުވި އެވެ.

އަދި މައުމޫންގެ ވެރިކަމުގެ ދުވަސްވަރު، ޖަލުގައި އަނިޔާކުރުމުގެ ސަބަބުން ސެޕްޓެމްބަރު 19، 2003 ގައި ހަސަން އީވާން ނަސީމް މަރުވި މައްސަލަ އެމްޑީޕީގެ މެމްބަރުން ހަނދާން ހުރިތޯ ނިހާން ސުވާލު ކުރެއްވި އެވެ. މީގެ އިތުރުން، މައުމޫންގެ ވެރިކަމުގެ ދުވަސްވަރު މާލޭގެ ހުޅަނގު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ހުސެއިން ސޮލާހާ ގުޅޭ ގޮތުން ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓުކުރި ގޮތާއި "ދިވެހި އޮބްޒާވާ" ގައި ލިޔުނު ގޮތް ހަނދާން ހުރިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"ކުއްލިއަކަށް ނުކުމެ، ޖިނާއީ ކުށްތަކެއްގައި ތިބި ބަޔަކު ނުވަތަ ހުކުމް ކުރެވި ނުވަތަ ހުކުމް ތަންފީޒު ކުރެވިފައިވާ ބަޔަކު ތިމަންނަމެންނަށް ވެރިކަން ލިބޭ ދުވަހަކު ދޫކޮށްލާނަމޭ ތިޔަ ވިދާޅުވަނީ ނުވަތަ ވިދާޅުވާން ތިޔަ އުޅުއްވަނީ ގާނޫނީ ކޮން ހަމަތަކެއްގެ ތެރެއިންތޯ ސުވާލު އުފައްދަން އަޅުގަނޑުމެން ބޭނުން. އެމްޑީޕީގެ އާންމު މެމްބަރުންނަކީ ހަމައެކަނި ކޭކު ފޮއްޗަށް ކޭކު އަޅަންޖެހޭ ޓީމުގެ ބަޔަކު ހުސް އެކަނި ޖަލުގައި ތިބީތީ އެމީހުން ދޫކޮށްލުމުން ނިމޭ ވައުދެއް ކަމަށް ތިޔަބޭފުޅުން ހީފުޅު ވަންޏާ އަޅުގަނޑަށް ހީވަނީ އެއީ ވެސް ވަރަށް ބޮޑު މައްސަލައެއް ހެން،" ނިހާން ވިދާޅުވި އެވެ.

ނަސްރީނާގެ ނަން ވިދާޅުނުވެ، ނިހާން ވިދާޅުވީ ކުރީގެ ފަސްޓް ލޭޑީންގެ ތެރެއިން ބޭފުޅަކު ނުކުމެވަޑައިގެން އެފަދަ ވާހަކަފުޅުތައް ދެއްކެވުމަކީ ގާނޫނުއަސާސީއާ ޚިލާފު އަދި ރާއްޖޭގެ ޝަރުއީ ނިޒާމަށް މަލާމާތް ކުރެއްވުން ކަމަށެވެ.

"މި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު އެބަތިބި ވެދިޔަ ތަނާއި މާޒީން އިބުރަތް ލިބިގަނެ، ކަން ހިނގައި ދިޔަ ގޮތް އަތުން ހިފައި ލޮލުން ދުށް. އެހެންވީމާ އެ ކަހަލަ ވާހަކަތައް ދައްކަވަން ނުވާ ބޭފުޅުން ނުކުމެވަޑައިގެން ވާހަކަ ދެއްކެވީމާ ބައެެއް ފަހަރު އަޅުގަނޑުމެން ވެސް ހަމަ އެބަޖެހޭ ތަންކޮޅެއް ހަރުކޮށް މި ވާހަކަ ދައްކާލަން،" ނަސްރީނާ އަށް އަމާޒު ކުރައްވައި ނިހާން ވިދާޅުވި އެވެ.

އެހެން ބަޔަކު ވެރިކަން ކުރާ ގޮތާ މެދު ވިދާޅުވާއިރު، އަމިއްލައަށް ވެރިކަން ހިންގެވިއިރު ކަންތައް ވެފައިވާ ގޮތާ މެދު ވިސްނެވުމަށް ވެސް ނިހާން ގޮވައިލެއްވި އެވެ.

"ބަޔަކަށް އޮޅުވާލެވިދާނެ ކަމަށް ވާހަކަ ދެއްކުމުގެ ކުރިން އަމިއްލައަށް ތިމާމެންގެ އަމިއްލަ ޒަމާނުގައި ކަންތައްތައް ވެފައި ހުރި ގޮތާއި އެ ވާހަކަ ގަބޫލު ކުރަން އަޑު އަހަން ތިބި ބަޔަކަށް ފަސޭހަވާނެ މިންވަރަކަށް އެ ވާހަކަތައް ދައްކަވާށޭ،" އޭނާ ވިދާޅުވި އެވެ.

މައުމޫނަކީ ރައީސް ޔާމީންގެ ބޭބޭފުޅު ނަމަވެސް އިތުރު ފަސޭހައެއް ނުވަތަ ލުޔެއް ދިނުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

މައުމޫންގެ އަނބިކނަބަލުން ނަސްރީނާ އާއި ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމް.---ފޮޓޯ: މިހާރު
މައުމޫންގެ އަނބިކނަބަލުން ނަސްރީނާ އާއި ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ނަސްރީނާގެ ބޭބޭފުޅު އައްބާސް އިބްރާހީމް.---ފޮޓޯ: މިހާރު

"ގާނޫނަކީ މަންމައެއް، ބައްޕައެއް، ކޮއްކޮއެއް، ތިމާގެ މީހެއް ދަންނަ އެއްޗެއް ނޫން. ގާނޫނު ދަންނަނީ އެ ކުރާ ކުށެއް ޝަރީއަތުގެ މަޖިލީހުގައި ސާބިތުވެއްޖިއްޔާ އެ މީހަކު އެ ހުކުމް ތަންފީޒު ކުރަން ޖެހޭނެ. އެއީ ކުރީގެ ރައީސެއްތޯ، އެއީ އުމުރުން ދުވަސްވީ ބޭފުޅެއްތޯ އެއީ ހަގު މީހެއްތޯ ނުއެއް ބަލާނެ ގާނޫނަކުން،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެނީ "ގާނޫނީ އިމުން ބޭރުން ހިފާ ހައްޔަރު ކުރެވި ޝަރީއަތެއް ނުކޮށެއް ނޫން" ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނިހާން ވަނީ ވޯޓު އޮޅުވައި ނުލުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ، ރައީސް ޔާމިނަށް ގޮވާލައްވާފައިވާތީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން ވޯޓު އޮޅުވާލައި ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ އިބޫ އަދި އިދިކޮޅު އެމްޑީޕީން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހަށް އަދި އެމްޑީޕީއަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ސިޔާސީ ގޮތުން ތި ހިންގަނީ ވަރަށް ނުރައްކާތެރި ޖަރީމާއެއް ކަން. ވޯޓާ މެދުގައި ރައްޔިތުންގެ ހިތްތަކުގައި ޔަގީންކަން ނަގާލުމުގެ މަސައްކަތް ފައްޓާފައި އޮތީ މިއަދަކު އެކަންޏެއް ނޫން،" ނިހާން ވިދާޅުވި އެވެ.

ވޯޓާ ގުޅޭ އެފަދަ މައްސަލަތައް ޕީޕީއެމްގެ ފަރާތުން ރަސްމީކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.