ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް މިއަހަރު ނިމޭނެ: ރައީސް ޔާމީން

ހަމައެކަނި ރަންވޭއާއެކު މިއަދު ހުޅުވި ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


އެއާޕޯޓް ހުޅުވުމަށް މަތިންދާބޯޓުގައި މިރަށަށް ވަޑައިގެން، ވެހެމުންދިޔަ ވާރޭގައި ހުންނަވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓްގައި ހަދާ ޓާމިނަލަކީ ރާވާލާ އިމާރާތެއް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އެމަސައްކަތް ނިމިގެންދާނެ ކަމަށެވެ.

އުތުރުގެ ތަރައްގީގެ ނާރެހަކަށް ވާނީ ކުޅުދުއްފުށި ކަމަށާއި އެއާޕޯޓާއެކު މިސަރަހައްދުގައި އިތުރު އެއާޕޯޓްތައް ހެދިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިރަށުގައި ގެސްޓް ހައުސްްތައް ހަދައި ލޯކަލް ޓޫރިޒަމް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހެމުން ދިޔައިރު ވެސް ރައީސް ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

"މިސަރަހައްދުގައި އެއާޕޯޓް އޮތީމާ އުންމީދު ކުރާގޮތުގައި މިސަރަހައްދުގައި މިއަންނަ ދައުރުގެ ފުރަތަމަ ދެ އަހަރު ނޫނީ ތިންވަނަ އަހަރުގެ ތެރޭގައި މިސަރަހައްދުން އެކަނި 3،000 އިތުރު ޓޫރިޒަމް އެނދު އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިރަށު އެއާޕޯޓް ހުޅުވިގެން ދިއުމަކީ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. ހާލު ބޮޑުވެގެން މިރަށު ހޮސްޕިޓަލުން މީހުން މާލެ ގެންދަން ވަރަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީ އެމްބިއުލާންސެއްގައކ ބަލި މީހާ ތެޅުވުމުގެ ބަދަލުގައި ފެނުގައި ލޮނުގައި ނުޖެހި އައިޖީއެމްއެޗަށް ނުވަތަ އޭޑީކޭއަށް ބަލި މީހާ ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް މިއަދު ހުޅުއްވައިދެއްވިއިރު އެ އެއާޕޯޓުގައި ރަންވޭގެ އިތުރުން އެއްވެސް ތަނެއް އަދި ނެތެވެ. ޓާމިނަލެއް، ޓަވަރެއް ވެސް ނެތެވެ.

މިދިޔަ ބުދަ ދުވަހު މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު މި އެއާޕޯޓަށް ޗާޓާ ފްލައިޓްތައް ފެށޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފެށިގެންދާނެ ކަމަށް ސިވިލް އޭވިއޭޝަނުން ބުނެ އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައި ދެއްވުމަކީ 2013ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އޭރު ވިދާޅުވީ މިދައުރުގެ ފުރަތަމަ ދެ އަހަރު ތެރޭގައި އެ ޕްރޮޖެކްޓް ނިންމަވާނެ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ފަށާފައިވަނީވެސް މިދިޔަ އަހަރުގަ އެވެ.