ޚަބަރު / ރިޔާސީ އިންތިޚާބު 2018

ވޯޓު ލާން ކިޔޫގައި ތިބޭތާ ދެ ދުވަސް!

ހދ. މަކުނުދޫގައި ވޯޓުލާ މަރުކަޒެއްގެ ދޮށުގައި އެ ރަށު ބަޔަކު ކިޔޫގައި ޖެހިގެން: ދެ ދުވަސް ކުރިން އެ މީހުން ވަނީ ކިޔޫގައި ޖެހިފައި

22 ސެޕްޓެމްބަރ 2018 - 15:20

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމަށް ދެން މާ ގިނަ ވަގުތެއް ނެތެވެ. ކެމްޕޭން ކުރުމުގެ ވަގުތު މިއަދު ހައެއް ޖަހާއިރު ހަމަވާ އިރު، ރަށްރަށުގެ މީހުން މިހާރު ފޯރި ހިއްޕާލާފައިވަނީ އެހެން ކަމަކަށެވެ. އެންމެ ކުރިން ވޯޓު ލާން، ވީ އެންމެ އަވަހަކަށް ކިޔުއަށް އެރުމަށެވެ.

ވޯޓުލާން ފަށަނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު ކަމަށް ވިޔަސް، ހދ. މަކުނުދޫގައި މީގެ ދެ ދުވަސް ކުރިން މީހުން ވަނީ، ވޯޓުލާ މަރުކަޒު ކައިރީގައި ކިޔޫ ހަދަން ފަށައިފަ އެވެ.

"އެއީ ހަމަ ވޯޓުލާ ހިތްލެއް ބޮޑުކަމުން. ކުރިއާލާ ގޮސް [ކިޔޫގައި] ގޮނޑި ޖެހީމައި އަވަހަށް ވޯޓުލެވޭނެތާ،" މަކުނުދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު ހުސެން ސާމީ ވިދާޅުވި އެވެ.

ވޯޓުލެވޭ މީހުންގެ ގޮތުގައި، 1،150 މީހުން ދިރިއުޅޭ އެ ރަށުގެ ކައުންސިލް މެމްބަރު ވިދާޅުވީ އެ ރަށުގައި ވޯޓު ފޮށި ބަހައްޓާ، ސްކޫލުގެ ދޮރުމަތީގައި 50-60 ހަކަށް ގޮނޑި ޖަހާފައިވާ ކަމަށެވެ. މިހާރު އެ ގޮނޑިތައް ހުރީ ހުހަށް ނަމަވެސް، އެނގިފައިވާ ގޮތުގައި ވޯޓު ލާން، މިއަދު ގިނަ ބަޔަކު ސަފަށް އަރާނެ އެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގައި އެ ރަށުގެ މެޖޯރިޓީ ހޯދާފައިވަނީ އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުންނެވެ.

ދ. ކުޑަހުވަދޫގައި ވޯޓު ފޮށިތައް ބަހައްޓާ މަރުކަޒުތައް ދޮށުގައި ވެސް އިއްޔެ ހެނދުނުން ފެށިގެން މީހުން އަންނަނީ ކިޔޫ ޖެހެމުންނެވެ. އެގޮތުން އެ ރަށު ޕްރީ ސްކޫލުގައި ބަހައްޓާ ފޮއްޓަށް ވޯޓުލުމަށް، 15 ވަރަކަށް ގޮނޑި ޖަހާފައި ހުރި އިރު، ވޯޓުލާން ފަށާނެ އިރެއްގެ އިންތިޒާރުގައި މިހާރު ވެސް މީހުން އެބަ ތިއްބެވެ.

ހދ. މަކުނުދޫގައި ވޯޓުލާ މަރުކަޒެއްގެ ދޮށުގައި އެ ރަށު ބަޔަކު ކިޔޫގައި ޖެހިގެން: ދެ ދުވަސް ކުރިން އެ މީހުން ވަނީ ކިޔޫގައި ޖެހިފައި

"އިއްޔެ ހެނދުނު އެންމެ ފުރަތަމަ އެ ގޮނޑިތަކުގައި ތިބީ ފިރިހެނުން. އެކަމަކު އެ މީހުން ހުކުރަށް ދިޔަ ގަޑީގައި އަންހެންވެރިން އައިސް ކިޔޫގައި ޖެހުނީ،" ކައުންސިލް މެމްބަރު އަހުމަދު މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓު ލާން އެންމެ ފުރަތަމަ ކިޔޫއަށް އަރަން ޕާޓީތަކުގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަ ކަމަށާއި ގޮނޑި ޖަހާފައި އެތަނުން މީހުން ހުސްނުކޮށް ތިބެނީ، އަނެއް ޕާޓީން އައިސް އެތަނުގައި ގޮނޑި ޖަހާފާނެ ކަމަށެވެ.

"ވޯޓު ފޮށިތައް ކައިރީގައި މިހާރު ގޮނޑި ޖަހާފައި ހުރީ އިދިކޮޅު ކޯލިޝަނުން. މި ރަށުގައި ތިން ވޯޓު ފޮށި ބަހައްޓާއިރު ކޮންމެ ފޮއްޓެއް ކައިރީގައި ވެސް އިދިކޮޅުގެ މީހުން އެބަ ތިބި،" މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން މެޖޯރިޓީ ހޯދި ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

ވޯޓު ފޮށި ކައިރިން ޖާގަ ހޯދުމުގައި، ޅ. ނައިފަރުގައި ކުރި ހޯދާފައިވަނީ ޕީޕީއެމުންނެވެ.

މި އިންތިހާބުގައި ވޯޓުލެވޭ 3،800 އަށް ވުރެ ގިނަ މީހުން އެ ރަށުގައި ދިރިއުޅޭއިރު، ވޯޓު ލާން ފަސް ފޮއްޓެއް އެ ރަށުގައި ބަހައްޓަ އެވެ. އިއްޔެ ރެއިން ފެށިގެން، އެ ހުރިހާ ފޮށިތަކެއް ކައިރީގައި ވެސް ޕީޕީއެމްގެ ފިޔާތޮށި ކުލައިގެ ގޮނޑި ޖަހާފައި އެބަ ހުއްޓެވެ.

ނައިފަރު ކައުންސިލް މެމްބަރު މަމްނޫހް އީސާ ވިދާޅުވީ އެންމެ ކުރިން ވޯޓުލާ ޕާޓީއަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެ ރަށުގެ ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ކުރިއާލާ ވޯޓުލުމަށް، އެ ރަށުގެ ޕީޕީއެމް ސަޕޯޓަރުންނަށް ކެމްޕޭން އޮފީހުން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފޮއްޓެއް ކައިރީގައި ވެސް އެބަހުރި އަށެއްކަ ގޮނޑި ޖަހާފައި. އެ ގޮނޑިތައް ޖަހާ މީހުންނަށް ނޫން އެހެން ބަޔަކަށް އެތަނުގައި ނުތިބެވޭނެ،" މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން މެޖޯރިޓީ ހޯދި ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

މި ރަށްރަށުގެ އިތުރުން އެހެން ރަށްރަށުގައި ވެސް، މިހާރު އަންނަނީ ވޯޓު ފޮށިތައް ކައިރީ ކިޔޫ ހަދަމުންނެވެ. ރޭގަނޑު އެ ގޮނޑިތަކުގައި ބައެއް މީހުން ނިދާފައި ތިބޭއިރު، ކެމްޕޭންގެ ފޯރި ގަދަކުރުމަށް ދުވާލު ވަގުތުތަކުގައި ގިނަ ހަރަކާތްތަކެއް ވެސް ހިންގަ އެވެ. މިއީ ކޮންމެ އިންތިހާބަކާ ގުޅުވައިގެން ވެސް ރާއްޖޭގެ ބައެއް ރަށްރަށުން ފެންނަ މަންޒަރެކެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 262,135 މީހުންނަށެވެ. މާދަމާ ހަވީރު، ހަތަރަކާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް، ގަޑި ޖެހޭއިރު ކިޔޫގައި ތިބޭ އެންމެންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ.

ވޯޓު ގުނަން ފަށާނީ، ވޯޓުލުން ނިމޭތާ ބައިގަޑިއިރު ފަހުންނެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454