ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލަނީ

ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުުށިން ހައްޔަރުކުރި 18 މީހުން މިއަދު ދޫކޮށްލާނެ ކަމަށް ފުލުހުން އަންގާފައިވާ އެމީހުންގެ ވަކީލުން މިއަދު ބުނެފި އެވެ.


ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީ އަދި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ޖެހުނު މައްސަލައިގެ ތެރޭގައި ޕީޕީއެމްގެ ދިދަތައް ވައްޓާލައި، ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ އެމްޑީޕީގެ 18 އެކްޓިވިސްޓަކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. ޓެރަރިޒަމްގެ ތުހުމަތުކުރާ އެ އެންމެންގެ ބަންދުގެ މުއްދަތު ވެސް އެ އަތޮޅު ވިލިނގިލީ ކޯޓުން ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވެ އެވެ.

ވަކީލް މަހުފޫޒްގެ ޓްވީޓް

އެ މީހުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދު ވިދާޅުވީ ކޮލަމާފުށިން ހައްޔަރުކުރި މީހުން މިއަދު ދޫކޮށްލާނެ ކަމަށް ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން އަންގާފައިވާ ކަމަށެވެ. ފުލުހުން އެގޮތަށް އެންގީ، ކޮލަމާފުށިން ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލައިދިނުމަށް އެދި ކުރިން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު، ފަރުވާއަށް މިހާރު މާލެ އައިސްފައި ހުރިއިރު ފަސް މީހުން ތިބީ ގދ. ތިނަދޫގަ އެވެ. ބާކީ މީހުން ތިބީ ވިލިނގިލީގަ އެވެ.

ޕީޕީއެމާއި އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރުކުރީ އެމްޑީޕީއަށް ނިސްބަތްވާ ސަޕޯޓަރުން އެކަންޏެވެ. އެހެންވެ އެކަމާ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.