ރައީސް ޔާމީނަށް ނާކާމިޔާބުވި ހަގީގަތް!

އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ؛ ތަރައްގީ ގެންނެވުމުގައި ރައީސް އަބްދުﷲ ޔާމީނަކީ ނަމޫނާއެކެވެ. އޭގެ ކުރިން ރާއްޖޭގެ އެއްވެސް ރައީސެއްގެ ފަސް އަހަރުގެ ދައުރުގައި ހިންގާފައި ނުވާ ފަދަ ގިނަ އަދި ބިިޔަ އެތައް މަޝްރޫއުތަކެއް ކުރިޔަށް ދިޔަ އެވެ. ބްރިޖާއި އެއާޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލާއި ރަށްރަށުގެ ބަނދަރާއި މަގުހެދުމާއި ނަރުދަމާ އެޅުން ފަދަ މަޝްރޫއުތަކާ ގުޅުވައި، ރައީސް ޔާމީންގެ ނަންފުޅު، ކޮންމެ ގޮތެއް ވިޔަސް، ތާރީޚުގައި ލިޔެވިއްޖެ އެވެ. ދިވެހިން އެ ހަގީގަތް ގަބޫލުކުރެ އެވެ.


އެހެންވެ ކަމަށް ވެސް ވެދާނެ އެވެ. ވެރިކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބާ ކުރިމަތިލެއްވިއިރު ރައީސް ޔާމީން "ވިއްކެވީ" ހަމައެކަނި އެ ތަރައްގީ އެވެ. ލޮލަށް ފެންނަން ހުންނަ "ކޮންކްރީޓް ތަރައްގީ" ނޫން އެހެން އެއްޗެއް ދިވެހިންނަށް ހައްގު ކަމަކަށް ގަބޫލުފުޅެއް ނުކުރެއްވި އެވެ. ދިވެހިންގެ އަސާސީ ހައްގުތަކާއި އިންސާފާއި ހަމަހަމަކަން ހޯދަން އުފުލިި އަޑުތަކަށް ދެއްވީ ބީރު ކަންފަތެކެވެ.

ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ ވާދަކުރެއްވި އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ބިލިއަނުން ފައިސާ ހޭދަކޮށް އެންމެ ބޮޑެތި މަޝްރޫއުތައް ހިންގި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ލ. އަތޮޅު ހިމެނޭ ގޮތުން ރައްޔިތުން ބުނީ "ނޫނެކޭ" އެވެ. މ. އަތޮޅާއި ފ. އަތޮޅު ފިޔަވައި އެމަނިކުފާނަށް އެއްވެސް ތަނަކުން މެޖޯރިޓީއެއް ލިބިވަޑައެއް ނުގަތެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމާ އެކު އިދިކޮޅު ފަރާތްތަކުން އުފާ ފާޅުކުރަނީ -- ފޮޓޯތައް: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވީ ޖުމްލަ 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިޚާބެއްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. އިބޫ ކުރި ހޯއްދަވާފައި މިވަނީ، 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި އިންތިޚާބުގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯއްދެވި ވޯޓުގެ ތަފާތަކީ 15،000 އެވެ. އޭގެ ފަހުން، 2013ގެ އިންތިޚާބުގައި ރައީސް ޔާމީނާއި ނަޝީދުގެ ފަރަގު އުޅެނީ، އެންމެ 6،000 ވޯޓުގަ އެވެ.

އެހެންކަމުން ރާއްޖޭގެ ތާރީޚުގައި ވެސް ރިޔާސީ އިންތިޚާބުގެ ވޯޓުގައި އެންމެ ބޮޑު ތަފާތެއް އުޅެނީ މިފަހަރެވެ. ރައީސް ޔާމީން ބަލިވީ ބޮޑު ބައްޔަކުންނެވެ. ސަބަބުތަކެއް އެބަ ހުއްޓެވެ.

"ނޫނެކޭ" ބުނީ ތަރައްގީއަކަށް ނޫން!

ރައީސް ޔާމީން، އިންތިޚާބާ ކުރިމަތިލެއްވިއިރު ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނާއި ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ. އެއް ކަމެއް، ދެ ކަމެއް ނޫނެވެ. ލިސްޓު ކިތަންމެހާ ވެސް ދިގެވެ.

ރައީސް ޔާމީން: ގިނަ މަޝްރޫއުތަކެއް ހިންގެވި ނަމަވެސް ރައްޔިތުން ވޯޓު ދިނީ އެމަނިކުފާނާ ދެކޮޅަށް

ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އާއްމުވުމެވެ. ގަބޫލުނުކުރެވޭ މިންވަރަށް ރައްޔިތުންނަށް އަނިޔާވެރިވުމެވެ. ތަފާތު ކުރުންތަކާއި ބިރު ދެއްކުންތަކާއި ބޭއިންސާފުން ކަންކަން ކުރުމެވެ. ނުހައްގުން މީހުން ޖަލަށް ލުމެވެ. މުއައްސަސާތަކުގެ މިނިވަންކަން ނެތި އަދުލު އިންސާފުގެ ދޮރުތައް ބަންދުކުރުމެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުމެވެ. މި ކަންކަމަށް ދައުލަތް ޖަވާބުދާރީ ކުރުވޭނެ މަގުތައް ވެސް ބަންދު ކުރުމެވެ. ގާނޫނާ ޚިލާފަށް މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމެވެ. މަޖިލީހުގައި ތަޅު އެޅުވުމެވެ.

އެކަމަކު، މިއިން އެއްވެސް ތުހުމަތެއް ގަބޫލުފުޅު ކުރައްވާ ކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވި އެވެ. ވޯޓާ ކުރިމަތިލެއްވިއިރު ވެސް ސިޔާސީ ގޮތުން އެމަނިކުފާނަށް ބިރުހީވާ އެންމެން "ގާނޫނީ ބަންދަށް" ފައްތާލެއްވުގެ ސިލްސިލާ ނިންމައެއް ނުލައްވަ އެވެ.

މި ސަރުކާރުގައި ހައްޔަރުކުރި ސިޔާސީ އެހެން ލީޑަރުންގެ ވާހަކަ ބާއްވާށެވެ؛ ރައީސް ޔާމީންގެ އަމިއްލަފުޅު، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އުމުރުފުޅުން 80 އަހަރު ފުޅުގައި އޮންނެވީ ޖަލުގަ އެވެ. ސިއްހީ ހާލުކޮޅު ގޯސްވެ ޖަލަށް ޑޮކްޓަރުން ގެންގޮސްގެން ފަރުވާދޭން ޖެހިވަޑައިގަތް އިރު ވެސް ގޮތް ދޫކުރެއްވުމެއް ނެތެވެ. މިއީ، އެމަނިކުފާނު ގާނޫނީ އިމުގެ ތެރޭގައި ހުންނެވި މިންވަރު ކަން ކަށަވަރު ކޮށްދެއްވަން އެތައް ވާހަކަފުޅެއް ދެއްކެވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ބަންދުކުރެއްވި، އިދިކޮޅު ހަރަކާތުގެ އިސް ހަތަރު ލީޑަރުން.

އެކަމަކު، ހަނދުމަފުޅު ނެތުނު ކަމަކީ ގިނަ ދިވެހިންނަކީ އަނިޔާ ތަހައްމަލް ކުރަން ބޭނުން ނުވާ އަދި އެހެން މީހުންނަށް ވެސް އަނިޔާ ލިބޭ މަންޒަރު ބަލާނެ ބައެއް ނޫން ކަމެވެ. އެއަށް ވުރެން، އަޚުވަންތަ ގުޅުން ވަރުގަދަ، އެކަކު އަނެކަކަށް އަޅާލާ، ހިތްތިރި، ހައްގުތަކަށް ލޯބިކުރާ ބައެއް ކަމެވެ.

ކެމްޕޭން ކުރެއްވީ ހުރިހާ ބާރުތަކަކާއި ނުފޫޒުތަކާ އެކުގަ އެވެ. ރާއްޖޭގައި އަނިޔާއެއް އާއްމުވެފައި ނުވާ ކަމަށް ނުވާ ކަމަށް ވިދާޅުވެ، އެތައް ވާހަކަފުޅެއް ދެއްކެވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުން ނަމަ، ތަރައްގީއާ އެކު ދިވެހިން ތިބީ ހިތްހަމަޖެހިފަ އެވެ. އެކަން ރައްޔިތުންނަށް ސިފަކޮށްދެއްވީ މުޅި މާލެ އާއި އަތޮޅުތައް ފިޔާތޮށި ކޮށްލައިގެން ބޭއްވި ސައިޒު ބޮޑު ޖަލްސާތަކުންނެވެ. ރަށްރަށަށް ވަޑައިގެން ސަލާން ކުރެއްވި ދިގު ސަފުތަކުންނެވެ.

"އަނިޔާވެރިކަމުގެ ވާހަކަ ދައްކަމާ ހިންގަވާ. މިއީ ހަމަ އަބަދު ދައްކަން ޖެހޭ ވާހަކައެއް. އަނިޔާވެރިކަމެއް ތަނެއްގައި އާންމުވެއްޖެ ކަމަށްވަންޏާ، މިކަހަލަ [އދ. މަހިބަދޫ ފަދަ] ރަށްރަށަށް އައިމާ، ރަށްރަށުގެ ރައްޔިތުން އަޅުގަނޑު ކައިރީގައި ވިދާޅުވާނެ، ތިމަންނާމެން ހާދަ އަނިޔާއެއް ތަހައްމަލު ކުރަމޭ. އަޅުގަނޑުމެން މި ދާ ކޮންމެ ރަށަކުން މަރުހަބާ ކިޔަނީ، އަނިޔާވެރިކަން ތަހައްމަލު ކުރާ ބައެއް ނޫން. މޫނުމަތިން ހިނިތުންވުމެއް އަޅުގަނޑަކަށް ނުފެންނާނެ، ބައްދަލުކުރަން، ސަލާން ކުރާކަށް ބަޔަކު ނާންނާނެ، ރަށެއްގައި، ގައުމެއްގައި، އަނިޔާވެރިކަން އާންމުވެފައި އޮތިއްޔާއެއް،" ތަރައްގީގެ މަޝްރޫއެއްގެ ނިމުން ފާހަގަކުރެއްވުމުގެ ނަމުގައި މަހިބަދު އަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގައި އަނިޔާ އާއްމުވެފައި ނެތް ކަން ސާބިތުކޮށްދެއްވަން، ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އެކަމަކު މި ވާހަކަފުޅުތަކުގެ ތެރެއިން، އިދިކޮޅަށް ދޭ ހަމަލާތަކުގައި، މުއައްސަސާތަކުގެ ޒިންމާތަކަށް ނުފޫޒު ފޯރުއްވައި އަމިއްލަފުޅަށް ކަންކަން ކުރެއްވި ކަމަށް ސާބިތުވާ މިންވަރަށް ބައެއް ވާހަކަ ވިދާޅުވެފައި ވެސް އެބަ ހުއްޓެވެ.

އެއް ވާހަކައަކީ، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލަ އެވެ. އެއީ، ސީދާ އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް އިއުތިރާފްވެވަޑައިގެންނެވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދެއްވީ ވެސް އެމަނިކުފާނު ކަމަށް ފަޚުރުވެރިކަމާ އެކު ޖަލްސާއެއްގައި ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީ އަކީ ފަސް އަހަރުގެ ދައުރުގައި ވެރިކަން ކުރެއްވި ގޮތެވެ.

"ރައްޔިތުންނަށް ގަބޫލުނުކުރެވޭ އެތައް ކަމެއް ހިންގެވީ. އޭގެ ތެރޭގައި ވައުދުތައް ނުފުއްދެވުމާއި ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ނުހިތުމާއި އެކުވެރިކަމާއި ގުޅުމާއި ރަހުމަތްތެރިކޮށް ނުބެލުމާއި ދިވެހިންނާ ޒަމާނުއްސުރެ ގާތް ގުޅުންތައް ކަނޑާލުން ފަދަ ސަަބަބުތަކާ ހެދި ރައީސް ޔާމީން އެހާ ބޮޑު ތަފާތަކުން ބަލިވެގެން ދިޔައީ،" ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ދިވެހިން އިސްކުރީ ހައްގުތަކާއި މިނިވަންކަމެވެ. ނޫނެކޭ ބުނީި އަނިޔާ އަށެވެ. ރައީސް ޔާމީން، އެ ހަގީގަތް ގަބޫލުފުޅު ނުކުރެއްވީ އެވެ.

އަދިވެސް ނުކުރައްވަ އެވެ؛ އިންތިޚާބުގެ ބަލި ގަބޫލުފުޅު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވެސް ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވީ އިޚްލާސްތެރިކަމާ އެކުގައި ކަމަށެވެ. އެކަން ބަލައިނުގަތުން އެއީ ދިވެހިންގެ ނިންމުމަކަށް ވާތީ އިހްތިރާމް ކުރައްވާ ކަމަށް ވިދާޅުވި އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރެއްވި ކަންކަމަށް މައާފަށް އެދިވަޑައެއް ނުގަންނަވަ އެވެ. އެ ހުރިހާ ކަމެއް ވެސް ފެއްތެވީ ގާނޫނުގެ ތެރެއަށެވެ.

ރައީސް ޔާމީނާ އެކު ތިއްބެވި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ތަކުރާރު ކުރައްވަނީ އެ ވާހަކަފުޅެވެ. އިންތިޚާބުގައި ބަލިވީ އަނިޔާ އާއި ހައްގުތައް ނިގުޅައިގަތުމުން ނޫން ކަމަށެވެ.

"އެއީ، ހައްތާ ވެސް ތުހުމަތޭ. ސާބިތެއް ނުވެޔޭ،" ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި އެވެ.

އެހެންވެ އެ ސަބަބުތައް ހޯއްދަވަން ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ މަސައްކަތް ފައްޓަވައިފަ އެވެ.

ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނަށް 80 ޕަސެންޓުން އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެ، އަރިހުގައި ތިބެއްވި ބޭފުޅުން ވާހަކަ ދެއްކެވި ގޮތަށް އަދިވެސް ކަންކަމުގެ ހަގީގަތް އޮޅުވާލައްވާނެ އެވެ. އެކަމަކު އެއް ކަމެއް، ރައީސް ޔާމީނަށް މިހާރު ސާފުވެވަޑައިގަންނަވާ އެވެ. ރަށްރަށަށް ވަޑައިގަނެ، ސަފުތަކުގައި ސަލާންކުރެއްވިއިރު، ނުވަތަ ރަށްރަށަށް ވަޑައިގެން ބާއްވާ ޖަލްސާތަކުގައި ރައްޔިތުންނަށް ނުބުނެވުނު ވާހަކަ މި ވޯޓުގައި ބުނެދީފި އެވެ.

އެމަނިކުފަނުގެ ސަރުކާރުގައި "ރާއްޖޭގައި އަނިޔާ އޮތީ އާއްމުވެފަ" އެވެ. ހުރިހާ އަތޮޅަކުން ވެސް ރައީސް ޔާމީނަށް ދެއްވީ މި މެސެޖެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ގަބޫލު ނުކުރެއްވިއަސް ހަގީގަތަކީ މިއީ އެވެ. ކެތްތެރިކަން އިސްކޮށް ދިވެހިން ނަގައިދިނީ ފިލާވަޅެކެވެ. ރައްޔިތުން ނޫނެކޭ ބުނީ އަނިޔާ އާއި ބޭއިންސާފަށެވެ. "ކޮންކްރީޓް ތަރައްގީއަކަށް" ނޫނެވެ.