ކުޅުދުއްފުށީ އެއާޕޯޓްގެ ޗެކިން ޖޯކަކަށް!

ފްލައިޓަށް އަރަން ކިޔޫ ހަދަން އެންގި އެވެ. ޓެންޓެއްގެ ހިޔަލުގައި މޭޒެއް ބަހައްޓައިގެން އޭވިއޭޝަން އޮފިސަރުން ތިއްބެވެ. ކޮންމެ ފަސިންޖަރެއްގެ ދަބަސް ހުޅުވައި ބަލަ އެވެ. ނަމަވެސް އެއްޗެއް ހޯދާ ގޮތަކަށް ނޫނެވެ. މަތިމަތިން ބަލާލަނީ އެވެ. ދަބަހުގައި ހުރީ ކޮން އެއްޗެއްތޯ، ބައެއް މީހުން ކައިރީ ސުވާލު ކުރުމަށް ފަހު އެވަރުން ފުއްދާލަނީ އެވެ. ފްލައިޓަށް އެރުވުމުގެ ކުރިން މެޓަލް ޑެޓެކްޓާ ބޭނުންކޮށްގެން ބައެއް މީހުން ފާސްކުރެ އެވެ.


މިއީ ދާދު ފަހުން ހުޅުވި ހދ. ކުޅުދުއްފުށީ އެއާޕޯޓުން ފުރާ މީހުން ޗެކިން ކުރަމުން އަންނަ ގޮތެވެ. މިދިޔަ ބުދަ ދުވަހު އެ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓާއި އޭގެ ފަހުން ވޯޓަށް މީހުން ގޮވައިގެން ދިޔަ ދެ ފްލައިޓުގައި ވެސް ޗެކިން ކުރީ އެގޮތަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް މިދިޔަ ހުކުރު ދުވަހު ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވިއިރު ހަމައެކަނި ނިމިފައި ވަނީ ރަންވޭގެ މަސައްކަތެވެ. އެއާޕޯޓް ޓަވަރެއް، ޓާމިނަލެއް، ސެކިއުރިޓީ ޕޯސްޓެއް އަދި އޮފީސް އިމާރާތެއް ވެސް ނެތެވެ. ލައިޓް ޖެހުމުގެ މަސައްކަތް ވެސް ނުނިމެ އެވެ.

ހަމައެކަނި ރަންވޭގެ މަސައްކަތް ނިމިފައިވާ ކުޅުދުއްފުށީ އެއާޕޯޓް-- ފޮޓޯ: މިހާރު

އެއާޕޯޓަކަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައް ވެސް ގާއިމް ނުކުރެވެނީސް، އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް ކުއްލިއަކަށް އެއާޕޯޓް ހުޅުވުމުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެ އެއާޕޯޓުން ފުރަން ގޮސް ތިބި މީހުން ޗެކްކުރާ ފޮޓޯތަކެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމުން ފާޑުކިޔުން ވަނީ އިތުރަށް ބޮޑުވެފަ އެވެ. ޓްވީޓްގައި އެތައް ބަޔަކު ޖޯކު ޖެހީ "މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އެއާޕޯޓެއް" ކަމަށް ބުނެ އެވެ.

އެއާޕޯޓުގައި ޓާމިނަލެއް ނެތުމުން ފާޑުކިޔުން---

ޓާމިނަލާއި ޗެކިން އަށާއި ސަލާމަތީ ކަންކަށް ބޭނުންވާ އެންމެ އަސާސީ ވަސީލަތްތައް ވެސް ނެތި އެއާޕޯޓް ބޭނުންކުރަން ފެށުން ބައެއް މީހުން ނެގީ "ވޯޓަށް ދެއްކި ދަޅައެއް" ގެ ގޮތުގަ އެވެ.

"ކުޅުދުއްފުށީ އެއާޕޯޓްގައި ދުނިޔޭގެ އެއްވެސް އެއާޕޯޓެއްގައި ޗެކިން ނުކުރާ ގޮތަކަށް ޗެކިން ކުރަނީ. ލަދުން ބޯހަލާކު،" ޗެކިން ކުރާ ފޮޓޯ، ޓްވީޓް ކުރަމުން ޒުވާނަކު ބުންނެވެ.

އަނެއް ބަޔަކު ކަންބޮޑުުވުން ފާޅުކުރަމުން ދިޔައީ ސަލާމަތީ ކަންކަމަށް ނުބަލައި އެއާޕޯޓް ބޭނުންކުރާތީ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ކަންކަން އޮތީ ޒަމާނުންސުރެ ވަރަށް ރަނގަޅު އުސޫލެއްގެ މަތީގައި ކަމަށެވެ. ހިތާމަވެރި ހާދިސާތައް ހިނގުން މަދީ ވެސް އެ އުސޫލުތަކަށް އަމަލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ތަޖުރިބާކާރު ވިދާޅުވި ގޮތުގައި، މި ފަހުން އަމަލްކުރަމުން ގެންދަނީ އެ އުސޫލުތަކަށް މާ ބޮޑަށް ވިސްނައިގެންނެއް ނޫނެވެ.

"ފްލައިޓަށް ލަގެޖް ވެސް އަދި މީހުން ވެސް އަރުވަންވާނީ ރަނގަޅަށް ބަލައި ޗެކްކުރުމަށް ފަހު ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.

"ހުންނާނެ ކޮމްޕްރޮމައިޒް ނުކުރެވޭނެ ކަންކަން. އެކަމަކު އޭވިއޭޝަން ފަދަ ރިސްކީ ދާއިރާއެއްގައި މިހާ ފަރުވާކުޑަ ގޮތަކަށް ކަންކަން ކުރެވިގެން ނުވާނެ."

ރައީސް ޔާމީން ކުޅުދުއްފުށީ އެއާޕޯޓް ހުޅުއްވައި ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ބައެއް މީހުންގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކާ ބެހޭ ގޮތުން އޭވިއޭޝަން އޮތޯރިޓީގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.

އެއާޕޯޓް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން އެ އެއާޕޯޓުގެ އެހެން މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މި ވަގުތު ދަތުރުކުރނީ ޗާޓާ ފްލައިޓްތައް އެކަންޏެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް ޔާމީންގެ ކެމްޕެއިންގެ މަސައްކަތަކަށް ވިޔަސް، އެ ރަށުގެ އަށް ފޮށީގެ ތެރެއިން އެމަނިކުފާނަށް މެޖޯރިޓީ ލިބުނީ އެންމެ ފޮއްޓަކުންނެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓުގެ 54 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ރައީސް ޔާމީނަށް ކުޅުދުއްފުށިން ހޯއްދެވުނީ 45 ޕަސެންޓް ވޯޓެވެ.