އެއްކޮށް އަރާނެ ފަޅުވެރިއަކު ނެތަސް އެކަނި ދަތުރުކުރަން ވެސް މިހުރީ ކަމަރު ބަނދެގެން: ރައީސް

އަންނަ ނޮވެމްބަރު 17 ން ފެށިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެރިވާން ފަށާއިރު، އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އެމަނިކުފާނާ އެކު އަރާނެ "ފަޅުވެރިއަކު" ނެތަސް ގިނިކަންޏާ ވެސް ދަތުރު ކުރައްވަން ހުންނެވީ ކަމަރު ބަންނަވައިގެން ކަމަށް އެ ޕާޓީގެ އާ ރައީސް، ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށް ފަހު، އާންމު ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ފަހަރު ޕީޕީއެމަށް ލިބުނު ނިކަމެތި ކަމުން ހިތްވަރު ހޯދަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ދެން ހަރަކާތްތެރިވާން ޖެހޭނެ ކަން ގަބޫލުކޮށް އެކަމުން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ އަތުގައި މިއަދު އޮތް އެއްޗަކީ. އަޅުގަނޑުމެންގެ އަތުގައި މިއަދު އޮތް އެންމެ އަގު ބޮޑު އެއްޗަކީ އެ އޮންނަ ހިތްހަމަޖެހުން. އަޅުގަނޑުމެންނަކީ އިސްލާމްދީނަށް އެންމެ މަތިވެރި ގަދަރެއް ދިން ޕާޓީ ކަމަށް ގަބޫލު ކުރެވޭތީ. އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރަން،" ޕީޕީއެމްގެ ކުއްލި ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޕީޕީއެމް އުފެއްދީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކަމަށާއި އޭރު ސަރުކާރު ޖަވާބު ދާރީ ކުރުވަން ވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނޮވެމްބަރު 17 ގައި ރައީސް ކަމުގެ ހުވާކުރައްވާއިރު، ރައީސް ޔާމީން ވިދާޅުވިގޮތުގައި ޕީޕީއެމް އަނެއްކާ ވެސް އިދިކޮޅު ޕާޓީއަކަށް ވާނެ އެވެ. އަދި އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްގޮތަކަށް ވެސް މާޔޫސްވާކަށް ނުޖެހޭ. މި ކަހަލަ އެތައް ގުރުބާނީއެއް އަޅުގަނޑު ވެއްޖައިން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ހަރަކާތްތެރިވާއިރު، އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޕާޓީ ދޫކޮށް މެމްބަރުން ދިއުން ކަމަށާއި އެކަން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މުޒާހަރާތައް ވެސް ކުރަން ޖެހޭނެ. އަޅުގަނޑުމެން ރެލީތައް ވެސް ބާއްވާނެ. އަދި އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބަށް ދަތުރު ވެސް ކުރާނެ. އަދި އަޅުގަނޑުމެންގެ ވާހަކަތައް ރައްޔިތުންނަށް ދައްކަން، އިތުރަށް ވިސްނައިދޭން ވެސް ދަތުރު ކުރާނެ. އެ ކަންކަމުގައި ތިޔަބޭފުޅުން އެހީތެރިވާން ޖެހޭނެ. އަދި އަޅުގަނޑުމެންނަށް ނުދެވުނަސް، ޕާޓީީއަކުން އަޅައެއް ނުލައޭ ވިދާޅު ނުވޭ. ޕާޓީ އަކީ އަޅުގަނޑުމެން އެންމެންގެ އެއްޗެއް. ޕާޓީ އަކީ އެއްގޮތަކަށް ވެސް ރައީސް ޔާމީންގެ އެކަނި އެއްޗެއް ނޫން،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހުންނެވި އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނާ ހިޔާލު ތަފާތުވެ އެ ޕާޓީ ބައިބައިވެފައިވާ ވުމަށް ވެސް ރައީސް ޔާމީން ވަނީ މިރޭ އިޝާރާތް ކުރައްވައިފަ އެވެ. މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުންތަކެއް އެ ޕާޓީން ވަކިކޮށްފައިވާއިރު، ރައީސް ޔާމީން ވިދާޅުވީ މިހާރު ޕީޕީއެމްގައި ތިބީ އެ ޕާޓީގެ އަސްލު މެމްބަރުން ކަމަށެވެ.

"މި ޕާޓީ އުފައްދައިގެން އެންމެ ހަރަކާތްތެރިވި މީހުން މިއަދު މި ތާނގައި މި ތިބީ. އެހެން ނަމަވެސް އޭގެ ފައިދާ ލިބުނު ބަޔަކު އުޅޭނެ. އެ އަކީ އަމަލީ މަސައްކަތައް ނުކުމެ މަސައްކަތްތަކެއް ކުރި ބައެއް ނޫން. ޕާޓީ އަކީ ބޮޑު ޕާޓީއަކަށް ހަދައި ޕާޓީއަށް ގިނަ މެމްބަރުން ހޯދަން އޭރަކު ކުރި މަސައްކަތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ބާއްވަން ނިންމި އިރު އެ ޕާޓީގައި 4،000 މީހުންވެ ސް ހަމަނުވާ ކަމަށާއި ނަމަވެސް މިއަދު އެއީ 70،000 އަށް ވުރެ ގިނަ މެމްބަރުން ތިބި ޕާޓީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 13 މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެއީ ކުޑަ ކަމެއް ނޫން ކަމަށެވެ. އެއީ ޕާޓީގެ ތެރެއިން ގަސްތުގައި ދިން "ކެއްސެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.