އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް: ނަތީޖާ އަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ނެތް ކަމަށް ވިދާޅުވި. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
29 ސެޕްޓެމްބަރ 2018 - 12:50
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން 400 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ އެއްވެސް ކަމެއް އޭގެ ތެރޭގައި ނުހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އާއްމުކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަން އިއުލާން ކުރައްވައިފަ އެވެ. ނަތީޖާގައިވާ ގޮތުން އިންތިޚާބުގައި އިބޫ އަށް 134،705 ވޯޓު އަދި ރައީސް އަބްދުﷲ ޔާމީނަށް 96،052 ލިބިވަޑައިގަތެވެ. އެއީ އިބޫ އަށް ވޯޓުގެ 58.4 ޕަސެންޓް އަދި ރައީސް ޔާމީނަށް 41.6 ޕަސެންޓެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި 423 ޝަކުވާ ހުށަހަޅާފައިވާއިރު، އޭގެތެރެއިން 229 ޝަކުވާ އަށް މިހާތަނަށް ވަނީ ޖަވާބު ދީފަ އެވެ. އަދި އިތުރަށް ބަލަން ޖެހޭ 198 ޝަކުވާއެއް ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
ނަތީޖާ އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
މައިގަނޑު ގޮތެއްގައި ހުށަހަޅާފައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ދިނުމާއި ރީ ރަޖިސްޓްރޭޝަނާއި ވޯޓާސް ލިސްޓާއި ވޯޓިން ބޫތު ބަދަލުކުރުމާއި އިތުރު ލިސްޓެއް ގެންގުޅުމާއި ވޯޓު ގުނަން ޔޫވީ ލައިޓް ބޭނުންކުރުމުގެ އިތުރުން ކެމްޕޭން ކުރުމާއި ވޯޓުލުމުގެ އިންތިޒާމާ ގުޅޭ ޝަކުވާތައް ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މީގެ ތެރޭގައި ހުރި ބައެއް މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންދަން ގައުމީ ކޮމްޕްލެއިންސް ބިއުރޯއިން ނިންމާފައިވާ ކަމަށެވެ. އެކަމުގެ މީގެތެރޭގައި ނަތީޖާ ބަދަލުވެދާނެ ފަދަ ޝަކުވާއެއް ނެތް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވެގެން މިދިޔައީ ވަކި ފަރާތެއްގެ ނުފޫޒާ ހެދިއެއް ނޫން. ނަމަވެސް ނަތީޖާ އިއުލާންކުރުމުގެ ކުރިން ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލައި، ނަތީޖާ މިއަދު އިއުލާން ކުރަން މި ނިންމީ ރޭގެ ވަގުތެއްގައި،" ޝަރީފް ވިދާޅުވި އެވެ.
ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ނެތް ކަަމަށް ޝަރީފް ވިދާޅުވިއިރު، އިންތިޚާބު ގަބޫލުނުކޮށް ޕީޕީއެމުން ކޯޓަށް ދާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެކަމަކު އެފަދަ ކަމެއް ކުރަން ނޫޅޭ ކަމުގެ ޔަގީންކަން ރޭ އެ ޕާޓީން ވަނީ ދީފަ އެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ކޮމިޝަންގެ ފަސް މެމްބަރުންނަށް ތަފާތު ތުހުމަތުތަކާ އެކު މަރުގެ އިންޒާރުތައް ވެސް ދިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެއާއެކު، މެމްބަރުން ރިޝްވަތު ނެންގެވި ކަަމަށް ކުރާ ތުހުމަތަށް ޖަވާބު ދެއްވައި އޭނާ ވިދާޅުވީ އެފަދަ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އިންތިޚާބު ކުރިން އަދި ފަހުން ވެސް ކޮމިޝަންގެ އެއްވެސް މެމްބަރަކު ކުރައްވާފައި ނުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިންނެވެ. މެމްބަރުން މަސއްކަތް ކުރެއްވީ ނުފޫޒެއްގެ ދަށުވެ، ވަކި ފަރާތަކަށް އިންތިޚާބު ކާމިޔާބުކޮށްދެއްވަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންތިޚާބުގައި މަސައްކަތް ކުރީ ހަމަޖެހިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކުގެ ތެރެއިން،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Shiyam
29 September 2018
ބާޣީން ބޭރު ކުރާއިރު ކުޅިވަރެއް ހުންނާނެ ތާ
ފާތުމަ ސ
29 September 2018
އެން ޑީ ޕީ ކުދިން މިއަދު ދެން ކިޔާނީ ކީކޭބާ؟
ދާލު
29 September 2018
400 ޝަކުވާއަކީ ނިހާނުމެން ކުއްލިއަކަށް ބަރިއަކަށް ހުށަހެޅު ޝަކުވާތައް، އިންތިހާބު ނިމުނުއިރު ހުރީ އެންމެ 18 ޝަކުވާ.
ޢަމީނާ
29 September 2018
ޢާޗާ. މިހާރު އެމްޑީޕީ ކުދިން ބުނާނެ ޝަރީފު ސަޅިއޭ. ރަނގަޅޭ. މީއެމީހުންގެ ގޮތް.
ޕީޕީ
29 September 2018
ކޮބާ ހީވޭ ދެއްކި ވާހަކަ އެއޮތީ މިހާރުއަނެއްކާވެސް ޔަޤީންވެފަ!! މިއަދު ޝަރީފު އަރާ އެބުނީ މަރުގެ އިންޒާރުދިނޭ ބަޔަކު ބޭނުންގޮތަކަށް ނަތީޖާ ނުނިކުތީމަ.. މީ ދޯ ތިބުނާ ޕީޕީ ރަނގަޅު ގޮތަކީ.. ކަލޯ އެހެންވެއޭ އެހާމަދުން ވޯޓު ލިބުނީ!
ފާތިމާމަނިކެ
29 September 2018
އަމީނާއަށް މިހާރު ޝަރީފްކަމުނުދިޔަސް އަހަރުމެންނަށް އެއްއިރެގަވެސް އޭނަރަނގަޅެއްނޫން. އޭނާ މަގާމުންވަކިވެސްކުރާނެ އަދި ބަލަންތިބޭ. އަމީނާ ހަނދާނެތުނީދޯ އޭނަވަރުމީހެއް ނެތިގެން އުޅުންޒަމާން.
މިރައިސް2018
29 September 2018
ނިހާނު އާ އެޗްޑީސީ ކުދިންކޮޅު އެބަހުރި ހިތްވަރެއް ކޮށްލާފަ ޝަކުވާ ފޯމު ހުށައަޅަން. ލޮލް
ކިއްލިބާޝާ
29 September 2018
ދިވެހިންގެ ޝަކުވާއަކަށް ނިމުމެއް ނެތް ކިތަންމެ ރަގަނޅަކަށް ކަމެއް ދިޔަސް.
ނަރީޝް
29 September 2018
ގަދަބަދަވިކަމާއި ގަޓްކަން ދެއްކުމަށް ދިވެހިން ނޫނެކޭ ބުނެފި! ހުރިހާ ދިވެހިންނަށްވެސް ވަކި ޕާޓީއަކަށް ބެލުމެއްނެތި ހައްޤުތަކާއި މިނިވަންކަމާއި އިންސާފު ލިބެންޖެހޭނެ އަބަދުވެސް! ޙަލާލު ނޫން ގޮތެއްގައި ވަޒީފާ އަދި ފައިސާ އެއްވެސް މީހަކަށް ލިބެގެން އަދި ދީގެން ނުވާނެ! ނުޙައްޤު މުއްސަދިކަން ބަލައި ތަޙުޤީޤު ކުރެވެންޖެހޭ!
ތަހުގީގު
29 September 2018
ތަހުގީގު ކުރާށޭ، ކުރާއިރު ބައިކޮޅުގަ ތިބިމީހުންގެ މައްސަލަ ނުބެލެންޔާ ދެން ކޮން އިންސާފެއް؟ ޖެހޭނީ އެއްތާކު ތަފާތަކީ ޗައިނާ ބޭރުކޮއް އިންޑިޔާ ޔައް ބަދަލުވުން.