ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު
03 އޮކްޓޯބަރ 2018 - 21:43
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއް އެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމި ނިންމުން މިއަދު ބަދަލުކޮށް އެ މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން މި ރޭ ބާތިލު ކޮށްފި އެވެ.
އެ 12 މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އީސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ މެމްބަރުންގެ މަޖިލީހުން ވަކިވެއްޖެ ކަމަށް ނިންމި ނިންމުމާއި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ވެސް ބާތިލްކުރި ކަމަށެވެ.
އެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ މައްސަލައާ މެދު ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އެގޮތަށް އެކަން އޮއްވައި އަދި އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އީސީ އަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް ވަކި ގޮތެއް ނިންމުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.
އެ ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް އެހެން މުއައްސަސާއަކުން އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން މަޖިލީހުގެ މަސައްކަތެއްގައި އެ 12 މެމްބަރުންނަށް ބައިވެރިނުވެވޭނެ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
"... ބަޔާން ކުރެވުނު 12 ފަރާތް [12 މެމްބަރުން] ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލު އަދި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށް ކަނޑައަޅައި މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަން ކޮމިޝަނަށާއި ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގައި އަމުރުކޮށްފީމެވެ،" އަމުރުގައި ބުނެފައިވެ އެވެ.
އިދިކޮޅާ ގުޅިވަޑައިގެންނެވި 12 މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް އީސީން ކުރިން ނިންމުމުން އެ ބޭފުޅުން މަޖިލީހަށް ވަނަކަ ނުދެ އެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވައި ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީން ކުރިން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. ދާދި ފަހުން ޕީޕީއެމުން ވަކިކުރުމުން، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ވަނީ، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ހުސްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
04 October 2018
ތިފަޑިޔާރުން ވިސްނަންވެއްޖެއްނު މިނޫން ދުވަހެއްއޮތްކަން؟
Dhaadhey
04 October 2018
"އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ." ސްޕްރީމް ކޯޓަށް މައްސަލައެއް ވެއްދީމާ އޭގެ މަތީގައި ފަނޑިޔާރުން އިށީދެގެން ތިބެ ގޮތެއް ނުނިންމައި ބަޔަކުމީހުންގެ ހައްގު ހޯދައިނުދީ ކިހާދުވަހަކު ތިބެން ޤާނޫނު އަސާސީ ހުއްދަ ކުރޭތޯއެވެ. ގޮނޑި ހުސްވެއްޖެކަމަށް ހުސްވެއްޖެއޭ ބުނިމީހުން ހުސްނުވޭ ބުނީމާ ދެން އެއަށް ސްޕްރީމް ކޯޓުން ފައިވިއްދައިގެން ހިފަނީ ކޮން މަސްލަހަތަކަށް؟
އާމިރު އަލީ
04 October 2018
މި އަމުރުން އެނގެނީ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުނުކަން ކަނޑައެޅި ކަނޑައެޅުންވެސް ބާތިލްކަން، މިހާރު ވަރަށް ސާފުވެއްޖެ.. އެހެންވީމަ، މެންބަރުންގެ ގޮނޑި އަސްލު ނުގެއްލޭ
ސަމާ
04 October 2018
ޔާﷲ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކުރުމަށް ހެޔޮވިސްނުން ދެއްވާންދެ!
ވޮލަންޓިއަރު
04 October 2018
ސުޕްރިމްކޯޓަށް ގެއްލޭ ނުގެއްލޭ ކިޔާލަ ކިޔާލާ ހިފެހެއްޓޭނީ 6 މަސް ދުވަހައް ދެންއަންނަ އިންތިހާބެއްގަ މެޖޯރިޓީ ހޯދާ ތިތަން ސާފު ކުރާނަން
ހޮނުގުގުރި
04 October 2018
އަހަރެން ހިތައް އަރާ އީސީ 12 މެންބަރުން ވަކިކުރީމަ ކީއްވެބާއޭ ސުޕުރީމް ކޯޓުން ފުރަތަމަ ނުބުނީ ތީ އީސީ އާ ބެހޭ ކަމެއް ނޫނޭ
މޮންސްޓާ
04 October 2018
ފިނިހަކަ ސްޕީޑް ސްޕްރީމް ކޯޓް ދޯ
78900
04 October 2018
ސުޕްރީމް ކޯޓުން ކުރި ކަންތައް 12 ގަޑިއިރު ފަހުން ގެޓް ވެއްޖެ. އެއީ މުޅިއަކުން ޔާމީނާ ބެހޭ ކަމެއްނޫން. މަޖިލިސް ފަންކްޝަން ކުރަން ފަށައިފިއްޔާ ޖުޑިޝަރީ ސާފުކުރާނެ. ގަދަ އިނގޭ.
އަލީ ހަމީދު
04 October 2018
އަނެއްކާވެސް މި ފެނުނީ ކޯޓުން އިންސާފަށް ގެނެސްދިނުމަށް ހުރަސްއެޅިތަން.
5555
04 October 2018
ރާއްޖޭގައި މިތިބެނީ ފާޑެއްގެ ބައެއް. މަގާމު ދިފާއު ކުރާނެ. ރައްޔިތުން ދިފާއު ނުކުރިއަސް. ދެން މިބުނީ މެމްބަރުންެ ވާހަކަ.......................................................................................... އެއް ނޫން.
ޢަހުމަދުބެ
04 October 2018
ޢީސީގެ ނިންމުމަކާ ގުޅިގެން އުފެދުނު ހިޔާލުރަފާތުވުމެއް އީސީގެ ބަސްގެންދިއުމުން ސުޕްރިމްކޯޓުން ބަލަންޖެހޭ ކަމެއްނެތް.