ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބާނަން: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއް އެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިދިޔަ އަހަރު ކަނޑައެެޅި ކަނޑައެޅުން ބަދަލުކޮށް، އެ މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން މިރޭ ބާތިލް ކޮށްފައިވާތީ، އެ އަމުރަށް ބޯލަނބާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އެ އަމުރަށް ބޯލަނބައި އޭގައި ބަޔާން ކޮށްފައިވާ ކަންކަން އެ މަގުން ހިންގުމުގައި ފުރިހަމަ ތާއީދާއި އެއްބާރުލުން ސުޕްރީމް ކޯޓަށާއި ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް ދޭނެ ކަމުގެ ޔަގީން އަރުވާ ކަމަށެވެ.

އަދި، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ބޯލަނބައި އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ މައްސަލައާ މެދު ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އެގޮތަށް އެކަން އޮއްވައި އަދި އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް، އީސީ އަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް ވަކި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.