މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ލޮނުޒިޔާރަތްކޮޅަށް ދާ މީހުންނަށް ހާއްސަ ޕްލެޓްފޯމެއް ހަދަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. އެ ޕްލެޓްފޯމު އަޅައިދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމުގެ ނަމުގައި ވަކި ސަރަހައްދެއް ހަދަނީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބްރިޖް ބަލަން ގިނަ ބަޔަކު ލޮނުޒިޔާރަތްކޮޅަށް ދާތީ އެ މީހުންނަށް ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.
ޕްލެޓްފޯމު ހަދަނީ ބްރިޖް ބަލަން ސައިކަލްތަކުގައި މިހާރު ވެސް މަޑުކޮށްގެން ތިބޭ ސަރަހައްދުގަ އެވެ. އެތަން ހަދަނީ ސިޑިބަރިއަކުން މައްޗަށް އަރައި ތިބެވޭގޮތަށެވެ.
ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާއިރު، އިއުލާނުގައިވާ ކުރެހުމުން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ކާއެއްޗެހި ލިބޭ ސަރަހައްދެއް ވެސް ގާއިމްކުރާނެ އެވެ. ސަރުކާރަށް މަހުން މަހުން ކުލި ދައްކާ ގޮތަށް ބްރިޖް ޕްލެޓްފޯމު ހިންގަން ހަވާލުކުރަނީ ވަނީ ތިން އަހަރު ދުވަހަށެވެ.
ޗައިނާގެ ސީސީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބްރިޖް މަސައްކަތުގައި މިހާރު އަންނަނީ ކަނޑުއަޑި އަށް ބޮޑެތި ހޮޅިތައް ޖަހަމުންނެވެ. މި މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމުމުން ދެން އޮންނާނީ ބްރިޖްގެ ޑިޒައިނުން ވީ އަކުރެއްހެން ފެންނަ ކެޕިން ހެދުމުގެ މަސައްކަތެވެ.
ބްރިޖްގެ މަސައްކަތް ކުރަން އެޅި ދިގު ޕްލެޓްފޯމް މާލޭގެ އިރުދެކުނު ކަންމަތިން ފަށައިގެން ގެންގޮސް މިހާރު ވަނީ ކަނޑު މެދުގައި ގާއިމްކުރި ޕްލެޓްފޯމްތަކާ ގުޅާލައިފަ އެވެ. ބްރިޖް އަޅަން ބޭނުންވާ ސާމާނު އުފުލުމާއި އެހެން މަސައްކަތްތައް ކުރިއަށް ގެންދާނީ މި ޕްލެޓްފޯމު މަތީގަ އެވެ.
ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އަޅަން ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެނީ ޗައިނާ ސަރުކާރުންނެވެ. އަނެއް ބައި ލޯނެއްގެ ގޮތުގައި ދޭ އިރު ދިވެހި ސަރުކާރުން ވެސް އެ މަޝްރޫއުއަށް ހޭދަކުރެ އެވެ.