ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާ ކަމަށާއި ވައްޑެ އަކީ މިހާރު ވެސް މަޖިލިހުގެ މެމްބަރެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފި އެވެ.


މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު، ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި ބައި އިލެކްޝަންސް ބާއްވަން އިއުލާން ކުރި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، އޭނާގެ ގާނޫނީ ވަކީލުންނާ އެކު ވައްޑެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވައްޑެގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ވައްޑެ ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން "ސާފުކަން ބޮޑު ގޮތެއްގައި" އެނގެން އޮންނަ ކަމަށެވެ. އަދި ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ފާހަގަ ކުރި ބައެއް ކަންކަމުގެ ތެރޭގައި ސުޕްރީމް ކޯޓުން ޖުލައި 16، 2017 ގައި ނެރުނު އަމުރުގައި މާޒީވެ ދިޔަ ކަންކަމުގެ މައްޗަށް ރުޖޫއަ ނުވާނެ ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތްއިރު، އެ ތާރީހުން ފެށިގެން ގޮނޑި ހުސްވެއްޖެ ކަމަށް ބަލާނީ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވުމުން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައި ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ހާލަތްތައް ބަޔާންކޮށްފައި އޮންނައިރު، މާޗް 28 2017، ގައި ވައްޑެ ޕީޕީއެމުން ވަކިކޮށް ފިޔަވަޅު އަޅާފައިވާ ކަން ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީން އެނގެން އޮންނަ ކަމަށެވެ. އަދި އެ ސިޓީން ވައްޑެއަކީ ޕާޓީން ވަކިވި ބޭފުޅެއް ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައި ފާހަގަ ކުރި އެވެ.

ހުކުމުގައި ފާހަގަ ކުރި ގޮތުގައި، ޕީޕީއެމްގެ އަސާސީ ގަވައިދުގައި އިސްތިއުނާފް ކުރަން ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނަ އިރު، ވައްޑެއަކީ އެ ވަގުތު މާލޭގައި ހުންނެވި މެމްބަރެއް ކަމަށް ވިދާޅުވުމާއި ޕީޕީއެމުން ވަކި ކުރި މައްސަލަ އިސްތިއުނާފް ކުރަން ލިބޭ 15 ދުވަހުގެ މުއްދަތުގައި އެކަން ކޮށްފައި ނުވާކަން ދައުލަތާއި ވައްޑެގެ ވާހަކަތަކުން އެނގެން އޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ވައްޑެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިއްވެވި ހުކުމުގައި ވަނީ ޕީޕީއެމްގެ ދަފްތަރުން ވައްޑެ އުނިކޮށްދޭން ޖުލައި 10 2017، ގައި ހުށަހެޅި ނަމަވެސް، އުނިކޮށްދީފައި ނުވާ ކަމަށެވެ. އަދި ދަފްތަރުން އުނި ނުކުރި މައްސަލައިގައި ޖުލައި 11، 2017 ގައި މައްސަލަ ފޯމް ވައްޑެ އިލެކްޝަނަށް ހުށަހެޅި ކަމަށްވެ އެވެ.

އެހެންވެ، ވައްޑެގެ ނިންމެވުމަކީ ނިހާއީ އަދި ގާނޫނީ ބާރު ލިބިދޭ ނިންމުމެއް ކަން އެނގެން އޮންނަ ކަމަށް ވެސް ބައިގަޑި އިރަށްވުރެ ގިނަ އިރު ހޭދަވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި މައްސަލައިގައި ވައްޑެގެ ސޮއި އަނބުރާ ގެންދިއުމަށް ޖުލައި 17، 2017 ގައި އެ ޕާޓީން މުއްދަތެއް ދިނެވެ. އެކަމަކު، އެ މުއްދަތުގައި ވައްޑެގެ ސޮއި ނުގެންދެވުމާ ގުޅިގެން ޕީޕީއެމުން ނިންމީ ވައްޑެ ވަކި ކުރަން ސުލޫކީ ކޮމިޓީ އަށް ހުށަހެޅުމަށެވެ. އެ ކޮމިޓީން ނިންމުމާއެކު، ވައްޑެ ވަކިކޮށް ޕީޕީއެމްގެ ދަފްތަރު އުނިކޮށްދޭން އެ ޕާޓީން އިލެކްޝަނަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ހުކުމް އައި ފަހުންނެވެ.

އެކަމަކު، ޕީޕީއެމުން ވައްޑެގެ މައްސަލަ އިސްތިއުނާފް ކުރީ އެކަން ކުރުމަށް އަސާސީ ގަވައިދުގައި ބުނާ މުއްދަތު ފަހަނައަޅައި ދިއުމުން ކަމަށާއި ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ޖުލައި 18، 2017 ގައި ވައްޑެ ވަކިކުރަން ނިންމީ، ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަން ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، އޭނާގެ ގާނޫނީ ވަކީލުންނާ އެކު ވައްޑެ ކޯޓުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުލައި 18، 2017 ގައި ޕީޕީއެމުން ވައްޑެ ވަކި ކުރީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަން އެނގެން އޮންނަ ކަމަށް ހުކުމުގައިވެ އެވެ. އަދި ވައްޑެއަކީ ސިޔާސީ ޕާޓީގެ ގަވައިދާއި ޕީޕީއެމްގެ އަސާސީ ގަވައިދާއި އެއްގޮތަށް ޕީޕީއެމްގެ މެމްބަރަކަށް އަލަށް ވަންނަވަން އުޅުއްވި މެމްބަރެއް ނޫން ކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު ފަނޑިޔާރުގެ އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ޣަނީ މުހައްމަދުގެ އިއްތިފާގުން ނިންމެވީ ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ. އަދި ވައްޑެގެ ގޮނޑި ހުސް ނުވާ ކަމަށް ފަނޑިޔާރުން ކަނޑައެޅުއްވި އެވެ.

ވައްޑެގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. މި މައްސަލަތަކުގެ ހުކުމް އިއްވާނީ ވަކިވަކިންނެވެ.

އެ ހަތަރު ބޭފުޅުންގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެ މައްސަލަތައް ވެސް އޮތީ އެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަދި ނުފަށަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކުރިން ނިންމި ނިންމުން ބާތިލްކޮށް، އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް އަންގައިފަ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލު ކޮށްފަ އެވެ.

ވައްޑެގެ ގޮނޑިއާ ގުޅޭ ގޮތުން ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން ފެށީ ޝަރީއަތުގެ މާލަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާއި އެޓާނީ ޖެނެރަލްގެ ވަކީލުންނާއި ވައްޑެގެ ވަކީލުންނާއި ނޫސްވެރިންނާއި އާންމުން ވެއްދިތާ ގަޑިއިރަކަށް ވުރެ ގިނަ އިރު ފަހުންނެވެ.