މެމްބަރު ސައުދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އޮކްޓޯބަރ 2018 - 15:13
ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލް ކުރައްވާ ވިލިނގިލީ ދާއިރާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމަކީ ރައްޔިތުންނަށް ލިބުނު އިބުރަތެއް ކަމަށާއި ރައްޔިތުންވި ގުރުބާނީއެއް ކަމަށް މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އެ ކޯޓުގެ ބޭރުގައި ހުންނަވައި ސައުދު ވިދާޅުވީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދައުލަތް ސަލާމަތް ކުރުމަށް ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެފައިވާ ކަމަށެވެ.
އެހެންވެ، "މި ނިންމުން ނިންމައި ދިނީ" ރައްޔިތުން ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. ރައްޔިތުންގެ ނިންމުމަކީ އަނިޔާވެރި ހުދުމުހުތާރި ވެރިއެއްގެ ކިބައިން ސަލާމަތްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މިނިވަންކަމާއި ގާނޫނުއަސާސީގެ އިމަށް ދައުލަތް ރުޖޫއަވުމުގެ ކަންކަން މިދަނީ ތަރުތީބުވަމުން،" ސައުދުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރެއް ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ސިޔާސީ ގޮތުން ރާއްޖެ ބައްޓަން ކުރުމަށް ވެސް ލިބުނު އިބުރަތެއް ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވި އެވެ.
ސައުދު ވަނީ ޝަރުއީ ނިޒާމަށް ދިމާވެފައިވާ ކަންކަމުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށާއި އިދިކޮޅު ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތަށާއި ރައްޔިތުން ދެއްކި ހިތްވަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސައުދު ވިދާޅުވި ގޮތުގައި، މިއަދު ފެނިގެން މި ދިޔައީ ޕާޓީތަކުގެ ލީޑަރުން ރާއްޖެ ސަލާމަތް ކުރުމުގެ ނަތީޖާ އެވެ. އަދި ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ ބާރުތައް ހިފެހެއްޓުމަށް އެންމެ މުހިންމު ގުނަވަން ކަން ފާހަގަ ކުރައްވައި، ސައުދު ވަނީ މަޖިލީހުގެ ތެރެއިން އިސްލާހީ އެޖެންޑާ ކުރި އަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މަޖިލިހަށް ދިމާވި ހާލަތު ދުވަހަކު ވެސް މަޖިލިހަށް ނުވަތަ އެހެން މުއައްސަސާއަކަށް ދިމާނުވުމަކީ އަޅުގަނޑުމެންގެ އުންމީދު،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކަކީ އަނިޔާވެރި، އަނދިރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތައް އަލުން އަނބުރާ އިއާދަވާން ބޭނުން ނުވާ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ ރައްޔިތުންނަށް މީގެ ކުރިން ފެނުނީ ދައުލަތް ހިސޯރު ކުރެވިފައިވާ މަންޒަރު ކަމަށެވެ.
ސައުދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ "ޕާޓީއެއް" ނޫނެވެ. އަދި އެ މަނިކުފާނަކީ އިޖުތިމާއީ ޖަމިއްޔާއެއް ހަވާލު ކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި މެމްބަރުންގެ ތެރޭގައި ސައުދު ހިމެނެ އެވެ. އެގޮތަށް، އެ ކޮމިޝަނުން ކަނޑައެޅީ، މަޖިލީހަށް އިންތިޚާބުވި ޕާޓީން، ޖުލައި 13، 2017ގެ ތާރީޚަށް ފަހު، ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް މިދިޔަ ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
އެކަމަކު، މީގެ ކުރިން ސައުދު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި، އޭނާ ޕީޕީއެމުން ވަކިވީ ހުކުމްގެ ކުރިންނެވެ. އެހެންވެ، އެ ހުކުމަށް އޭނާ ފައްތަންވެގެން، ޕީޕީއެމުން ސައުދު ވަކިނުވާ ކަމަށާއި އޭނާގެ މައްސަލައެއް ބަލަމުން އަންނަ ކަން އެ ޕާޓީން އޭރު އޮތީ ބުނެފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި މައްސަލައިގައި ސައުދުގެ ސޮއި އަނބުރާ ގެންދިއުމަށް ސުޕްރީމް ކޯޓުގެ ހުކުމްގެ ފަހުން ޖުލައި 17، 2017 ގައި އެ ޕާޓީން މުއްދަތެއް ދިނެވެ.
އެކަމަކު، އެ މުއްދަތުގައި ސައުދުގެ ސޮއި އަނބުރާ ނުގެންދެވުމާ ގުޅިގެން ޕީޕީއެމުން ނިންމީ ސައުދު ވަކި ކުރަން ސުލޫކީ ކޮމިޓީ އަށް ހުށަހެޅުމަށެވެ. އެ ކޮމިޓީން ނިންމުމާއެކު، ސައުދު ވަކިކޮށް ޕީޕީއެމްގެ ދަފްތަރު އުނިކޮށްދޭން އެ ޕާޓީން އިލެކްޝަނަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ހުކުމް އައި ފަހުންނެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ސައުދު ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން އެނގެން އޮންނަ ކަމަށެވެ. އަދި ސައުދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ސައުދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ. އަދި ސައުދުގެ ގޮނޑި ނުގެއްލޭ ކަމަށް ފަނޑިޔާރުން ނިންމެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
08 October 2018
މަރުހަބާ.. އެކަމަކު ތި ކަމުގެ ތިބޭފުޅުންގެ ނޭތްގާނީ ކަންވެސް ވަކި ކުޑައެއް ނޫން. ދެ އިރު ދެ ދަޅައަށް ޕާޓީ ބަދަލުކޮށް ކޮރަޕްޓް ވާން ހަދައިގެން ގައުމަށް ލިބުނު ދެރައެއް ތީ.. ކޮންމެ ހެން ޔާމީނު ޑިފެންޑު ކުރަނީ ކީ ނޫން އެކަމަކު ރައްޔިތުން ކުރިމައްޗައް ވަކިޕާޓީއަކަށް (ފިކުރަކަށް) ނިކުމެ ވޯޓް ދިނީމާ އެމީހުންގެ ވޯޓެއް އަލުން ނުހޯދާ އަމިއްލަ އެދުމުން ކޮޅު(ފިކުރު) ބަދަލު ކުރުން ހިމެނޭނީ ރައްޔިތުންނަށް ޢަައްދާރު ވުމުގެ އަމަލެއްގެ ގޮތުގައި. ޝުކުރިއްޔާ
އެހެންތޭ
08 October 2018
ރައްޔިތުންވާ ގުރުބާނީ އެއް ނޫން ތިޔާ ބޮޑު ސޭޓް މޭޒު ދަށުން ދަމައިގެން ވާ ގުރުބާނީ ތިޔާގެ އަޑީގައި އޮންނަނީ ޖެލަސީ އެން އެންގަރ ތިޔާއީ ގައުމަށް އެއްވެސް ފައިދާ އެއް ކުރާ ކަމެއް ނޫން ތަމެންނަށް ގޮނޑި އަލުން ލިބުނަސް ގައުމަށް ވާނީ ގެއްލުމުގެ މައްޗަށް ގެއްލުން.
ޒަމްބެ
08 October 2018
ރައްޔިތުން ކަލޭކައިރި ބުނީ ޕީޕީއެމްއޭ.. ކޮންވާހަކައެއްތޯ ތިވިދާޅުވަނީ....
އިބުރާ
08 October 2018
މަށަށް ހީވަނީ ރާކަނިމަސް އެބަކެވޭހެން ރައީސް ޔާމީނަށް
އޭ.އެން
08 October 2018
ތީ ބޮޑު އިބުރަތަކަށް ވެދާނެ. ރައްޔިތުން ގުރުބާންވީ ކޮން ކަމަކަށްތޯ ބަލަމާހިގާ ކުރިއަށް އޮތް ފަސްއަހަރު. ތިމާމެންނަށް ރަނގަޅުގޮތަށް ކަންކަން ވީމާ ކޯޓްތަކުގެ ހުކުމްތައްވެސް ބަރާބަރު. މިނިވަންވީ. ތީކީ ކޮރަޕްޝަނެއް ނޫންބާ؟ ޖަލުގައި ނުހައްގުން ތިބި މީހުން އެތިބީ އިންސާފުންތޯ ބެއްލެވިންތޯ؟ޖަރީމާ ހިންގަން، އަންބޮޑިފުރާލެވޭތޯ އުޅުއްވި 12 މެމްބަރުންނަށް އެމީހުން ބޭނުންވާގޮތަށް ހުކުމް ކުރީމަ އިންސާފު ލިބުނީދޯ؟ ބަލަ ތިމީހުން ހަދާ ޤާނޫނު ތީ އަންދާގާނޫނު.
މަމެން
08 October 2018
ވަރަށްވެސް ބޮޑު ތެދުފުޅެއް
ތުއްތޫ
08 October 2018
ބަކަށްޓެއް ގުރުބާން ކޮށް ނަމާދުކޮށް ދުއާ ކުރޭ