ގޯތ ގަންނަ ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީގައި ހޯމަ ދުވަހު ކިޔޫ ޖެހިގެން -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 އޮކްޓޯބަރ 2018 - 17:53
ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަލުން ފެށީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް 400،000ރ.ގެ މަގުން ނުއަގުގައި ވިއްކަން ނިންމައި ކުރިމަތިލާން ހުޅުވާލުމުން، އެ މަޝްރޫއު ހުއްޓުވުމަށް ފަހު އޭސީސީން ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަމާއި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކެއް ތަހުގީގުކޮށްފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ވަކި ކަންތައްތަކެއް އިސްލާހު ކުރަން ހައުސިން މިނިސްޓްރީ އަށް އެންގި އެވެ. އެކަމަކު އެ ކަންކަމަށް އަމަލުނުކޮށް މިއަދު ވަނީ ގޯތި ގަތުމުގެ ފޯމު ބަލައިގަންނަން ފަށައިފަ އެވެ.
ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަން ހައުސިން މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އޭސީސީން ބުނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮންނަ ހުޅުމާލެ އިން ގޯތި ވިއްކުން ހައުސިން މިނިސްޓްރީން ހުޅުވާލި ސަބަބު ބެލިއިރު، އެކަން އެގޮތަށް ކުރަނީ ރައީސް އޮފީހުގެ ހުއްދައާ އެކު ކަމަށް ފާހަގަވެފައިވާ ކަމަށެވެ. ރައީސް އޮފީހުގެ އޮކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިންމާފައި ވަނީ، އޭސީސީން ބުނިގޮތުގައި، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން އަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށެވެ.
އެހެންކަމުން، ރައީސް އޮފީހުގެ އެ ނިންމުމާ އެއްގޮތަށް، ފުރަތަމަ ކަމަކަށް، މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލަން ހައުސިން މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް އޭސީސީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ގޯތި ވިއްކުން އަލުން ފެށީ އޭސީސީން ހުއްދަ ލިބިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއިރު، މިއަދު ހަވީރު އަލުން ފޯމު ބަލައިގަންނަން ފެށިއިރު މި އުސޫލު އެކުލަވާލައި އާއްމުކޮށްފައެއް ނުވެ އެވެ.
އޭސީސީގެ އެންގުމުގައި ބުނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ އެއްގޮތަށް އެކުލަވާ އެ އުސޫލު އާއްމުކޮށް، ގޯތި ދޫކުރަން ހައުސިން މިނިސްޓްރީން ކުރިއާލައި އިއުލާން ވެސް ކުރަން ޖެހޭނެ ކަމަށެވެ. އެއާއެކު އަންގާފައި ވާނީ، ފޯމު ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށް ފަހު، ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށްގެން ގޯތި ދޫކުރުން ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ މައްސަލައާ ގުޅިގެން އެ ކޮމިޝަނަށް ފާހަގަކުރެވުނު ކަންތައްތަކަށް ބެލިއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ދޫނުކޮށް ހުރި ބިންތަކުގެ ތެރޭގައި ހިމެނޭ ސިނާއީ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ހުރިހާ ބިންތަކެއްގައި ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަން އެޗްޑީސީ އަށް ސިޓީއަކުން ރައީސް އޮފީހުން ވަނީ އަންގައިފަ އެވެ. އަދި ދެވަނަ ފިޔަވަހިން ގޯތިތައް ވިއްކުމުގެ މަގްސަދަކީ އެޗްޑީސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ހައްލު ހޯދަން ކަން ވެސް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ނިންމުމުގައި ވަނީ، އޭސީސީން ބުނިގޮތުގައި، މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ސޯޝަލް ހައުސިން އަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށެވެ.
"އަދި މީޑިއަމް-ހައި އެންޑް އަށް ހާއްސަކޮށްގެން ބީޗް ފްރަންޓް ސަރަހައްދުން 100 ބިން، ފެށޭ އަގެއްގެ ގޮތުގައި އަކަފޫޓަކަށް 2،000 ރުފިޔާގެ ރޭޓުން ބީލަމަށް ހުޅުވާލައިގެން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި، ސޯޝަލް ހައުސިން އަށް ވިއްކާ ފަރާތްތަށް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީން ކަމަށް 3 އޮކްޓޫބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެ އެވެ،" އޭސީސީގެ ނިންމުމުގައިވެ އެވެ.
ހުޅުމާލެ އިން ގޯތި ވިއްކުމުގެ ކަންކަން ހައުސިން މިނިސްޓްރީ އަށް ކުރިއަށް ގެންދެވޭނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ އެކުގައި ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. އެ ނިންމުމުގައި، ރައީސް އޮފީހުން ކަނޑައެޅި ބިންތަކަކީ ސޯޝަލް ހައުސިންއަށް ގޮތުގައި ދޫކުރަން ނިންމައި ޕްރޮސެސްކުރިއަށް ގެންދަން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ޖެހޭ ބިންތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.
"....ސޯޝަލް ހައުސިން އަށް 400 ބިން، އަކަ ފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި، އަދި މި ބިންތައް ދޫކުރާ ފަރާތްތައް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ ހަމަހަމަ އުސޫލެއްގެ ދަށުން ކަމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއަކުން އަންގާފައިވެ އެވެ،" އޭސީސީން ބުންޏެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ ބިމެއްގެ ގޮތުގައި އޮތް ހުޅުމާލެއިން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ. އެ މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށާއި ގޯތި ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥިސްނާ
10 October 2018
މާލެއަށް އުފަން މާލެ މީހުން ގެ ފޯމްތަކަށްވާގޮތްބެލުން މުހިންމު، ފޯމު ބަލައިގަންނަން އަދި އިވެލުއޭޓް ކުރުމަށް ތިބެނީ ގިނައިން މާލެ ނޫންމީހުން، މާލެމީހުންނަށް އެކަނި އަބަދު ދެނިއްޔޭ ކިޔާއަޑުއިވޭ، އެމީހުން އެހެން ކިޔާއިރު މާލެ މީހަކަށް އެމީހުންގެ ރަށުން ގޯއްޗެއް ދީފިއްޔާ އެމީހަކުގެ ދުވަަސްދިޔައީ..ލާހިކެއްނޫން އުޅޭކަށް
AISHATH ZIA
10 October 2018
ހުޅުމާލެ އިސް ނޮޓް މާލެ. ހުޅުމާލެ ހިއްކާފަ އެއޮތީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން. މާލޭ މީހުނަށް އެކަންޏެއްނޫން އެތަނުން ގޯތި ލިބެން ޖެހޭނީ
rimna
10 October 2018
ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން ބިން ހިއްކާފަ ވިއްކަނީ ހަމައެކަނި މާލޭ މީހުނަށް. އެވެސް އެހާ އަގުބޮޑު. ކޮބާހޭ އިންސާފަކީ. ރައްޔިތުންނަށް ހެވާއި ލާބައަށް އުޅޭ ސަރުކާރެއް ނާދޭ މިރައްޖެއަކަށް.
ފަޒާ
10 October 2018
މިކަމުގައި އަދުލުވެރިކަމެއް ނެތްކަމަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި އުފަންވެ ދިރިއުޅުމުގެ ދަތިތައް ދިމާވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހިގެން 30 އަހަރު މާލޭގައި ހޭދަކޮށްފައިވާމީހުންނާއި މީގެ މަހެއްހާ ދުވަސްކުރިން ދަފްތަރުގައި ޖެހުމަށް އިޢްލާންކޮށްގެން މި ސަރުކާރުން ދަފްތަރުގައި ޖެއްސި މީހުންނާއި ހަމަހަކޮށް ގޯތި ދޫކުރާ އުޞޫލްއޮތުން އެހެންވީމާ މިއީކީ ކޮންމެހެން މާލޭ ރައްޔިތުންނަށް ގޯތިދޭން ބޭނުންވެގެން ކުރާކަމެއްކަމަށް ނުބެލެވޭ.
ބަޑިތަކުރު
10 October 2018
އެންގުމާ ޚިލާފަށް ކަމެއް ކުރާކަމަށް ވަންޏާ ދެންވެސް ހުއްޓުވާކަށް ނުޖެހޭނެބާވައެވެ. ވަކި އެއްޗެއް އަންގާފައި ދެން ކޮންމެ ގޮތަކަށް ކަންތައް ދާއިރުވެސް އަޅާނުލާ ތިބެންޏާ ތިޔަ ކުރަނީ ހަމަ ކަމަކަށް ކަމެއްތާއެވެ. ތިޔަށް ކިޔޭނީ އަމާ ބުނީތީ ފަރަށް ދިއުމެވެ.
ލައިސް
10 October 2018
މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ މަކަރުވެރި ބޯހިޔާވަހި ޕްރޮގްރާމް، މާލެ މީހުނަށް ނަންކޮއްފަ ހުޅުވާލި ކެޓަގަރީ އަށްވެސް ކުޅުނީ ގޭމެއް، ކެމްޕެއިންގަ އުޅުން އެންމެން ކާރީ ބުނެފަ އޮތީ ދަފްތަރުގަ ޖެހެން، ދެން ޖެހުނީމަ މި އެންމެނަކީ ވެސް ހަތަރުކަށި މަތި މާލެ މީހުނަށް ހަދާފަ ފުލެޓް ދީފައި، މާލެ މީހުނަށް ޕޮއިންޓް ދައްކޮއްފަ ދަފްތަރަސް މަތިވާގޮތަށް އޮތީ.. ދުވަހަކުވެސް ދަންނަ މީހަކުވެސް ވޯޓުލިޔަނުދޭނަން އިންޝާ ﷲ
މުސްތަފާބެ
10 October 2018
ހައުސިންގަ އުޅޭ ފްރެންޑް އެއް ބުނީ ،، ތި ފޯރމް ލާނެކަމެއް ނެތޯ .. އެ 400 ގޯތި އެއީ ކަނޑައެޅިފަ އޮތް ބަޔަކަށް ދީފަ އޮތް އެއްޗެކޯ.. އެކަމަކު މަވެސް ލައިފިން ފޯރމް.
ފުންއަސަރު
10 October 2018
ބިންބޭނުންވެފާވާ ފަރާތްތަކަށް 400 ރުފިޔާގެ ރޭޓުން ބިންވިއްކުމަކީ ރަނގަޅުކަމެއް. އަދި އެއީ ވަރަށް ކުޑައަގެއް. އެކަމަކު ބިންކޮޅެއްބޭނުންވެފާވާ ހަމަ ހުރިހާ ފަރާތްތަކަށްވެސް ދެވޭވަރަ ހުރިއްޔާ ބިންކޮޅު ދޫކުރަންވާނީ. 3 ކޮޓަރިއާ، 3 ފާޚާނާއާ، ބަދިގެއަކާ، ސިޓިިންރޫމަކާ، ގުދަންކޮޅެއް ހިމެނޭވަރުގެ ކުޑަ ބިންކޮޅެއް ދޫކުރަންވީ. އޭރުން ވަރަށް ގިނަބަޔަކަށް އޭގެ ފައިދާއާ މަންފާލިބޭނެ. 1000 އަކަފޫޓުގެ ބަދަލުގާ 550 ނޫނީ 700 އަކަފޫޓު ހަމަޖައްސާ ދޫކުރެވިދާނެ.
ނަޒީރާ
10 October 2018
ބަލަގަ ރަށްރަށުން އެރަށެއްގެ މީހުނަށް ގޯތިދެނީ އެންމެ ލާރިއެއްވެސް ނުނަގާ ހިލޭ. މާލޭގެ ރައްވެހިންޖެހެނީ ބިންގަންނަން އެހެންވީމަ ރަށްރަށުގެ މީހުނަށް ނުޖެހޭ ހުޅުމާލެއިން ގޯތިދޭކަށް .... މޮޔަވެގެން ނުތެޅޭ. ރަށުންހިލޭލިބޭ ބިމުގަ ގެއަޅައިގެންތިބޭ.
ރާއްޖެތެރެ މީހާ
10 October 2018
ދައުލަތުގެ ހަޒާނާ ހުސްކޮ މާލެ އެކަނި ތަރައްޤީކުރާކަށް ނުޖެހޭ. ރާއްޖެތެރެވެސް މާލެއެކޭ އެއްގޮތައް ހިދުމަތްތައް ލިބޭގޮތް ހަދާބަލަ، މާލެއަށް ވައިވެސް ނޭޅޭނަށް އިރާދަ ކުރެއްވިޔާ...
ސަހަރޯ
10 October 2018
ނަޒީރާ ބުނަންތަ ރަނގަޅު ވާހަކައެއް! ރާއްޖެތެރެމީހުން މާލެ އަންނަން މަޖުބޫރުކުރުވަނީ ސަރުކާރުގެ ހީލަތްތެރި ރޭވުމުން. ވޭތުވެދިޔަ 30 އަހަރުގެ ދައުރާ ޔާމީނުގެ ދައުރުގައިވެސް މިކަން ހިންގީ މި އުސޫލުން.
އުނބުށެން
10 October 2018
ގޯތީގެ ބަދަލުގައި ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވޭނީ ފްލެޓްއަޅައިގެންނެވެ. ގޯތި ދިނީމާ ވާނީ ވިލިގިއްޔަށް ވީހެންނެވެ. އެތައްއަހަރެއް ވާއިރުވެސް ބިންތައް ނުހެދި އެކިތަން އެކި ފެންވަރުގައި ހަދައި ޖިފްޓިތަކާއި ގަނޑުވަރުތައް މަސްހުނިކޮށް ހުންނައިރު ހުޅުމާލެ ތަރައްޤީކުރަމުން އައި ގޮތް ގެއްލިގެން ދާނީއެވެ. ބިމަށް ލޯނު ދައްކަމުން އިމާރާތް ނުކުރެވި އެބިންތައް އެހެންމީހުން ކުނިއަޅާ ގޮނޑަކަށް ވެގެންދާނީއެވެ. މިއީ މިހާރުވެސް ފެންނަ މަންޒަރެކެވެ.
ކުޑައަލީ
10 October 2018
މުޅި ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި މިބޮޑު މައްސަލަ މިގޮތަށް ހަދާނެހާ އެއްޗެއް ހަދަން ދޫކޮށްލެވިގެން ނުވާނެ. މުޅި ރައްޔިތުންގެ ހައްގުގައި މިކަން ހުއްޓުވުމުގެ ބާރުއޮތް ފަރާތަކުން ހުއްޓުވާ ހަމަހަމަ އުސޫލުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުސަތު ހޯދައިދެއްވާ!