ގޯތި ވިއްކުން ކުރިއަށް ގެންދަން އޭސީސީން ވަނީ ހުއްދަދީފައި: މުއިއްޒު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމައިގެން ކުރިއަށް ދާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހުއްދަ ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ބަލައިގަތުން ކުރިއަށް ގެންދިއުމަށެވެ.

ގޯއްޗެއްގެ އަގު ހަތަރު ލައްކަ ރުފިޔާއަށް ހަމަޖައްސައިގެން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ނިންމާފައި ވިޔަސް އެކަން މަޑުޖައްސައިލަން އޭސީސީން އެންގި އެވެ. އަދި ހުޅުމާލޭގެ ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކަކަށް ވެފައި، ހައުސިން މިނިސްޓްރީއަށް އެ ގޮތަށް ގޯތި ވިއްކިދާނެތޯ، ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދި، އެ މިނިސްޓްރީއަށް ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެޗްޑީސީގެ ބިމެއްގެ ގޮތުގައި އޮތް ހުޅުމާލެއިން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އެކަން ކުރަން އޮންނަ އުސޫލުން ކަމަށެވެ. އެގޮތުން، މުއިއްޒުގެ އިތުރުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އިކޮނޮމިކް ޔޫތު ކައުންސިލުން އެޗްޑީސީގެ ވެރިންނާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމުގެ ހުއްދަ އެޗްޑީސީގެ ބޯޑުން ދިނުމާ ގުޅިގެން، ވިއްކާ އަގު ކަނޑައެޅީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުންނެވެ.

އެ ކައުންސިލުން ނިންމީ އަކަފޫޓެއް 300ރ. އާއި 400ރ. އާ ދެމެދުގެ އަގެކެވެ. ހައުސިން މިނިސްޓްރީން ނިންމާފައިވަނީ 1000 އަކަފޫޓުގެ 400 ގޯތި، އަކަފޫޓެއް 400ރ. ގެ ރޭޓުން ވިއްކާ ގޮތަށެވެ. މީގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކި ގޯތިތަކުގެ އަގު އުޅުނީ އަކަފޫޓެއް 3000ރ. އަށް ވުރެ މަތީގަ އެވެ.

މިނިސްޓަރު ވިދާޅުވީ ގޯތި ވިއްކުން ކުރިއަށް ގެންދަން ހުއްދަ ދިނުމާ ގުޅިގެން، ހައުސިން މިނިސްޓްރީގެ ދައުރަކީ އިޖުތިމާއީ ބޯހިޔާވަހި ކަމުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައެޅުން ކަމަށެވެ. އަދި ގޯތިތައް ވިއްކުމުގެ މަސައްކަތް ކުރާނީ އެޗްޑީސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެޗްޑީސީން އެގްރީމަންޓުގައި ސޮއި ކުރާނީ. އެޗްޑީސީ އަށް ފައިސާ ވެސް ލިބޭނީ. ހައުސިން މިނިސްޓްރީއަކަށް ނޫން ޑައުން ޕޭމަންޓު ދައްކާނީ. މަހުން މަހަށް ދައްކާ އެއްޗެއް ވެސް ދައްކާނީ އެޗްޑީސީއަށް،" ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ގޯތިތައް ވިއްކުމުގެ މަސައްކަތް ކުރުމަށާއި ބޯހިޔާވަހިކަން ބޭނުންވާ މީހުން ކަނޑައަޅާނީ ދެފުށް ފެންނަ ގޮތަކަށް އޭސީސީން ވަނީ އަންގައިފަ އެވެ. އެހެންވެ، ގޯތިތައް ދޫކުރާނީ ޝަރުތުތައް ފުރިހަމަވާ މީހުންނަށް އިސްކަން ދީގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ޝަރުތު ހަމަވާ އެންމެން ހަމަވާ ގޮތަށް، އެންމެންނަށް އެންމެ މަތީ މާކްސް 100 މާކްސް ލިބޭނެ. (މާކްސް) ލިބިގެން އެ ހުރިހާ އެންމެން ދާނީ ގުރުއަތުލުމަކަށް. ގުރުއަތުލައިގެން 400 މީހަކު ހޮވޭނީ. އެހެންވީމާ މިއަށް ވުރެ ހަމަހަމަ އިންސާފުވެރި ގޮތެއް މިކަމުގައި ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއަތުލުމުގެ ރަސްމިއްޔާތު ދަރުބާރުގޭގައި ބާއްވާއިރު، އެ ކަން ކުރިއަށް ދާ ގޮތް ލައިވްކޮށް ގެނެސްދޭން ބޭނުންވާ މީޑިއާތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އަދި ވިދާޅުވީ ގޯތި ލިބޭ 400 މީހުންގެ ތެރެއިން ބައެއް މީހުން އުނިވާ ނަމަ، ދެން ގޯތި ލިބޭ ގޮތަށް ނަންބަރު ތަރުތީބުން ރިޒާވް ލިސްޓަކާ އެކު އިތުރު 100 ނަންބަރު ނަގާނެ ކަމަށެވެ.

"އޭރުން ވާނެ ގޮތަކީ 400 މީހުންގެ ލިސްޓުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ލިސްޓުން އުނިވާ ނަމަ، އެ ހުސްވާ ގޮޅިއަށް ރިޒާވް ލިސްޓުގައި ނަންބަރު ލިބުނު ތަރުތީބުން ލިބޭނެ އެމީހަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާއިރު، ކުއްލިއަކަށް ކުރިއަށް ގެންދިޔައީ ކީއްވެތޯ "މިހާރު"ން ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ގޯތި ވިއްކުމަށް މީގެ ކުރިން ވެސް ނިންމާފައި ވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން އެކަން ކުރަން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ނޫޅުއްވާ ވޯޓަށްޓަކައި ރައްޔިތުންގެ ވިންދާ ގުޅުން ހުރި މުހިންމު ކަންކަން ވޯޓާ ކުޅެން. އެއަށްވުރެ އިހްލާސްތެރި ބޭފުޅެއް ރައީސް ޔާމީނަކީ. އެމަނިކުފާނު ނިންމެވީ ވޯޓަށް ފަހު އެކަން ކުރައްވަން. އެހެންވީމަ ކުރިން ވެސް ނިންމި ގޮތަށް ކުރިއަށް ގެންދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގުޅުން ހުރި ކަމެއްގައި ސަރުކާރާ މެދު ބަދުނާމް އުފެއްދޭ ގޮތަށް ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. ބޯހިޔަވަހިކަމަކީ ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައި އޮންނަ ކަންކަން ކަމަށްވާއިރު، އެކަން ހައްލު ކުރައްވަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އެޅުއްވުމަކީ އޮތް ހައްގެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގޯތި ގަންނަން ބޭނުންވާ މީހުންގެ ފޯމް ބަލައިގަތުން މިއަދު ހަވީރު 4 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. މީގެ ކުރިން ނިންމާފައި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމް ބަލައިގަތުން ކުރިއަށް ގެންދިއުމަށެވެ.