ވޯޓް ކަރުދާސް ޕްރިންޓް ކުރި މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ބަލަނީ

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.


އެމް ސެވަންގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުންނާނެ ކަމަށް ބުނެ ކޯޓުގައި ހެކިބަސް ދިނުމަށް އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ރިޝްވަތު ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ އެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްދަ ދުވަހު އެވެ. އޭނާ ވިދާޅުވީ ރިޝްވަތު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"މުވައްޒަފުންނަށް ވަނީ ބިރު ދައްކާފައި މި ވާހަކަ ނުދެއްކުމަށް ބުނެ. މުވައްޒަފުން ރޮއެފައި އަޅުގަނޑުމެނަށް އެ ވާހަކަތައް ކިޔައިދިނީ،" އެމް ސެވަން އިސް މުވައްޒަފަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުލުހުންގެ ފަރާތުން އެދިފައިވާނީ މިއީ ގައުމީ ބޮޑު ކަމަކަށް ނިސްބަތްވާ ކަމަކަށް ވުމާއެކު ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި މިކަން ބަލައި ދިނުމަށް."

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާ ހުށަހެޅި ނަމަވެސް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ރިޝްވަތު ހިފާފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަކި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ޕީޕީއެމްގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ވޯޓު ކަރުދާސް ޕްރިންޓް ކުރި ކުންފުނީގެ މުވައްޒަފުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު އިންތިހާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އިއްޔެ ވަނީ އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓަށް ބަލައިގެންފަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވިކަން އިއުލާން ކުރެއްވިތާ ދެ ދުވަސް ފަހުން ނަތީޖާއާ މެދު ރައީސް ޔާމީނާއި ޕީޕީއެމުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާހުގައި މައްސަލަތަކެއް ހުރި ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ ވޯޓު ކަރުދާސް ޗާޕުކުރިއިރު އެމް ސެވަން އިން ވީޑިއޯ ކުރުމުގެ އިތުރުން، ދެ ގަޑިން ގަޑިން ޑިއުޓީ ބަދަލުވާ ގޮތަށް ފުލުހުން ޗާޕް މެޝިންތައް ކައިރީގައި ފޯރިއަށް ތިއްބެވެ. އޭގެ އިތުރުން ޗާޕް މަސައްކަތް ކުރިއަށް ދާ ގޮތް އީސީން ވެސް ބަލާފައިވާ ކަމަށް އެނގިފައިވެ އެވެ.