ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ 160އަށްވުރެ ގިނަ މުވައްޒަފުން ޕެޓިޝަނެއްގައި ސޮއިކޮށްފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯތި ވިއްކުމާ ދެކޮޅަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 169 މުވައްޒަފަކު ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.


އެ ކުންފުނީގެ ބައެއް ވެރިން ވެސް ސޮއިކޮށްފައިވާ ޕެޓިޝަނުގައި މައިގަނޑު 19 ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ. އެޗްޑީސީގެ މުވައްޒަފުން ބުނީ، ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވާ ގޮތަށް ގޯތި ވިއްކައިފިނަމަ އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުންވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. އެއީ 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. ނަމަވެސް އެޗްޑީސީގެ މުވައްޒަފުން ހެދި ޕެޓިޝަންގައި ބުނީ އެ އަގަކީ، ބިމުގެ އަގަށްވުރެ މާ ކުޑަ އަގެއް ކަމަށެވެ. އެ އަގުގައި ބިން ވިއްކުން ކުރިއަށްގެންގޮސްފި ނަމަ ކުންފުންޏަށް މާލީގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލެ އަކީ ވަރަށް ތަފްސީލުކޮށް ބޮޑު ޕްލޭނަކާއެކު ތަރައްގީކުރަމުން އަންނަ ރަށެއް ކަމަށާއި އެއްވެސް ޕްލޭނެއް ނެތި އަދި މާސްޓަ ޕްލޭނުގައި ކަނޑައަޅާފައިނުވާ 1000 އަކަފޫޓުގެ 400 ގޯތި ދޫކުރެވުމަކީ މުޅި ދެ ވަނަ ފިޔަވަހީީގެ އިިތުރުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭން މުޅިން ބަދަލުވެގެންދާނެ ކަމެއް ކަން ފާހަގަކުރި އެވެ. އެ ކުންފުންޏަށް ކުރިއަށް އޮތް ތަނުގައި ލިބެންޖެހޭ އާމްދަނީ އެތައް ގުނައަކުން ދަށްވެ އޭގެ ނޭދެވޭ އަސަރު މާލީ ގޮތުން ކުންފުންޏަށް ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައި ބުންޏެވެ.

"އެހެންކަމުން މަތީގައިވާ ކަންތައްތަކަށް ބެލުމަށްފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ހަމަ އަގު ކުންފުންޏަށް ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެކަމަކީ މާކެޓީންއަށާއި ކަސްޓަމަރުންނަށް ވެސް އިތުރު ވަގުތު ވެސް ބޭނުންވާނެ ކަމަކަށްވާތީ މިކަން އަވަސް ގޮތަކަށް ނިންމުމުގެ ބަދަލުގައި މިކަމުން ނިކުންނާނެ ނަތީޖާއަށާއި ގެއްލުންތަކަށް ނުވިސްނައިފި ނަމަ މި ކުންފުންޏަށް އިއާދަނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަމަށް ދެކެމެވެ،" ޕެޓިޝަންގައި ބުންޏެވެ.

ގޯތި ވިއްކުމާ ދެކޮޅަށް އެޗްޑީސީގެ މުވައްޒަފުންތަކެއް ޕެޓިޝަނެއް ހެދިިއިރު، ހައުސިން މިނިސްޓްރީން ވަނީ ގޯތި ވިއްކިމާ ގުޅުންހުރި މަސައްކަތްތައް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް އެކަމާ ބެހޭގޮތުން ވާހަކައެއް ނުދައްކަ އެވެ.