އިންތިޚާބު ބާތިލްކުރަން ހުށަހެޅި މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ދީފި

ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ދިނުމަށް ކޯޓުން އިއްޔެ ނިންމައިފި އެވެ.


އެ މައްސަލާގައި ޝަރީއަތްތައް މިއަދު ފަށާއިރު، ކޯލިޝަން ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ތަދައްޚުލްވުމުގެ ފުރުސަތު ދޭން ނިންމައި ޕާޓީތަކަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސުޕްރީމް ކޯޓުން ޗިޓް ފޮނުވާފައިވާ ކަމަށެވެ.

ދުސްތޫރީ އެ މައްސަލާގެ ޝަރީއަތް މިއަދު މެންދުރު 1:00 ގައި ފަށާއިރު ޕާޓީތަކުގެ ފަރާތުން ގާނޫނީ ވަކީލުން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ބުންޏެވެ. ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.

ހަތަރު ލީޑަރުންގެ ތެރެއިން ޖަލު ހުކުމް އިއްވާފައިވާ ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ވަނީ ކަފާލާތުގެ ފަށުން ދޫކޮށްލައިފަ އެވެ. އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދުގައި ހުންނެވި އިރު ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގަ އެވެ.