ގާސިމްގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ދައުވާ ސާބިތުވުމުންނެވެ.

ގާސިމަށް އިއްވި ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން މި މަހުގެ 11 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އޮތީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ. އެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރަށެވެ.

އެ މައްސަލައިގައި ގާސިމް ޖަލަށް ލާން ހުކުމް ކުރިޔަސް، މި މަހު ރާއްޖެ ވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ ޖަރުމަން ވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. އަދި މިމަހު ރާއްޖެ ވަޑައިގަތީ ވެސް އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރަން ހައި ކޯޓުން އަމުރު ކުރުމުންނެވެ.