އަދުނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ރަނގަޅަށް: ހައި ކޯޓް

މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އަދުނާން އަނީސް ފުލުހުންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.


ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަދުނާން އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރީ، ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ނެރުނު ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެކަމަކު ނޮވެމްބަރު 2014 ގައި ސިވިލް ކޯޓުން ވަނީ އޭނާ ވަޒީފާ އިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ވަޒީފާ އިން ވަކިކުރަން ނިންމި ނިންމުން ބާތިލުކޮށްފަ އެވެ.

ސިވިލް ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް، އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އަދުނާންގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމަކީ ފުލުހެއް މަސައްކަތު އަޚުލާގާ އެކަށީގެންނުވާ އަމަލެއް ކަމަށް ވާތީ އެކަން ބެލުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގައި ބޭއްވި ބައްދަލުވުމުގައި، އަދުނާނަށް ތުހުމަތު ކުރެވޭ މައްސަލައަކީ ކޮބައިކަން އޭނާ އަށް އަންގާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން ތަހުގީގުގައި އަދުނާންގެ ފަރާތުން ހަނު ހުރުމުގެ ހައްގު ބޭނުން ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ޖަވާބުދާރީވާން ޖެހޭ މަގާމެއްގައި ހަނު ހުރުމަކީ އެކަމަކަށް ގަބޫލުވުން ކަމަށް ބުނާ އިސްލާމީ ޝަރީއަތުގެ ގާއިދާއަކަށް ރިއާޔަތްކޮށް، އެ ހުކުމުގައިވަނީ އަދުނާނަކީ ފުލުހުންގެ ޒިންމާދާރު މަގާމެއްގައި އޭރު ހުރި މީހަކަށް ވާއިރު، އެފަދަ ތުހުމަތެއްގައި ޖަވާބުދާރީވާން އެންގުމުން، ޖަވާބުދާރީ ނުވެ، ހަނު ހުރުމަކީ އެފަދަ މަގާމެއްގައި އޭނާ ބަހައްޓަން ހުއްދަ ކުރެވޭނެ ސަބަބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަމަކީ އޭނާ ވަޒީފާ އިން ވަކިކުރުމަށް ކާފީ ސަބަބެއް ކަމަށް ބެލެވޭ ކަމަށާއި އަދި އެއީ ތުހުމަތު ކުރެވުނު ކަންކަން އޭނާ ގަބޫލު ކުރި ކަން ދަލީލުކޮށްދޭ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ޖިނާއީ ތުހުމަތެއްގައި ވިޔަސް މީހަކު ވަޒީފާ އިން ވަކިކުރާ ނަމަ ބަލަން ޖެހޭނީ ހެކިތަކާއި ގަރީނާތައް ވަޒަން ކުރުމަށް ފަހު، ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި އަދުނާނާ މެދު ތުހުމަތު ކުރެވުނު މައްސަލަ އާއި ހެކިތަކާއި ކަން ހިނގި ގޮތަށް ބަލާ އިރު، އޭނާ ވަކިކުރީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.

އަދުނާން ވަކިކުރީ ރަނގަޅަށް ކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ ރިޕޯޓް ނެރުމުގައި އަދުނާން ބައިވެރިވިކަން އެނގެން ނެތް ކަމަށާއި އެކަމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަން މަދަނީ މިންގަނޑުން ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ނިންމުން ބާތިލު ކުރަން ނުޖެހޭ ކަމަށް ފަނޑިޔާރު ޝުއައިބު ރައުޔު ނެރުއްވި އެވެ.

އެ ރިޕޯޓް ނެރުނު މައްސަލާގައި ފުލުހުންގެ ބައެއް އެހެން އިސްވެރިން ވެސް ވަޒީފާއިން ވަކިކުރި އެވެ.