ޕްލެޓްފޯމްގެ ދަގަނޑުތައް ނެގުމަށް ބްރިޖްގެ ބައެއް ބަންދު ކުރަންޖެހޭ: ސީސީސީސީ

ސިނަމާލެ ބްރިޖު ހެދުމަށްޓަކައި މޫދު ތެރޭގައި ހެދި ޕްލެޓްފޯމުގެ ބާކީ ހުރި ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބްރިޖުގެ ބައެއް ބަންދު ކުރަންޖެހޭ ކަމަށް، ބްރިޖު ހެދި ކުންފުނި، ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ޕްރޮޖެކްޓް މެނޭޖަރު ވަންގް ޗާއޯ ވިދާޅުވެއްޖެ އެވެ.


މިއަދު ނެރެފައިވާ ބަޔާނެއްގައި ވަންގް ޗާއޯ ވިދާޅުވެފައި ވަނީ ބްރިޖު ހެދުމަށްޓަކައި ހެދި ޕްލެޓްފޯމްގެ ބާކީ ހުރި ބައިތައް ނަގައި، އެ ސަރަހައްދުގެ މޫދަށް އެޅިފައި ހުރި ކުނިތައް ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ބްރިޖުގެ ހެދުމަށްޓަކައި ހަދާފައި ހުރި ޕްލެޓްފޯމް ނުވަތަ ވަގުތީ ބްރިޖް މިހާރު ވަނީ ރޫޅާލާފައި. ނަމަވެސް ޕްލެޓްފޯމުގެ 61 ދަގަނޑު ހޮޅި މާލޭ ސަރަހައްދުގައި މިހާރު ވެސް ނުނެގި އެބަހުރި. މި ތަކެތި ނެގުމަށް ބްރިޖުގެ އުތުރު ފަރާތުގެ ލޭނުތައް ބޭނުން ކުރަންޖެހޭ،" ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.

އެ ދަގަނޑު ހޮޅިތައް ނެގުމަށްޓަކައި ބްރިޖުގެ އުތުރު ފަރާތު ލޭނު ބަންދު ކުރަންޖެހޭ އިރު އެ ކަމުގެ ހުއްދަ އަށް މިހާރު ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ވެސް ވަންގް ޗާއޯގެ ބަޔާނުގައިވެ އެވެ.

"ވާތް [އުތުރު] ފަރާތުގެ ލޭން ބަންދު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގައި މިހާރު ވާނީ އެދިފައި. ނަމަވެސް މިހާތަނަށް އެކަމުގެ ހުއްދައެއް ނުލިބޭ،" އޭނާގެ ބަޔާނުގައިވެ އެވެ.

ބްރިޖުގެ ވަގުތީ ޕްލެޓް ފޯމު ނެގުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެކަމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.

"ފްލޯޓިން ކެރޭނު ބޭނުންކޮށްގެން މައި ބްރިޖު ކައިރީގައި ހުރި 37 ދަގަނޑު ހޮޅި ނެގުމަށް ވަނީ ހަމަޖެހިފައި. ނަމަވެސް އެ މަސައްކަތް ކުރެވެން އަންނަނީ މޫސުން ތަންދޭ ގޮތަކުން. މި ތަކެއްޗަކީ 3.6 މީޓަރު ފުޅާ އަދި 50 މީޓަރު ދިގު ދަގަނޑުތަކެއް. އަދި މިއިން ކޮންމެ އެއްޗެއްގެ ބަރުދަނުގައި 200 ޓަނު ހުރޭ،" އޭނާ ވިދާޅުވި އެވެ.

"ބްރިޖު ހެދުމަށްޓަކައި ކަނޑަށް ޖެހި ދަގަނޑު ތަނބުތައް ނެގުމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ. މި ތަކެތި ޖެހުމަށް ކުރި މަސައްކަތަށް ވުރެ ބޮޑު މަސައްކަތެއް މި ތަކެތި ނެގުމަށް ކުރަންޖެހޭ. މިކަމަށް އަދި އިތުރު ވަގުތު ބޭނުންވޭ."

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ހަދާފައިވާ ބްރިޖް ރަސްމީކޮށް ހުޅުވައިދެއްވީ، އޮގަސްޓް 30، 2018ގެ ރޭ ރައީސް އަބްދުﷲ ޔާމީނެވެ. އާންމު ދަތުރުފަތުރުތަކަށް ބްރިޖް ހުޅުވައިލީ ހުސްވި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ.