ބްރިޖް ހެދި ޗައިނާ މީހުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލަ އެ ކުންފުނިން ބަލަނީ

ސިނަމާލޭ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ މުވައްޒަފުން، އެ ސަރަހައްދުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.


ސީސީސީސީގެ މުވައްޒަފުންތަކެއް މިޔަރު އުރަހަ އަދި މިޔަރުގެ ބައެއް ބައިތައް އެ މީހުން ދިރިއުޅޭ ކުއާޓަރުގައި އަވީލާފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ސީސީސީސީގެ އޮޕަރޭޓިން މެނޭޖަރު ވަންގް ޗާއޯ މިއަދު ނެރުއްވި ބަޔާނެއްގައި އެކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު އެ ކުންފުނިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

"މި ކުންފުނީގެ ބައެއް މުވައްޒަފުން މިޔަރު ބާނާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް މިހާރު މި އަންނަނީ ތަހުގީގު ކުރަމުން،" އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ގާނޫނުތަކަށް އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ވެސް ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.

"މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއްކަން، ބްރިޖުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު އަޅުގަނޑުމެން ވާނީ އަންގާފައި. އަދި ރާއްޖޭގެ ގާނޫނުތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމަކަށް ސީސީސީސީ އިން އެއްބާރުލުން ނުދޭނެ ކަމަށާއި އެފަދަ ކަމެއް ބަލައިނުގަންނާނެ ކަމަށް ވެސް ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.

"ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ދުނިޔޭގެ އެންމެންގެ ތައުރީފު ވެސް ލިބޭ. ރާއްޖޭގެ ކަނޑުގައި ރީތި މުރަކައިގެ އިތުރުން މިޔަރާއި ކޯމަހާއި ވެލާ އުޅޭ. މި ތަކެތި ހަލާކުވާނެ ފަދަ ނުވަތަ މި ތަކެއްޗަށް ގެއްލުންވެދާނެ ފަދަ އެއްވެސް ކަމެއް މި ކުންފުނިން ބަލައެއް ނުގަންނާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ސީސީސީސީ މުވައްޒަފުން ދިރިއުޅޭ ކުއާޓަރުގައި މިޔަރުގެ ބައިތަކެއް އަވީލާފައި ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއާއެކު އެ މައްސަލަ ތަހުގީގު ކުރުމަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.