ރިލްވާނަށް ވީ ގޮތެއް ސާފުކޮށްދިނުމަށް ގޮވާލައި ބޭއްވި އެއްވުމުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 އޮކްޓޯބަރ 2018 - 13:13
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ލޮލަށް ފަރުވާކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހުއްދަ ދޭންޖެހޭ ކަމަށް އިދިކޮޅު ލީޑަރުން ގޮވާލައްވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް، ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން މިއަދު ބުނެފި އެވެ.
އެ އާއިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަދީބަކީ ރިލްވާން ވަގަށް ނެގި މައްސަލާގައި ސުވާލުކޮށް ތަހުގީގު ކުރަންޖެހޭ މީހެއް ކަމަށް އެ އާއިލާއިން ދެކޭ ކަމަށެވެ. އަދި ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ކަމުގައި ބެލެވޭ ބަޔަކާ، އަދީބު ގުޅުންތަކެއް ވާކަމަށް މީގެ ކުރިން ހާމަވި ބައެއް މައުލޫމާތުތަކުން އެނގޭ ކަމަށް ވެސް ބުންޏެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ރިލްވާން ވަގަށް ނެގި މައްސަލަ އަލުން ތަހުގީގުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ސިޔާސީ ލީޑަރުން ހިމެނޭތީ ހިތާމަކުރާ ކަމަށާއި އެއީ އެ މައްސަލާގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ވައުދު ފުރިހަމަ ކުރުމަށް އެޅޭ ހުރަހެއް ކަމަށް ބުންޏެވެ.
ރިލްވާން ވަގަށް ނެގިތާ ހަތަރު އަހަރު ވީއިރު އޭނާ އަށް ވީ ގޮތެއް އަދިވެސް ނޭނގެ އެވެ. ނަމަވެސް އޭނާ ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ދެ މީހަކަށް ކުރިއަސް އެ މީހުންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.
އެ ބަޔާނުގައި ބުނީ ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގު އަލުން ފަށައި ސުވާލު ކުރެވޭއިރަށް އަދީބު ފިއްލެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ގައިދީންގެ ތެރެއިން ކޮންމެ މީހަކީ ވެސް އެކަށީގެންވާ ބޭސްފަރުވާ ލިބެންޖެހޭ މީހެއް ކަމަށާއި އެކަމުގެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް، ރާއްޖޭގައި އެފަދަ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ބުންޏެވެ.
"...ގައިދީންނަށް ހަމަހަމަ ގޮތުގައި ސިއްހީ ފަރުވާ ދެވޭނޭ ނިޒާމެއް އުފައްދާނެކަން އިންތިގާލީ މަސައްކަތުގައި އުޅުއްވާ ކަމާބެހޭ ކޮމިޓީތަކުން ހާމަކޮށްދެއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ރާއްޖެއިން ބޭސްފަރުވާ ނުކުރެވޭ ފަދަ ހާލަތެއް ދިމާވާ ނުރައްކާތެރި މުޖުރިމުންނަށް ބޭރުން އެފަދަ ފަރުވާ ރާއްޖެއަށް ގެނެސްގެން ކުރެވޭނޭ މަގު ހުޅުވާލުން މުހިއްމު ކަމުގައި ދެކެމެވެ. އެފަދަ މުޖުރިމަކު ފިލައިގެން ދިއުމުގެ ފުރުސަތު ހުޅުވާލުމަކީ އެކަމަށް ސަރުކާރު ފުރިހަމައަށް ޒިންމާ ނަގަންޖެހޭނޭ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކުރި ސިޔާސީ ބޭފުޅުން ބޭސްފަރުވާއަށް ވަޑައިގަތުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެންފައިނުވާ ކަމަށް އެ އާއިލާއިން ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންބުއްދި
28 October 2018
ޢަދީބު ޖަލުގަ ނުވަތަ ޜާއްޖެގަ ހުރެގެންވެސް މިހާރު ބޭސްފަރުވާ ކުރެވޭނެ.ބޭރަށް ގޮސްގެން ފަރުވާ ކުރެވޭނަފަދަ ތަނަވަސްކަން ހުރިނަމަ މިހާރު އަދީބުއަށް ޓްރީ ޓޮޕް ހޮސްޕިޓަލުންވެސް ފަރުވާ ކުރޭވޭނެ.އެނާ ރާއްޖޭން ބޭރަށް ފޮނުވުމަށް ވަކާލާތުކުރާ ފަރާތްތަކުގެ ނިޔަތާމެދު ވިސްނަންޖެހޭ
އިސްތަފާ
28 October 2018
ބޮޑުމަންޒަރު ފެންނަން މިފެށީ ހާދަހާވާ އަވަހަކަށޭ އަޅުގަނޑުގެ ހިތަށް އެބައަރައޭ، އަދީ ދޫކުރުމަކަށް އެއްވެސް މީހަކު ނުބުނޭ އެކަމަކު އަދީބާމެދު އިންސާފުވެރި ޝަރީޢަތެއް ކުރުމަށް އަދި ކުރަންޖެހޭނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުން.
ޢަހުމަދު މީމު
28 October 2018
އަދީބުތީ މި ޖީލު ހަލާކުކޮށްލި މީހާ އޭނާ ދޫކޮށްލުން އެއީ ވަރަށް ވިޔާނުދާކަމެއް
ރާންދަގަ
28 October 2018
އިބޫއަކީ ތިބުނާކަހަލަ މީހަކަށް ނުވެދާނެ. މިކަލޭގެ ފެންވަރު ނަޝދު ވެރިކަމުން އިބުރަތަކަށް ފުދެ.
ބޮސް
28 October 2018
ބޭސް ފަރުވާއަށް އަދީބު ބޭރަށް ފޮނުވުމަކީ މައްސަލައެއް ނޫން އެހެން ވިއްޔާ ރިލުވާންގެ އާއިލާ ވެސް އެހެންމީހުނާ ދޭތެރޭ ތިދެކޭގޮތް ރަގަޅެއް ނޫން
ރުބީނާ
28 October 2018
ފޮނުވުން ބުއްދިވެރިއެއް ނޫން!
ޙައްގު
28 October 2018
އަދީބަކީ ތިމާވަރުގެ މީހަކު ނެތިގެން މީހުންނައް އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެއް މީނާ ތަޅާ ބުރުވި ފިއިސާ އަކީ ދައުލަތުގެ ފައިސާ މީނާ ދޫކޮއްގެން ނުވާނެ ހައްގު އަދަބު ނުދީ ނަސީދައް ފޯނާ ލެޕްޓްޕް ދިނަކަސް.
ޒަންޖަބީލު
27 October 2018
އެހެންވީމަ އަދީބުގެ ލޮލަށް ފަރުވާ ކުރެވޭނެ ވަރުގެ ސްޕެޝަލިސްޓަކު ރާއްޖެ ގެނެސްގެން އަދީބަށް ފަރުވާދީ، މުހިންމީ ކޮންމެހެން ރާއްޖެއިން ބޭރަށް ދިޔުމެއް ނޫނެއްނު، ލޮލަށް ފަރުވާ ކުރުމެއްނު... އިބޫ އެކަން ކޮށްލަދީ.. އޭރުން އަދީބުގެ ލޮލަށް ފަރުވާވެސް ލިބުނީ، އަނެކޮޅުން ނުފިލޭނެކަންވެސް ޔަގީން ވީ.. އެއީ މިކަމަށް އޮތް އެންމެ ރަނގަޅު ސޮލިއުޝަންއަކީ
ޝޮކްތެރަޕީ
27 October 2018
އަދީބު ދޫނުކޮ މަސްސަލަ ބަލާ ތަހުގީގު ކުރޭ. މިހާރު ރައިސްއަކަ އިބޫމިހޮވުނީ. މިފަހަރު އެގޭނެ އިބޫމެންގެ މަކަރުވެރި ރޭވުން. އަލައް މިހޮވުނު ސަރުކާރުން އަދީބު ދޫކޮއްލައިފީޔާ މީ އެމްޑީޕީގެ ރޭވުމެ.
އަމީލް
27 October 2018
ކޯލިޝަން އަށް ތިކަން ކޮށް ނުދެވޭނެ.