އަހަރެއް ފަހުން، ހަތަރު މެމްބަރުން އެކުގައި މަޖިލީހުގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު، ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި، ހަތަރު މެމްބަރަކަށް މިއަދު މަޖިލިހުން ދީފި އެވެ.


މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

ޕީޕީއެމުން ވަކިކޮށް، ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ މިދިޔަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު 45 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން، ސޮއި އަނބުރާ ގެންދަވަން ޕީޕީއެމުން އެންގި އެންގުމަށް ދެކޮޅު ހެއްދެވުމުންނެވެ. އޭގެ ފަހުން އެ ހަތަރު މެމްބަރުން މަޖިލީހަށް ވަންނަވަން ސަލާމަތީ ބާރުތަކުން ހުރަސް އެޅި އެވެ.

ޕީޕީއެމުން އެދިގެން އީސީން އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުވާލީ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި އެ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ރިއާޔަތްކޮށެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް އައުމުގެ ކުރިން، ޕީޕީއެމުން ވަކިވާން އެ ހަތަރު މެމްބަރުން އޮތީ ސިޓީ ފޮނުވާފަ އެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް އޭރު ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ. އެކަމަކު، އީސީން ބުނެފައި ވަނީ ޕާޓީން ވަކިވި ކަމަށް ބަލާނީ އެ ކޮމިޝަނުން ބަލަހައްޓަމުން އަންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރާ ހިސާބުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހަތަރު ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެބޭފުޅުންނާ އެއްކޮޅަށް ނިމި، މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އެ ކޯޓުން މި މަހު ވަނީ ހުކުމްކޮށްފަ އެވެ.

ޖަލްސާތަކުގައި އަލުން ބައިވެރިވެވަޑައިގަންނަވަމުން، އަމީތު "މިހާރު" އަށް ވިދާޅުވީ ރައްޔިތުން ހަވާލުކުރި މަސައްކަތަށް އެނބުރި ވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ބާކީ އޮތް ދުވަސްތަކުގައި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދާއިރާގެ ރައްޔިތުންގެ ހައްގު ވަނީ ގެއްލިފަ އެވެ. އެކަމަކު މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން "މިނިވަންކަމު"ގެ އިހްސާސް ކުރެއްވެން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް އުފާވެއްޖެ. މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު މި ލިބުނީ. އަޅުގަނޑު އެދެނީ ބާކީ ތިއްބެވި އަށް މެމްބަރުންނަށް ވެސް ފުރުސަތު ލިބުން ޖަލްސާތަކުގައި ބައިވެރިވާން،" އަމީތު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ވިލިނގިލި އަދި ކޮލަމާފުށީގެ ރައްޔިތުންގެ އަޑު އިއްވޭނެ ގޮތް އަލުން ވީ ރައްޔިތުންގެ ބުރަ މަސައްކަތާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތަކުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމުވާތަން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވި ގޮތުގައި، އޭނާ އެންމެ އިސްކަމެއް ދެއްވާނީ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ރަނގަޅުކުރައްވާށެވެ.

މިއަދަކީ އިދިކޮޅު މެމްބަރުންނަށް އެހެން ގޮތަކުން ވެސް ހާއްސަ ދުވަހެކެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިނުގަތީއްސުރެ، އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ ރިޔާސަތުގެ ދަށުން މިއަދު އަލުން މަޖިލިސް ފަށާއިރު ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދެވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހުގެ އަޣުލަބިއްޔަތުން ހުށަހައަޅާފައި އޮއްވައި އެ އަށް ވޯޓަށް ނާހައި، ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.

މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު، އަލުން މިހާރު ވަނީ ވައްދައިފަ އެވެ.