ފެން ހިންދާ ސިސްޓަމަށް ވަނީ ގެއްލުންދީފައި: މުއިއްޒު

މުޅި މާލޭގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވެފައި ވަނިކޮށް، ފެން ހިންދުމަށް މާލޭގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެން ހިންދަން ހަދާފައިވާ ސްޓޯމް ވޯޓާ ސިސްޓަމްތަކުގެ ޕަމްޕު ސްޓޭޝަންތަކުގެ ޕެނަލް ބޯޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ޕަމްޕު ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ވަނީ ކަނޑާލާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަން ކުރި ފަރާތްތަކުގެ އަމަލު ކުށްވެރި ކުރުމުގެ އިތުރުން މިނިސްޓަރު ވަނީ ރައްޔިތުންނަށް ދިމާވާ އުނދަގުލަށް މައާފަށް އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް--

މުއިއްޒު ވިދާޅުވީ، ފެން ހިންދާ ނިޒާމު ފަރުމާ ކޮށްފައި ވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދޭނެ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ، އެ ނިޒާމަށް އެއްވެސް ސަބަބަކާ ހުރޭ ލިބޭ ގެއްލުމަކުން އެ ނަތީޖާ ހާސިލް ނުވާނެ ކަމަށެވެ.

"އަދިވެސް ރައްޔިތުންގެ ކިބައިން އަޅުގަނޑު އިޚުލާސްތެރި މާފަކަށް އެދެން،" މުއިއްޒުގެ ޓުވީޓުގައި ވެ އެވެ.

މުއިއްޒުގެ ޓުވީޓު

ބަޔަކު ކުރި ކަމަކުން، ފެން ބޮޑުވުން ނުހުއްޓުވޭ ކަމަށް ދޭހަވާ ގޮތަށް މިނިސްޓަރު ޓްވީޓް ކުރެއްވި އިރު މާލޭގައި ފެން ބޮޑުވާތީ ގިނަ ބަޔަކު ގެންދަނީ މިނިސްޓަރަށް އަމާޒުކޮށް ފާޑުކިޔަމުންނެވެ. ފެން ހިންދާ ސިސްޓަމްތަކެއް މާލޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރުމަށް އެތައް މިލިއަން ރުފިޔާއެއްގެ ޕްރޮޖެކްޓްތަކެއް ހިންގި އިރު އެ ކަންކަމުގެ ނަތީޖާ ނުފެންނާތީ ކިޔާ ފާޑުކިޔުންތައް އިތުރެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި.

ރޭ ދަންވަރު ފެށި ގޮތަށް މެދުކެނޑުމެއް ނެތި ވާރޭ ވެހެމުން ދާއިރު މުޅި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފަ އެވެ. ސްކޫލުތަކާއި އޮފީސްތަކަށް ދިއުމަށް ދަތިވެފައިވާ އިރު މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައި ނުވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.