ފެންބޮޑުވާ މައްސަލައިގެ ޖަވާބުން ރުޅިގަދަވެއްޖެ!

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ހިންގި މަޝްރޫއު ފޭލްވީ، ޕަންޕުތަކަށް ބަޔަކު ގެއްލުން ދިނުމުން ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބުން އާއްމުން ހިތްހަމަނުޖެހި، ނުރުހުން އަމާޒުވެއްޖެ އެވެ.


މިދިޔަ އާދީއްތަދުވަހުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭވެހެމުންދާއިރު، ބައެއް ސަރަހައްދުތައް އޮންނަނީ ފެނު އަޑީގަ އެވެ. މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވެ އާއްމުންނަށް އުނދަގޫ ތަހައްމަލްކުރަން ޖެހުމުން ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

މި ޝަކުވާތައް ބޮޑުވުމުން، ދިފާއުގައި ހައުސިން މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މައްސަލަ ހައްލު ނުވީ ފެން ހިންދަން ބެހެއްޓި ޕަމްޕް ސްޓޭޝަންތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދިނުމުން ކަމަށެވެ. އެއީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މާލޭގެ ޑީވޯޓަރިން ނިޒާމު ހަރުދަނާ ކުރަން އެމްޑަބްލިއުއެސްސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި މުއިއްޒު (ކ) އާއި ފަޒުލް (ވ) ސޮއި ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިނިސްޓަރު މުއިއްޒުގެ ޓުވީޓް.

އެކަމަކު، މިނިސްޓަރުގެ ޖަވާބުން އާއްމުންގެ ރުޅި އިތުރަށް ގަދަވީ އެވެ. މައްސަލަ ހައްލު ނުވުމުގެ ތުހުމަތު ބައެއްގެ ބޮލުގައި އަޅުވައި ދެއްވި ޖަވާބު ބަލައިނުގަނެ، އާއްމުން ކުރިމަތި ކުރުވީ އިތުރު ސުވާލުތަކެކެވެ.

މާލޭގެ މަގެއްގައި ފެންބޮޑުވެފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕަމްޕު ސްޓޭޝަންތަކުގެ ޕެނަލް ބޯޑުތައް ހަލާކުކޮށް، ބައެއް ޕަމްޕު ސްޓޭޝަންތަކުގެ ކަރަންޓް ސަޕްލައި ކަނޑާލީ ކޮންއިރަކުތޯ އެއީ ކޮން ބަޔަކު ކުރި ކަމެއްތޯ އަދި އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވޭތޯ ވެސް މިނިސްޓަރަށް ވަނީ ސުވާލު ކުރިމަތިކޮށްފަ އެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން އެކި ތަންތަނުގައި ޕަންޕު ސްޓޭޝަން ހަދައި، ފެން ބޭރުކުރުމުގެ މަސައްކަތަށް ސަރުކާރުން 12 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. އެ މަޝްރޫއުގެ ދަށުން އަމީނީމަގާއި ތާޖުއްދީން ސްކޫލު ހުންނަ ސަރަހައްދުގައި ޕަންޕު ބެހެއްޓި އެވެ. ހަތަރު ފިޔަވައްސަކަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން، އިތުރު ސަރަހައްދުތަކެއްގައި ވެސް ޕަމްޕް ބަހައްޓާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި މަޝްރޫއުގައިވާ ގޮތުން، ޕަމްޕް ސްޓޭޝަންތައް މަރާމާތުކޮށް ބަލަހައްޓަން ޖެހެނީ އެމްޑަބްލިއުއެސްސީންނެވެ. މި މަޝްރޫއުގައި އެ ތަނުގެ ޒިންމާ އަދާކޮށްފައިވޭތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަަޝީދަށް ގުޅުމުން ވިދާޅުވީ "ބައްދަލުވުމެއްގައި ބިޒީ" ކަމަށެވެ. ބައިިގަޑިއިރު ފަހުން ގުޅަން އެދިވަޑައިގަތް ނަމަވެސް ފަހުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކުގެ ޓުވީޓު

ފެން ހިންދާ ނިޒާމަށް ބަޔަކު ގެއްލުން ދީފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި މާލޭގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބާރުތައް ގަދަކަމުން ނެންގެވުމަށް ފަހު، ކާނުތައް ވެސް ސާފު ނުކުރާ ކަމަށެވެ. އަދި މުއިއްޒުގެ ފަރާތުން ފެންނަނީ އަގު ބޮޑު ގޭޓެއް ހައުސިން މިނިސްޓްރީގައި ހަރު ކުރުމަށް މާ ބޮޑު ސަމާލުކަމެއް ދެއްވާ މަންޒަރު ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ.

ފެން ހިންދުމުގެ މަޝްރޫއު ފެށިއިރު ވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕުތައް ބަހައްޓައިގެން ފެން ހިއްކުމާއި ކާނުތައް ސާފުކުރުމަކީ މި މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް ސަރުކާރުން ބުންޏެވެ. މިކަން މުޅިން ހައްލުވާނީ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމާއި އެ މަސައްކަތް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ވަރަށް އަވަހަށް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އާއްމުންނަށް މައްސަލައަކަށްވީ، މަޝްރޫއު ފޭލްވުމުން، އެކަމުން ރެކިގަތުމަށް ކަމާބެހޭ މިނިސްޓްރީތަކުން ތަފްސީލް ނުދީ ދައްކާ ބަހަނާތަކެވެ.