ފްލައިމީގެ ދަތުރުތައް އައްޑު އާއި ފުވައްމުލަކަށް އަންނަ މަހު 15 ގައި ފަށަނީ

ވިލާ އެއާގެ ފްލައިމީން އައްޑު އާއި ފުވައްމުލަކަށް އަންނަ މަހުގެ 15 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ ވިލާ އެއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ އަށް އަންނަ މަހުގެ 15 ދުވަހު އަލުން ދަތުރުތައް ފަށަން ނިންމައި، މާދަމާ އިން ފެށިގެން ޓިކެޓް ބުކްކޮށް ދޭން ފަށާނެ ކަމަށެވެ.

ފްލައިމީން ބުނިގޮތުގައި އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ރާވާފައި ވަނީ ފަސިންޖަރުންނަށް ފަސޭހަ ވާނެ ގޮތަށް ބަލައިގެންނެވެ. އެގޮތުން އާދީއްތަ އިން ބުދަ އަށް ދަތުރުތައް ބާއްވާނީ މެންދުރު ފަހު 1:00 ގަ އެވެ. އަދި ބުރާސްފަތި ދުވަހުން ހޮނިހިރަށް ދަތުރުތައް ބާއްވަނީ ހަވީރު 6:00 ގަ އެވެ.

އައްޑު އާއި ފުވައްމުލަކަށް ފްލައިމީން އަލުން ދަތުރުތައް މި ފަށަނީ ހިދުމަތް މެދުކަނޑާލިތާ ތިން އަހަރު ދުވަސް ފަހުންނެވެ.

ފްލައިމީން އެންމެ ފުރަތަމަ އައްޑު އާއި ފުވައްމުލަކަށް ދަތުރުތައް ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.

އެ އެއާލައިނުން ދަތުރުތައް ބާއްވަން ފެށުމުން ދަތުރުތަކުގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮވެފައިވެ އެވެ. އަލުން ދަރުތުތައް ފަށާ އިރު، ކޮންމެ ކޮޅަކަށް ފުރަތަމަ 10 ޖާގަ އަށް ޕްރޮމޯޝަނެއްގެ ގޮތުގައި އެއްކޮޅު ޓިކެޓެއް ވިއްކަން ނިންމާފައި ވަނީ 999ރ. އަށެވެ. އެގޮތުން އެ އަގުގައި ޓިކެޓް ލިބޭނީ އެންމެ ފުރަތަމަ ޓިކެޓް ނަގާ ކަސްޓަމަރުންނަށެވެ.

ދަތުރުތައް ފަށާތީ ވިލާ އެއާއިން ވަނީ އައްޑު އާއި ފުވައްމުލަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް ހޯދަން އިއުލާން ކޮށްފަ އެވެ.

އައްޑު އާއު ފުވައްމުލަކަށް މިހާރު ޝެޑިއުލް ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނެވެ.

ފްލައިމީގެ މި ވަގުތު ދަތުރުތައް ބާއްވަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށެވެ.