ރައީސް ނަޝީދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ އިބޫގެ ވެރިކަން ދަމަހައްޓަން ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް -- ނިޝާން އަލީ / މިހާރު ފޮޓޯ
01 ނޮވެމްބަރ 2018 - 20:19
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަންޏަކަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނުވާނެ ކަމަށާއި އެމަނިކުފާނަކީ މުގުލެއް ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރަށް ޖަލަށް ލާފައި ވަނީ ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ތިން އަހަރު ފަހުން ރާއްޖެ ވަޑައިގެން ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ވަޑައިގެންނެވި ސިޔާސީ މަސައްކަތްތަކުގައި އިބޫއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އެ މަސައްކަތްތަކުގައި އިބޫއަކީ "މުގުލެއް" ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅުގަނޑާ އެކުގައި މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ދުވަހަކުވެސް އިބޫއަކީ ހިޔަންޏެއް ނޫން. މުގުލެއް އެއީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓެން އޮތް ގާނޫނީ ހުރިހާ މަސައްކަތެއް ކުރާނަން،" އުނިމާ ގްރޭންޑް ހޮޓަލުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރު ދެމެހެއްޓުމަށް އެމަނިކުފާނަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ގަސްދުކުރަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހުންނަން. އަޅުގަނޑުގެ މައިގަނޑު އަމާޒަކަށް ވާނީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރު، އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސްކަމުގެ ސަރުކާރު ދެމެހެއްޓުމަށް، ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ހިފެހެއްޓުމަށް އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވާހަކަ ދައްކަވާއިރު އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަތްތިލަބަޑި ޖައްސަވަަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
އިބޫގެ ވެރިކަމުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން ތާއީދު ނުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރިޔާސީ ނިޒާމެއްގެ އެންމެ މުހިންމު އެއް ސިފަޔަކީ ފިކްސްޑް ޓާމެއް އޮތުން. އަޅުގަނޑުމެން އެއަށް ބަދަލެއް ގެންނާކަށް އެއްވެސް އިރެއްގައި ވާހަކަ ދެކެވިފައެއް ނެތް. ރިޔާސީ ނިޒާމެއްގައި ފިކްސްޑް ޓާމެއްގައި މެދުން އިލެކްޝަނެއް ނުގެނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ހުރިހާ ސިޔާސީ ލީޑަރުން މަޝްވަރާކޮށް ގައުމުގެ ކަންކަން ނިންމެވުން މުހިންމު ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ކުރިން އެގޮތުގެ މަތިން ކަންކަން ކުރިއަށް ގެންގޮސް "ކުރިން ކުރަންޖެހުނު ދަތުރު" ކުރަންނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މި ވަނީ ސާފު އެއްބަސްވުންތަކެއްވާން މަޖުބޫރުވެފައި. އަޅުގަނޑުމެން މި ދަނީ އެ އެއްބަސްވުންތައް ވަމުން. މި އެއްބަސްވުންތަކަކީ ކިހިނެއްތޯ ރާއްޖޭގެ ކަންކަން ކުރިއަށް ގެންދާނީ. ދެބަސްވީމަ ހަދާނީ ކިހިނެއްތޯ. ދެބަސްވާ ކޮންމެ ފަހަރަކު އަނެއްމީހާ ޖަލަށްލުން އެއީ އަޅުގަނޑު ނުދެކެން ސިޔާސީ ގޮތުން އެއްވެސް ބަޔަކަށް ފައިދާ ކުރާނެ ކަމެއް ކަމަކަށް. އެހެންވީމަ އިރާދަކުރެއްވިއްޔާ މީގެ ކުރީގައި އެ ޖެހުނު ދަތުރެއް އަޅުގަނޑުމެންނަކަށް ނުޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރުގެ މަގާމެއްގައި އެމަނިކުފާނު މަގާމެއްގައި ހުންނަވަންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރެއްވުމާ ގުޅޭ ގޮތުން ސާފުކޮށް ގޮތެއް ނުނިންމަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މަގާމެއްގައި އަޅުގަނޑު ހުންނާކަށް ކޮންމެހެން ނުޖެހޭ. އަޅުގަނޑަަށް ކަށަވަރު އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަންޖެހޭ އިރުޝާދެއް، ލަފަޔެއްވާ ނަމަ އަޅުގަނޑަށް އަބަދުވެސް އެބޭފުޅާއަށް އެ އިރުޝާދު ވެސް އެ ލަފަޔެއް ވެސް އެރުވޭނެ. މިއޮތްހާ ދުވަހު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އައީ އެގޮތުގައި،" "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ސާފުކޮށް، ސީދާކޮށް އަދި މުޅިއަކުން ކަންކަމެއް [މަޖިލީހަށް ވާދަ ކުރެއްވުމާ ގުޅޭ ގޮތުން] ނުނިންމަން. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ މައިދާނުގެ ނާރެސް. އެތަނުގެ ހަމަޖެހުން އަނެއްކާ ވެސް އަދި އެތަން އެއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިވެދޭ ތަނަކަށްވުމަކީ އަދި ޑިމޮކްރެޓިކް އުސޫލުން މަސައްކަތް ކުރާ ތަނަކަށް ހެދުމަކީ އަބަދުވެސް އަޅުގަނޑުގެ ހުވަފެނެއް، އަބަދުވެސް އަޅުގަނޑު ކުރާ މަސައްކަތެއް."
ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ "މަރުވެފައި އޮތް އެއްޗެއްގައި އަޅުގަނޑު ނުޖަހާނަން" ކަމަށެވެ. ނަމަވެސް ކަންކަން ނިންމަވާނީ ސިޔާސީ ހުރިހާ ލީޑަރުންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
03 November 2018
ތީ ހިތާދެކޮޅަށް ބުނާ ވާހަކައެއް! އެއީ މަނިކުފާނުގެ ހިޔަންޏަކަށް ނުވަންޏާ ތުންފުއްސެއް. މިހާރު އޯކޭ.؟
ހަހަ
03 November 2018
ދެ ރަޙްމަތްތެރިން ހަތުރުންނަށްވާން ކައިރިވަނީ އެވެ.
ޅިޔަނާ
02 November 2018
ނަސީދުވެސް އިބޫ ކަޑަ ނުކުރައްޗޭ. ޢޭރުން ނަސީދަށް އޮންނަ ލޯބި ކުޑަވާނެ
ބަރުޖޯރާ
02 November 2018
މުގުލުގެ ކޮޅުހިފައިގެން މައުމޫނު އެހެރީ މެލޭޝިއާގައި މިވާހަކަ އިބޫކުރެން އަހާގެން އިތުރު މައުމޫތުހޯދާ
ސަލީމަް
02 November 2018
ބަލަ ކެނެރީގެ ނަޝީދު ނުބުންނަކަސް އަހަރުމެން ނަށް އިނގޭ އިބޫ އެއީ ނަޝީދުގެ ޕަޕެޓެއްކަން. ޢެހެންވީމަ އަހަރުމެން ޔާމީންނަަށް ވޯޓް އެޅީ.
ހީހީ
02 November 2018
މަބުނީ ކޮބާތަ ނަޝީދުގެ ކަރު ބުރިކުރަން ބުނި ހުޅުމާލޭ އަންހެން ގުރޫޕު؟ ފިލީތަ؟
ރާވެރިބެ
02 November 2018
މިނާ ދުވަހަކު ތެދެއް ހެދިތަ؟ އެއްޗެއް ބުނެފިއްޔަ ކަން ހިނގާނީ ދިމާ އިދިކޮޅަށް...
ސަލާމަތީ
02 November 2018
އެންމެނަށްވެސް އެނގި ޔަގީންވެގެންވޭ އިބޫއަކީ ހިޔަންޏެކަން ތިހެންވެގެން ތިވާހަކަ ތިގޮތަށް ތިދައްކަނީވެސް
ހައި
02 November 2018
ޔަހޫދީން އުފާވެ މުސްޅިމް އުންމަތް ރޮއްވައިފި....
ސަލާން
02 November 2018
އަދި ހިންދޫންނާއި ޒައެނިސްޓުންނާއި ޖެސިއުޓްސް ވެސް އުފާކޮއްދީފި.
ޝުޖާ
02 November 2018
އިންސާނަކައް ރައްދުވާގޮތައް ސުވާލު ކުރެއްވީމަ ޖަނަވާރަކައް ނިސްބަތް ކުރީމަ ހުތުރު ދެއްތޯ ނަޝީދު. ތިވިދާޅުވީ މަރުވެފަ ވާ އިންސާނެއްގެ ގައިގާއެއްނޫންވިއްޔަ. މަރުވެފަ ވާ އެއްޗެއްގަވިއްޔަ. ތިމާނޫން އެހެން މީހުންނަކީ އެއްވެސް ބައެއް ނޫންވިއްޔަ ދެއްތޯ.
ސިމޕް
02 November 2018
ހުތުރަށްވުރެ ހުތުރު ފެނުނީމަވެސް ތަފާތު ދެނެގަންނަން ނޭގޭ މީހުން ގިނައީ. އަސްލު އެ ބޭރުކުރީ ޖަޒްބާތުގައި ހުރި ނަފްރަތުގެ ބައި ކުޑަގޮތަކަށް. އަދި ބާކީ ކަންކަންވެސް އޮންނާނެ. ކާމިޔާބީގައި ހިތްތިރިކުރުން އެއީ ވަރަށްވެސް އުނދަގޫކަމެއް. ހިތުގައިވާ ކަންކަން ބޭރަށް ނުފާއްދާ ވަރެއް ނުކުރެވޭނެ.