ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ފުރާވަޑައިގެންފި އެވެ.
އެމްޑީޕީ އަށް ތާއީދު ބޮޑު އައްޑޫގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އައްޑޫގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން، އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލު ކުރައްވާނީ ފޭދޫގައި ތިބި ސަޕޯޓަރުންނާ އެވެ.
މިއީ، ޖަލު ހުކުމާ ގުޅިގެން ރާއްޖެ ވަޑައިނުގެން ސްރީ ލަންކާ އާއި އިނގިރޭސި ވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން އަތޮޅު ތެރޭގެ ރަށަކަށް ނަޝީދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމްޑީޕީން ބުނި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ނަޝީދު އިތުރު ރަށްތަކަށް ވަޑައިގަންނަވާނެ އެވެ.
ނަޝީދު އައްޑު އަށް ކުރައްވާ ދަތުރުފުޅުގައި އެކިރަށްރަށުގައި ޖަގަހަތަކާއި އޮފީސްތައް ހުޅުއްވައި ދެއްވައި، އެމްޑީޕީގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ނަޝީދުގެ ދަތުރުފުޅުގައި އައްޑޫގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ޕޮލިސް އެކަޑަމީއަށާއި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދަމުން އަންނަ ޓާޝިއަރީ ހޮސްޕިޓަލް ބައްލަވާލައްވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާ ނަޝީދު ބައްދަލުކުރައްވާނެ އެވެ.
ނަޝީދު އެނބުރި، މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.