އައްޑޫން ނަޝީދަށް: "ތިއީ ރައްޔިތުންގެ ހިތްތަކުގެ ވިންދު"

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ އިންނެވި ފްލައިމީގެ މަތިންދާބޯޓު، ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު، ނަޝީދަށް ލިބިވަޑައިގަތީ ކުއްލި ހައިރާން ކަމެކެވެ. އެއާޕޯޓު ކައިރިއަށް އެއްވެފައި ތިބި ނަޝީދުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަން ދެ ގަޑިއިރެއްހާ އިރު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު އެއްވެސް ގޮތަކަށް އުންމީދެއް ނުކުރައްވަ އެވެ.


ތިން އަހަރު ދުވަސް ވަންދެން އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން މާލެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ނަޝީދު އައްޑު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ބައެއް މީހުން ގަމަށް ދިޔައީ ދޯނިފަހަރުގަ އެވެ. ބައެއް މީހުން ލޮރީތައް ފުރައިލިއިރު، އަނެއް ބަޔަކު ކާރުތަކާއި ސައިކަލްތަކުގަ އެވެ. ނަޝީދަށް މަރުހަބާ ދަންނަވަން އެތައް ސަތޭކަ ބަޔަކު ދިގު ސަފެއް ހަދާލާފައި އޮތެވެ.

ނަޝީދު މިއަދު ގަމަށް ވަޑައިގެން، އާންމުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

ނަޝީދު، އާންމުންނާ ސަލާމް ކުރައްވަމުން ގެންދެވި އިރު، ބައެއް މީހުންގެ ޝުއޫރަކީ މިއީ އެވެ؛ ތިއީ "އައްޑޫ ރައްޔިތުންގެ ރައީސް"، "އަފިރިން މިތިބީ ރައީސް ނަޝީދާ އެކު"، "ފްލެޓު ދޮންބެ"، "ކޮބާ ކޮބާ ނަޝީދު"، "ނަޝީދަކީ އައްޑޫ ރައްޔިތުންގެ ހިތްތަކުގެ ރައީސް"، "ތިއީ ހިތްތަކުގެ ވިންދު" މިހެންނެވެ.

އެމްޑީޕީގެ ރަސްމީ ކުލަ، ރީނދޫ ކުލައިގެ ޓީޝާޓާއި ރީނދޫ ކުލައިގެ ފުއްޕާހަމާއި އެމްޑީޕީގެ ދިދަ އާއި "އަހަރުމެން ލޯބިވަނީ އަންނި ދެކެ" ކަމަށް ބުނެ ތަފާތު ޝުއޫރުތައް ލިޔެފައިވާ ކާޑުތައް ހިފައިގެން ގޮސް ތިބި ނަޝީދުގެ ބައެއް ސަޕޯޓަރުން ވަނީ އެމަނިކުފާނު ގައިގައި ބައްދާލައި، ސެލްފީ އާއި ފޮޓޯ ނަގައިފަ އެވެ.

"އަޅުގަނޑުމެންނަށް ނަޝީދު ނުފެންނަތާ ހަ އަހަރު މި ވަނީ. ހަ އަހަރު ފަހުން އެމަނިކުފާނު ފެނުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް މިތިބީ އުފަލުން. ނަޝީދު ވަނީ އަޅުގަނޑުމެންގެ ހިތްތަކުން ޖާގަ ހޯދާފައި،" ސަފުގެ ވަރަށް ކުރީ ސަފުގައި ހުރި އަހުމަދު ރަޝީދު 34، ބުންޏެވެ.

ނަޝީދަށް ތައުރީފް ކުރި ބައެއް މީހުން ބުނި ގޮތުގައި އެމަނިކުފާނަކީ އަޒުމް ގުޑާނެ ބޭފުޅެއް ނޫނެވެ. އެއީ މިހާތަނަށް ރާއްޖެ ދުށް އެންމެ އޯގާތެރި ރައީސް ކަމަށް އެމީހުން ބުންޏެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ނަޝީދު އަލުން ފެނިދާނެ ކަމުގެ އުންމީދު އެއްގޮތަކަށް ވެސް ކުރި ބައެއް ނޫނެވެ.

"އައްޑޫ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނީ ނަޝީދުގެ ސަރުކާރުން. އެމަނިކުފާނު ނޫނީ ނެތް، އައްޑޫ ރައްޔިތުންގެ ލޯބި ހޯއްދެވި ލީޑަރެއް،" އައިޝަތު ރަޝީދާ، 45 ބުންޏެވެ.

ނަޝީދަށް މަރުހަބާ ދަންނަވަން ގަމަށް ގޮސް ތިބި އެމްޑީޕީގެ ސަޕޯޓަރުން. --- ފޮޓޯ: އެމްޑީޕީ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ނަޝީދުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ގަ އެވެ. އޭގެ ފަހުން، ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ ޖެނުއަރީ 18، 2016ގަ އެވެ. ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވީ އިނގިރޭސި ވިލާތާއި ސްރީ ލަންކާގަ އެވެ.

ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން، މިނިވަންކަމާ އެކު އުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަތީ، އެމަނިކުފާނުގެ މައްޗަށް ކުރި ޖަލު ހުކުމް ތަންޒީފު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ގޮތަށް އަމުރު ކުރީ، އެމަނިކުފާނުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ފްލައިމީގެ ފްލައިޓު ތެރޭގައި ތަފާތު މަންޒަރުތަކެއް!

ނަޝީދު ދަތުރުފުޅު ކުރެއްވި މަތިންދާބޯޓުގައި އަނބިކަނބަލުން ލައިލާގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ފަދަ ބޭފުޅުން ތިއްބެވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ އައްޑޫގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ނަޝީދު މަތިންދާބޯޓަށް އަރައިވަޑައިގެންނެވި އިރު، އެމަނިކުފާނުގެ ލޯފުޅު އަމާޒުވި އެއް ބޭފުޅަކީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ. ޝަރީފް ފެނިވަޑައިގަތުމާ އެކު، ނަޝީދު އެއްސެވީ، "ޝަރީފް އަންހެނުންނާ" އެކުގައިތޯ އެވެ. ނަޝީދު އެހެން އެއްސެވިއިރު، ޝަރީފްގެ އަނބިކަނބަލުން އިންނެވި އެވެ.

މަތިންދާބޯޓުގައި ދޮޅު ގަޑިއިރަށް ވުރެ ގިނައިރު ހޭދަވިއިރު، ނަޝީދު ސިފަ ކުރެވުނީ އެ ބޯޓުގައި ވަރަށް ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން، އަލީ ނިޔާޒާއި ވަކިން މަޝްވަރާ ކުރެއްވި ތަން ފެނުނެވެ. އަދި ފަހުން، ޝިފާޒާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދާ މަޝްވަރާ ކުރައްވައި، ސަމާސަ ކުރެއްވި އެވެ.

އޭގެ ފަހުން، އެމަނިކުފާނު ވަނީ ފްލައިމީގެ ޕްއިލެޓުންނާ ބައްދަލު ކުރެއްވުމަށް ކޮކްޕިޓަށް ވެސް ވަޑައިގެންފަ އެވެ. އެހެންވެ، ގިނަ ބަޔަކަށް މި ކަންކަންވީ ވަރަށް ޝައުގުވެރިވި ކަމަކަށެވެ.

ނަޝީދު މިއަދު ފޭދޫގައި ވާހަކަފުޅު ދައްކަވާއިރު، ޑްރައިވިން ސްކޫލްގެ މަތިންދާ ބޯޓެއް އެމަނިކުފާނުގެ މަތިން އުދުހެނީ. --- ފޮޓޯ: އެމްޑީޕީ

"އައްޑު އަށް އާދެވުމުން އިންތިހާއަށް އުފާވޭ"

ފޭދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު، އައްޑު އަށް ވަޑައިގެންނެވުމުން އިންތިހާ އަށް އުފާ ކުރައްވާ ކަމަށެވެ. އައްޑޫގެ ރައްޔިތުން އެމަނިކުފާނާ ދޭތެރޭ ބަހައްޓާ ގާތްކަމާއި އިހްލާސްތެރިކަމާއި މެހްމާންދާރީ އާއި ލޯތްބަކީ ބަދަލު ދެވޭ ވަރަށް ވުރެ މާ ފުން ލޯތްބެއް ކަމަށް ވެސް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ އައްޑޫގައި ހުންނަވައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ އެންމެ ބޭފުޅުންނަށް ފަށް ފަށުން ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިއަދަށް ވުރެ މާ ފާގަތި މާދަމާއެއް ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އައްޑު އަށް ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެކެވެ. އައްޑޫގެ ތަރައްގީ ކުރާނެ ޕްލޭނެއް އޮތްކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އަލަށް އެކުލަވައިލާ ސަރުކާރު ވެގެންދާނީ އައްޑޫގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭނެ ސަރުކާރަކަށް ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާއިން، އާ ސަރުކާރު އުފައްދަން އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނީ އައްޑޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ، އާ ސަރުކާރު ގެންނަން އައްޑޫން ވޯޓު ދިން އެންމެންނަށް ނަޝީދު ޝުކުރު ދެންނެވި އެވެ.

"ރާއްޖެ އަލުން އަނބުރާ ޑިމޮކްރަސީގެ މިސްރާބަށް ގެނައުމަށް ތިޔަބޭފުޅުން ކުރެއްވި މަސައްކަތް އެއީ ދިވެހި ތާރީޚުގައި ބިންވަޅު ނެގި، ރަން އަކުރުން ލިޔެވޭނެ އަކުރުތަކެއް، ބަސްތަކެއް. އިހްސާސްތަކެއް. ފަހަތަށް ޖެހުމެއް ނެތި ސާބިތުކަމާ އެކީ ދިގު ހަތް އަހަރު ކުރި މަސައްކަތަކީ ދުނިޔެ ސިއްސުވާލާފައިވާ މަސައްކަތެއް،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.