ގަސް ގިނަ މަޑިވަރު ހަނަފަސް ކޮށްލައިފި!

މަތީގައި އެވާ ފޮޓޯއިން އެފެންނަނީ އެއާޕޯޓެއް ހެދުމަށް ގެނެސްފައިވާ ބަދަލާއި ކުރިން އެ ރަށް އޮތް ގޮތެވެ. އެއީ ރުއްގަހުން "ފުރިފައި" އޮތް ޅ. މަޑިވަރެވެ. ނަމަވެސް އެއާޕޯޓަކަށްޓަކައި އެރަށް މިހާރު ވަނީ ހަނަފަސްކޮށްލާފަ އެވެ.


މިއަހަރާ ހަމައަށް އެއީ ސިފައިންގެ ތަމްރީނު މަރުކަޒެކެވެ. އެމްއެންޑީއެފްގެ ނޮދަން އޭރިއާ ހެޑް ކުއާޓާ އެވެ. ޖަންގަލި ބޮޑު ރަށެކެވެ. އިމާރާތްކޮށްފައިވަނީ މަދު އިމާރާތެކެވެ. ދިގުމިނުގައި 1.5 މޭލް ހުންނަ އެރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ގިނަ އަދަދެއްގެ ރުއްގަސް ހުރެ އެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ރުކެވެ. ރަށް ކިތަންމެ ހަނި ނަމަވެސް ރުއްގަސް ގިނަ ކަމުން ރަށުގެ އެއް ފަރާތުން އަނެއް ފަރާތެއް ނުފެނެ އެވެ.

ޅ. މަޑިވަރު ތަރައްގީ ކުރަން ނުފަށާއިރު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އަލީ ޝަރީފް

ޅ. އަތޮޅުގެ ރައްޔިތުންގެ ބޮޑު އުއްމީދަކަށް ވެފައިވާ އެއާޕޯޓް އެޅުމަށް މަޑިވަރު، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލު ކުރީ މިދިޔަ މެއިމަހުގެ ފަހުކޮޅެވެ. ޑޮމެސްޓިކް އެއާޕޯޓެއް ހަދައި އަންނަ އަހަރު ހުޅުވާ ގޮތަށެވެ.

ފެހިކަން ގަދަ އެރަށް އެ ކުންފުންޏާ ހަވާލުކުރީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއެކު ސިޓީ ހޮޓަލެއް ހިންގުމަށެވެ. އެ މަސައްކަތް ފެށިތާ ހަތަރު ވަރަކަށް މަސްވެފައިވާއިރު މިއަދު އެއީ ކުރީގެ ރަށެއް ނޫނެވެ. ރަށުގެ މުޅި ވައު ކޮށާލައި މިއަދު އެއީ ހަނަފަސް ބިމެކެވެ. ކުރިން ރުއްގަހުން ފުރިފައިވާ އެ ރަށުގައި މިހާރު ރުއްގަސް ހުރީ ކުޑަ ސަރަހައްދެއްގައި އެކަންޏެވެ.

މަޑިވަރުން ރުއް ގަސް ކަނޑަޅައި ހަނަފަސްކޮށްލާފައި-- ފޮޓޯ: އަދިއްޔު

އެރަށް ކައިރީގައިވާ ޅ. ނައިފަރު މީހަކު ބުނިގޮތުގައި މަޑިވަރުން ގިނަ އަދަދެއްގެ ރުއް ގަސް ނަގައި އެއްބައި ގަސް އަންދާފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ރުއްގަސް އަލަށް ހަދާ ބައެއް ރިސޯޓްތަކަށް ގެންގޮސް ފައިވާ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ގަސް ހުރީ އެތަނުގައި މަސައްކަތް ކުރާ މީހުން ތިބޭ ސަރަހައްދާއި ތުނޑީގައި ހުރި ރުއްތަކެއް އެކަނި. ކިތަންމެ ހަނި ރަށަކަށް ވިޔަސް ކުރިން އެއީ އެއްކޮޅުން އަނެއް ކޮޅު ނުފެންނަ ރަށެއް. ރުއްގަސް ގިނަކަމުން،" އޭނާ ބުންޏެވެ.

"މިހާރުވެސް އެބަހުރި ކަނޑާފައި ހުރި ރުއް ބުރިތަކެއް އެކި ހިސާބުތަކުގައި ބަހައްޓާފައި. އެކަމަކު އެއީ އެރަށުގައި ހުރި ރުކާ ބަލާއިރު މަދު އަދަދެއް. އަނެއް ބައި ރުއްގަސް ގެންދިޔައީ ކަމަށް މީހުން ބުނަނީ."

އެއާޕޯޓެއް އަޅަން އެ ފެހި ރަށް ހަނަފަސް ކޮށްލުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެކަން ނުހުއްޓުވާ ވަނިކޮށް އެރަށް "ހަލާކު" ކޮށްލުމުން ކިޔާ ފާޑުކިޔުން އިތުރެވެ.

މަޑިވަރު މަތިން ނަގާފައިވާ ވީޑިއޯއެއް--

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެކަމާ ގުޅޭގޮތުން އެއްވެސް އިންސްޕެކްޝަންއެއް ހަދާފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއްނުދެ އެވެ. އެހެންކަމުން އެއީ އީއައިއޭ ހަދައިގެން ކުރަމުން ގެންދާ މަސައްކަތެއްކަން ނުވަތަ ނޫންކަންވެސް އެނގޭގޮތެއްނުވި އެވެ. އެ ސުވާލުތަކަށް އީޕީއޭއިން ޖަވާބެއް ނުދިނެވެ.

ރުއްގަސް ނެގުމާ ބެހޭ ގޮތުން ހަދާފައިވާ ގަވާއިދު ބުނާ ގޮތުން 10 ރުކަށް ވުރެ ގިނައިން ރުއް ކަނޑަން ނުވަތަ އުފުރާ ނަމަ އީޕީއޭގެ ހުއްދައެއް ނަގަން ޖެހެ އެވެ. އަދި 200 ރުކަށް ވުރެ ގިނައިން އެއް ފަހަރާ ރުއް ނަގާ ނަމަ އީއައިއޭ ރިޕޯޓް ހަދަން ޖެހެ އެވެ. ނަމަވެސް ޓޫރިޒަމް މަސައްކަތްތަކަށް ހުއްދަ ދެނީ ޓޫރިޒަމް މިނިސްޓްރީންނެވެ.

މަޑިވަރުގައިި އެއާޕޯޓެއް ހެދުމަށް އެރަށް ހަނަފަސް ކޮށްލާފައިވާއިރު ތިމާވެށީގެ ތަޖުރިބާކާރުން ބުނަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާގައި އަޑުއުފުލަމުން އަންނަ ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ އާދަމް (އެޑަމް) ބުނާގޮތުގައި ވަކި މަޝްރޫއެއް ހިންގުމަށް ކަމަށް ބުނެ ރަށްރަށް ފިނޮޅަކަށް ހެދިގެން ނުވާނެ ކަމަށެވެ.

"މިއީ ވަރަށް ރައްކާތެރިކަން ކުޑަ އަދި ގެއްލުންހުރި ގޮތެއް. ގަހަކީ ފަސްގަނޑު ހިފަހައްޓާ ރަށް ގިރުން ކުޑަ ކޮށްދޭ ވަސީލަތް. އޭގެ ސަބަބުން އުދައެރުން ކުޑަކޮށްދޭ. މިއީ އެކަންކަމަށް ހުރި ނުރައްކަލެއް،" އެޑަމް ބުންޏެވެ.

ރާއްޖޭގެ ފަޅު ރަށްތަކާއި މީހުން ދިރިއުޅޭ ރަށްރަށުން ގިނަ އަދަދަކަށް ރުއް އުފުރައިގެން ގެންދާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެއީ ފަޅު ހިއްކައިގެން ހިއްކާ ރިސޯޓްތަކާއި ހަދާފައިވާ ބައެއް ރިސޯޓްތައް ފެހިކުރުމަށް ކުރާ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ. އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޮތް ބޮޑު ގޮންޖެހުންތަކެއް ކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ބުނެ އެވެ.