ފައިނުގައި އެއާޕޯޓު ހަދަން 5،000 އަށްވުރެ ގިނަ ގަސް ކަނޑަން ޖެހޭ، ތިމާވެއްޓަށް ގެއްލުންތަކެއް ލިބޭނެ: އީއައިއޭ

ރ. ފައިނުގައި އެއާޕޯޓު އެޅުމަށްޓަކައި 5،000 އަށްވުރެ ގިނަ ގަސް ކަނޑަންޖެހޭ ކަމަށާއި އަދި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އެކިވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހެދި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓުގައި ބުނެފި އެވެ.


އެ ރިޕޯޓުގައި ބުނެފައިވަނީ، ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 5،792 ގަސް ކަނޑަންޖެހޭ ކަމަށެވެ. އެއީ އެ ރަށުގެ ގަސް ހެދިފައިވާ ސަރަހައްދުގެ 38 ޕަސެންޓެވެ. އެހެންވެ އެހާ ބޮޑު ސަރަހައްދަކުން ގަސް ކެނޑުމުން ފެންފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ވެސް ގިނަ އަދަދެއްގެ ގަސްތައް ކެނޑުން ކަމަށް ބުންޏެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން މަޝްރޫއު ކުރިއަށް ގެންދާއިރު ސަރުކާރުން ނިންމާފައި ވަނީ އެއާޕޯޓާ އެކު ސިޓީ ހޮޓަލާއި މެޑިކަލް ސެންޓަރަކާއި ބައެއް ކަހަލަ ސާޖަރީތަކުން ރިކަވާ މީހުންނަށް ހިދުމަތް ދޭ ފެސިލިޓީއަކާއި އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް ހާއްސަ ހޭންގަރަކާއި މުވައްޒަފުން ތަމްރީނުުކުރާނެ ތަނެއް ވެސް، ބިމުގައި 59 ހެކްޓަރު އޮތް ފައިނުގައި ހެދުމަށެވެ.

ހުސް ބިންތަކުގެ އިތުރުން ރަށުގެ ފަޅުން ހަތަރު ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައި ވެ އެވެ. ނަމަވެސް އީއައިއޭގައި ފާހަގަކޮށްފައިވާ ގޮތުން ހިއްކަން ހަމަޖައްސާފައިވަނީ 8.3 ހެކްޓަރުގެ ބިމެވެ. އެ ބިން ހިއްކުމުން މޫދަށާއި ފަރުތަކަށް ނޭދެވޭ އަސަރުކުރާނެކަން ފާހަގަކޮށްފައި ވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނަގަން ޖެހޭ ގަސްތަކުގެ ތެރޭގައި ނިކަ ގަހާއި ގިނަ އަދަދެއްގެ ފުނަ ގަސް ހިމެނެ އެވެ. އެގޮތުން ފައިނުގައި ބޮޑެތި 20 ނިކަ ގަސް ހުރިއިރު އެ ގަސްތައް 20 މީޓަރަށް ވުރެ ދިގެވެ. އަދި 30 މީޓަރަށްވުރެ ދިގުވާނެ ކަމަށް ލަފާކުރެވޭ އެ ގަސްތައް އެތައް ސަތޭކަ އަހަރުވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ. ނަމަވެސް އޭގެ ތެރެއިން އަށް ގަސް ހިމެނެނީ ސާފުކުރަންޖެހޭ ސަރަހައްދުގަ އެވެ.

ނަގަން ހަމަޖައްސާފައިވާ ފުނަ ގަސްތަކުގެ ތެރޭގައި 29 މީޓަރުގެ އުސް ފުނަ ގަހެއް ވެސް ހިމެނެ އެވެ. އީއައިއޭގައި ބުނެފައިވަނީ، އެއާޕޯޓު އަޅާ ސަރަހައްދުން ނަގާ ގަސްތައް ރަށުގެ އެހެން ސަރަހައްދެއްގައި ނުވަތަ އެހެން ރަށެއްގައި ނުވަތަ ރިސޯޓެއްގައި އިންދިދާނެ ކަމަށެވެ.

ހެދި ދިރާސާތަކަށް ފަހު، އެ މަޝްރޫއަށް ގެނެވިދާނެ ބަދަލުތައް ވެސް އީއައިއޭގައި ވެ އެވެ. އެގޮތުން ބިންހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބައްޓަން ބޮޑަށް ވައްކޮށްލެވިދާނެ ކަން ފާހަގަކޮށްފައި ވެ އެވެ.

އެއާޕޯޓުގައި 1320 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި 45 މީޓަރު ފުޅާ އޭޕްރަން އޭރިޔާއެއް ހަދާއިރު އެ މަޝްރޫއަށް ރަށުގެ ބިމުން 20.8 ހެކްޓަރު ބިން ނަގާނެ އެވެ.

ފައިނު ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ތަރައްގީކުރަމުން ދާއިރު އެ އެއާޕޯޓަކީ އެ ސަރަހައްދުގެ ރަށްތަކަށް އިތުރު ތަރައްގީ އާއި މަންފާއެއް ލިބޭނެ އެއާޕޯޓެއް ކަމަށް ވެސް އީއައިއޭގައި ވެ އެވެ.

އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މެއި މަހު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފަ އެވެ. އެއް އަހަރުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އެއާޕޯޓު ހުޅުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން އޭރު ބުންޏެވެ.